ޚަބަރު

ސްޓެލްކޯގެ ދުން ހޮޅިތައް އުސްކުރަން އެންގުމަށް މަޖިލީހުން ފާސްކޮށްފި


ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އިންޖީނުގޭގެ ދުންހޮޅިތައް އުސްކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސްޓެލްކޯގެ އިންޖީނުތަކުން ބޭރުވާ، ދުމާއި ވަހުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުދަގޫތަކާ ކުރިމަތިވާތީ މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނުދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމްއެވެ. މިމައްސަލައިގެ ރިޕޯޓް ފާސްކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 35 މެމްބަރަކު ވޯޓު ދެއްވިއެވެ.

މިމައްސަލަ މަޖިލީހުގެ ސްޓޭޓް އޯން އެންޓްޕްރައިސްއާއި އެންވަޔަރަންމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީއަކުން ބެލުމަށްފަހު އެކުލަވާލި ރިޕޯޓްގައި 7 ކަމެއް ކުރަން އަންގަން ހުށަހަޅާފައިވެއެވެ.

މަޖިލީހުން ހުށަހެޅި ކަންތައްތައް

  • 1. ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުމާއި، ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން
  • 2. ސަރަހައްދުގައި ދިރިއުޅޭ މީހުނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމަން އެދުން
  • 3. ސްޓެލްކޯ އިންޖީނުގެތައް ހިންގަނީ ޤަވާޢިދާ އެއްގޮތައްތޯ ބަލަން ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުން
  • 4. ވައިގެ ކޮލިޓީއާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި މުވައްޒަފުން ތަމްރީނު ކުރުން
  • 5. މާލެއަށް ކަރަންޓުދޭން ނިންމާފައި ވަނީ ތިލަފުއްޓާއި ހުޅުމާލެއިން ކަމަށްވާތީ އެ މަޝްރޫޢުތައް ނިންމަން މަސައްކަތް ކުރުން
  • 6. ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުން
  • 7. ވަގުތީގޮތުން ބޭނުންކުރުމަށް ސްޓެލްކޯއާ ޙަވާލުކޮށްފައިވާ މަގުތައް ޢާންމުންނަށް ބޭނުން ކުރެވޭގޮތަށް ހުޅުވާލުމާއި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

މީހުން ދިރިއުޅޭ ސަރަޙައްދުގައި ސްޓެލްކޯ އިންޖީނުގެ ހުރުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ނަފްސާނީގޮތުންނައި ސިއްޙީގޮތުންވެސް ގެއްލުންތަކެއްވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ގެތަކަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނާތީ، އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލުން ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.