ޚަބަރު

ބ.އަތޮޅުގެ 3 ރަށަކަށް ފެނަކައިން އާ ޖަނަރޭޓަރު ގެންގޮސްފި


ކަރަންޓުގެ މައްސަލަ ކުރިމަތިން ވަމުންއަންނަ ބ.މާޅޮހާ ހިތާދޫއާ ފުޅަދޫއަށް ޖަނަރޭޓަރ ސެޓް ގެނެސްފިއެވެ.

ފެނަކައިން ވިދާޅުވީ މި 3 ރަށަކީ ކަރަންޓްގެ ޙާލަތު ވަރަށްގޯސްކޮށް އޮތް 3 ރަށްކަމަށާ، މި ޖަނަރޭޓަރުތައް އިންސްޓޯލްކޮށް ނިމި ކަރަންޓް ފޯރުކޮށްދޭންފެށުމުން އެކަމަށް ޙައްލު ލިބޭނެކަމަށެވެ. މީގެތެރެއިން ފުޅަދުއާއި މާޅޮހަކީ ލޯކަލް ޓުއަރިޒަމް ފުޅާދާއިރާއެއްގައި ހިންގަމުންއަންނަ ދެރަށެވެ. މި ޖަނަރޭޓަރު ސެޓުތައް މެދުވެރިކޮށް ކަރަންޓް ފޯރުކޮށްދޭންފެށުމުން މިވިޔަފާރި ކުރުމަށްއޮތް ގޮންޖެހުމަށް ޙައްލު ލިބިގެންދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

މާޅޮހާއި ހިތާދުއަށް ގެންދިޔައީ 400 ކިލޯ ވޮޓުގެ ޖަނަރޭޓަރ ސެޓެކެވެ. ހިތާދޫގައި މި ޖަނަރޭޓަރ ސެޓް އިންސްޓޯލްކުރާނީ މިސަރުކާރުން އެރަށުގައި ޒަމާނީ ފެންވަރަށް ހެދި އާ އިންޖީނުގޭގައެވެ.

ހިތާދޫއަށް ދިމާވެފައިއޮތް ކަރަންޓްގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެރަށު ކޭބަލް ނެޓްވަރކް ރަނގަޅުކުރުމަށް ބަޔަކު ހޯދުމަށް ހުޅުވާލާފައިވާއިރު، އާ އިންޖީނުގެ ހުޅުވާނީ މިމަސައްކަތް ނިމުމުންކަމަށް ފެނައިން މައުލޫމާތުދެއްވައެވެ.

ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އެރަށަށް 400 ކިލޯ ވޮޓްގެ ޖަނަރޭޓަރ ސެޓެއް ސަރުކާރުން ގެންގޮސް މިހާރު ދަނީ އެ ޖަނަރޭޓަރ ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށްދެމުންނެވެ.

ހިތާދޫއަށް މިހާރު ކަރަންޓް ދިނުމަށް ބޭނުން ކުރަނީ 400އާއި 160އާއި 128 ކިލޯ ވޮޓުގެ ޖަނަރޭޓަރެވެ. މާޅޮހުގައި މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ ބާވުމުގެ ސަބަބުން މިރަށުގައި އާއިންޖީނުގެއެއް އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއްވައެވެ.

މާޅޮހުގައި މިހާރު ބޭނުން ކުރާ ޖަނަރޭޓަރުން އެ ރަށުގެ ހުރިހާ ގެއަކަށް ކަރަންޓް ފޯރުކޮށްދޭ ކެޕޭސިޓީއެއް ނުހުންނާތީ ކަރަންޓު ކެނޑުން ފަދަ ކަންކަން ޢާންމުކޮށް ދިމާވާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއްވައެވެ. ފުޅަދުއަށް ގެންދިޔައީ 250 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. ފުޅަދޫގައި ސަރުކާރުން ތަރައްޤީކުރި އާ އިންޖީނުގެއަށް މި ޖަނަރޭޓަރު ސެޓް ގެންގޮސްފައި ވާއިރު، ކޭބަލް ނެޓްވަރކްގެ މަސައްކަތް ނިމުމުން އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށޭނެކަމަށް ފެނަކައިން ބުނެއެވެ.

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި، މުޅިން ޙައްލު ކުރުމަށް ފެނައިކައިން ދަނީ މަސައްކަތް ކުރަމުންނެވެ.