ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހު ދިވެހި ޤައުމީ ޓީމު މިރޭ ބަންގްދޭޝްއާއި ދެކޮޅަށް އުރީދޫ ސާފްޗެންޕިއަންޝިޕްގައި ކުޅުނު މެޗުން މޮޅުވެ ދިވެހިންނަށް އުފާވެރިކަން ގެނެސްދީފިއެވެ.
ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވި ބަލިވުމާއިއެކު މިރޭ ދިވެހި ޓީމު ވަނީ ރެފްރީގެ ފުރަތަމަ ކަށިގަނޑުން ފެށިގެން މެޗު ނިމުމާއި ހަމައަށް މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ދިވެހި ޓީމުން ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރި ނަމަވެސް ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުމުން ދެވަނަ ހާފުގައި ދިވެހި ޓީމުން ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ހަމަލާތައް ހުއްޓުވުމުގައި، ބަންގްލަދޭޝްގެ ގޯލްކީޕަރުގެ ހުށިޔާރުކަން ވަނީ ފެނިފައެވެ.
ދިވެހި ޓީމުގެ ފޯވާޑު ލައިނުގައި ހިމެނޭ އަލީ އަޝްފާގް، ހަމްޒާ މުހައްމަދު، އަލީ ފާސިރުގެ މޮޅުކުޅުމާއިއެކު ދިވެހި ޓީމުން ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗުގެ 54 ވަނަ މިނިޓުގައެވެ. މިގޯލަކީ ދިވެހި ޓީމަށް ލިބުނު ކޯނަރަކުން، ހަމްޒާ މުހައްމަދު ޖެހި ހިތްގައުމު ގޯލެކެވެ. މިގޯލާއިއެކު ދަނޑަށް ވަދެތިބި ދިވެހި ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދެވެ، މެޗުގެ ފޯރިވަނީ ގަދަވެއެވެ.
ގޯލަށްފަހުވެސް ދިވެހި ޓީމުންވަނީ މޮޅަށް ކުޅެފައެވެ. ޚާއްސަކޮށް މިމެޗުގައި ހަމްޒާ މުހައްމަދުގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމަކީ މިމެޗު ކާމިޔާބު ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އޭނާ ހުއްޓުވުން ބަންގަލަދޭޝްގެ ޓީމަށް ފަސޭހަ ކަމަކަށް ނުވިއެވެ.
މެޗުގައި ދިވެހި ޓީމުން މުހިންމު ވަގުތުތަކުގައި މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މިބަދަލުތަކާއިއެކު ދިވެހި ޓީމުގެ ކުޅުން މެޗު ނިމާއި ހަމައަށްވެސް އެއްވާނެއްގައި ވަނީ ހިފަހައްޓާފައެވެ. މެޗުގެ ރާއްޖެއިން ޖެހި ދެވަނަ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް، ނާއިޒް ހަސަން އެކަނިމާއި އެކަނި އޭރިޔާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް، ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ފަހަތުން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީއަކުން ޖެހި ގޯލެކެވެ. މިގޯލް ކާމިޔާބު ކުރީ ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ އަޝްފާގުއެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޮވިފައިވަނީ އަލީ އަޝްފާގުއެވެ. މިރޭގެ މެޗުން ރާއްޖެ ކާމިޔާބުކުރުމުން ރާއްޖެވަނީ ތިން ޕޮއިންޓާއިއެކު ޓެބަލްގެ ތިންވަނައަށް ޖެހިލައިފައެވެ. މިމުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި މިމަހުގެ 10 ވަނަ ދުވަހު ވާދަކުރާނީ ސްރީލަންކާއާއެވެ.