މި ސަރުކާރު ވެރިކަމަށް އައިފަހުން ދިގުރަށު ހެލްތު ސެންޓަރަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ދިގުރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ދިގުރަށު ކައުންސިލުން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލުންވަނީ ދިގުރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި، ދިގުރަށު ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.
އެގޮތުން، ޓުއަރިޒަމް ރަށުގައި ވަރަށް ބޮޑަށް ފުޅާވަމުންދާތީ ހެލްތު އެންޑް ސޭފްޓީއަށްޓަކައި ތަމްރީނު ވެފައިތިބޭ މީހުން ބޭނުންވާކަމަށާއި، ހެލްތު ސެންޓަރަށްވެސް އެކަމަށް ޚާއްޞަ އިތުރު ފެސިލިޓީސް ބޭނުންވާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ ބަނދަރުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާ ރަށުގެ ސްކޫލަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ފެސިލިޓީތައް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ތަފްޞީލުކޮށް އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ރަށުގައި އޭ ލެވެލް އުފެއްދުމަށް ބޭނުންވާކަމަށާއި، ޔޫތު ސެންޓަރެއް ހެދުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އެއްވެސް ރަށެއް ބަކީ ނުކޮށް ތަރައްޤީގެ މަޝްރޫޢު ހިންގުމުގައި ރަށުގެ ކައުންސިލްރަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ. އަދި ހަމަ އެގޮތަށް އެރަށަކަށް ވެފައިވާ ވަޢުދެއް ފުއްދުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ކައުންސިލުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތައް އެކަމާ ގުޅޭ މިނިސްޓްރީތަކާއި ވާހަކަދައްކަވައިގެން ވީ އެންމެ އަވަހަކަށް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެތެރެއިން ކައުންސިލްގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު، ކައުންސިލުން އިސްނަގައިގެން ސްކޫލުކުދިންގެ ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަށާއި ފަތަން ދަސްކޮށްދިނުމަށް ޙާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ. އަދި ކުޑަކުދިންގެ ސަލާމަތާއި، ރައްކާތެރިކަމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށްވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބާރުއަޅުއްވައި ވާހަކަ ދައްކަވާފައެވެ.
މީގެ އިތުރުން ދިގުރަށުގައި ޓުއަރިޒަމްގެ ދާއިރާ ފުޅާވަމުންދާއިރު އެޗް.ޕީ.އޭގެ ޤަވާޢިދުތަކަށް ބަލައި ޤަވާޢިދުގެ ތެރެއިން ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ބައްދަލުކުރެއްވުމުގައި ވިދާޅުވިއެވެ.