ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ބައްދަލުވުމުގެ ޙަވާސާގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ.
ރައީސުލްޖުމްހުރިއްޔާ ވަނީ ޢަބްދުﷲ ޝާހިދު އދ. ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައިވާ "ފައިވް ރޭސް އޮފް ހޯޕް" ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މިގޮތުން، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ވަނީ، 2022ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒުހިފާފައިވާކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ.
އަދި، އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ވަނީ އެމަނިކުފާނު އެ މަޤާމަށް ކުރިމަތިލުމާ ހަމައިން ފެށިގެންވެސް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ދިވެހި ދަރިޔަކަށްވެ އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފުރުޞަތު ލިބުމަކީ އެމަނިކުފާނަށް ލިބުނު ޝަރަފެއްކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ޤައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ޤާއިމު ކުރުމަށްކަމުގައި ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޢަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި އ.ދ. ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމު އެމަނިކުފާނަށް ކާމިޔާބުކުރެއްވުމުން ރަމްޒުކޮށްދެނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގަނެފައިވާކަމެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ މި ކާމިޔާބީގެ ފަހަތުގައި ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޤާބިލްކަމާއި ފަންނުވެރިކަން މުހިންމު ދައުރެއް އަދާކުރާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުންވެސް ޢަބްދުﷲ ޝާހިދު ވަނީ މިންތީގެ ހަމަހަމަކަމަކީ އެމަނިކުފާނުގެ ރިޔާސަތުގައި އިސްކަންދެއްވާނެ ދާއިރާއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނަންގަވާފައިވާ މުހިންމު ފިޔަވަޅުތަކާގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ ސަފީރުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަން ޢަބްދުﷲ ޝާހިދު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ.