ޚަބަރު

ތެވެލި މަހާސިންތާގައި މިފަހަރު 60 އަށްވުރެ ގިނަ ދިރާސާ ކަރުދާސް


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ބާއްވާ ހަތަރުވަނަ ތެވެލި ބައިނަލްޢަޤްވާމީ މަހާސިންތާ ފަށައިފިއެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި މަހާސިންތާ ފައްޓަވާދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަންއެވެ. މިއަހަރުގެ މަހާސިންތާގެގެ ތީމަކީ "ރިސާޗް ޓުވާޑްސް ޕެންޑަމިކް ރެސްޕޯންސް ރިކަވަރީ އެންޑް ރެޒިލިއަންސް" އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ މި މަހާސިންތާ މިއަހަރު ޚާއްސަކޮށްފައިވަނީ ކޯވިޑާއި މިނޫންވެސް މިފަދަ ކާރިސާތަކުގައި އަދި ކާރިސާއަށް ފަހު ވެސް އެކި އެކި ދާއިރާތަކުން ކުރާ އަދި ކުރަމުންދާ މަސައްކަތުގެ މައްޗަށް ކުރެވޭ ދިރާސާތަކަށެވެ. މިމަހާސިންތާއަކީ ތަފާތު އެކި ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސްކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް މަހާސިންތާއެވެ.

މި މަހާސިންތާގެ އެންމެ މުހިންމު މަޤުޞަދަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށްވުމެވެ. މީގެ އިތުރުން ދިވެހި ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއ ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުންވެސް މިމަހާސިންތާގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

2 ދުވަހުގެ މުއްދަތަށް ޤައުމީ ޔުނިވަރސިޓީގައި ބާއްވާ މި ކޮންފަރަންސްގައި ރާއްޖެއިން ބޭރުންނާއި ރާއްޖޭގެ ކުންފުނިތަކާއި މިނިސްޓްރީތަކާއި މަތީ ތަޢުލީމް ދޭ މަރުކަޒުތަކާއިއެކު ޖުމްލަ 400 ބައިވެރިން ހަރަކާތްތެރިވެއެވެ. އަދި 60 އަށް ވުރެ ގިނަ ޕޭޕަރު ހުށަހަޅާނެ ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުގައި މަތީ ތައުލީމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެވި ކުރިއަށް އޮތްތަނުގައި މިފަދަ ބަލިމަޑުކަމެއް ނުވަތަ ހާދިސާއެއް ދިމާވެއްޖެނަމަ ތައްޔާރުވުމަށް ދިރާސާތައްކުރުމަކީ މުހިއްމުކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ދަނޑިވަޅަކީ މި ބަލިމަޑުކަމުން އަރައިގަނެ އަނެއްކާވެސް ޤައުމުގެ އިޤްތިޞާދީ ހާލަތާއި ދިމާވި ދަތިތަކުން އަރައިގަންނަން ފަށާފައިވާ ދަނޑިވަޅުކަމަށެވެ. ދިރާސާތަކެއް ކޮށްގެން މިހާރު ދިމާވެފައިވާ މައސަލަތަކަށް ހައްލުހޯދުމަކީ މުހިއްމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިމަހާސިންތާގައި ހުށަހަޅާ ދިރާސީ ކަރުދާސްތައް ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ފުރުސަތަކަށް ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާ ކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވުމާއެކު، މިއީ ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ޚާއްޞަ މަހާސިންތާއަކަށް ވެގެންދާނެ ކަމަށް ޔުނިވަރސިޓީން ވިދާޅުވެއެވެ.

ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދާ މި މަހާސިންތާގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހޯދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދާފައިވާ ހޯދުންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.