ޚަބަރު

މިއަހަރު އެންމެ ގިނަ އަދަދަކަށް ޤާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނީ ކުޑަކުދިންނަށް


ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވަކީލުން ހަމަޖައްސައިދީފައިވަނީ ކުޑަކުދިންގެ މައްސަލަތަކުގައިކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި، ދައުލަތުން 140 މައްސަލައެއްގައި ޝާމިލުވާ މީހުންނަށް ވަނީ ދައުލަތުގެ ވަކީލުން ހަމަޖައްސާފައެވެ. މީގެތެރެއިން ދައުލަތުން އެންމެ ގިނަ އަދަދަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން ޖިނާއީ އެކި ކުށްތަކުގައި، 74 ކުއްޖަކަށް ވަނީ ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޤާނޫނު ބުނާގޮތުން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރު ކުރެވޭ، ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދޭންޖެހެއެވެ.

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 74 ކުޑަކުދިންގެ އިތުރުން، 18-30 އަހަރާއި ދެމެދުގެ 28 މީހަކަށާއި، 31-50 އަހަރުގެ 31 މީހަކަށާއި، 51 އަހަރުން މަތީގެ 7 މީހަކަށް ވަނީ ދައުލަތުން ވަކީލުން ހަމަޖައްސާފައެވެ.

ކުޑަކުދިންނަށް ދައުލަތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 8 ބާވަތެއްގެ ކުށްތަކުގައި ޝާމިލުވާ ކުޑަކުދިންނަށެވެ. އޭގެ ތެރޭގައި މީހުން މެރުމާއި، މާރާމާރީއާއި، މަސްތުވާތެއްޗާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި ޝާމިލުވާ ކުދިންވެސް ހިމެނެއެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތްމީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު އައްޔަންކޮށް ދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. ޤާނޫނީ އެހީއަށް އެދުނު މީހުންގެ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން 16 މީހަކަށް ލީގަލް އެއިޑް ދީފައިނުވެއެވެ.