އައި ފިލްމްސާއި ކަޒްމިކް އިންޓަރނޭޝަނަލް ގުޅިގެން ތައްޔާރުކުރާ ކުރު ފިލްމު "ޒައްރޫކް"ގެ ޓީޒަރ ދޫކޮށްލައިފިއެވެ. މީ 2019 ވަނަ އަހަރު ސަޕްރައިޒިން ފިލްމު "ބަވަތި" ދޫކޮށްލި ކާމިޔާބު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އާއި ކަޒްމިކް ގުޅިގެން ގެނެސްދިން ކުރު ފިލްމު "މަޒްލޫމް" ގެ ދެވަނަ ޗެޕްޓަރ އެވެ.
މި ފިލްމުގެ މެއިން ކާސްޓަކީ އުމުރުން އެންމެ 11 އަހަރުގެ ކުޑަކުޑަ މުހައްމަދު މާހިލްއެވެ. "ޒައްރޫކް" އަކީ މާހިލްގެ ބެސްޓް ފްރެންޑެވެ. އެކަމަކު މާހިލްގެ ބެސްޓް ފްރެންޑް "ޒަރޫކް" ވާހަކަތައް މާހިލްގެ މަންމަ އަހަނީ ވަރަށް ބިރުން ހުރެއެވެ. މޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުވެރިކަމެވެ. މީ ޓީޒަރގެ ތަންކޮޅެކެވެ.
މާހިލް އިތުރުން ދެން މި ފިލުމުން ފެނިގެންދާނީ އައި ފިލްމްސްގެ ކުރިޔަށް އޮތް ފީޗަރ ފިލްމު "ނީނާ" ގެ ބަތަލު ޝަރަފު އަބްދުﷲ އާއި ބައިސްކޯފްގެ ސީރީޒް "އެހެނަސް" އިން ތައާރަފުވި ނަތާޝާ ޖަލީލެވެ.
"މަޒްލޫމް" ގޮތަށް "ޒައްރޫކް" އަކީވެސް މުޖްތަމައުގައި ހިނގާ ސޯޝަލް އިޝޫއަކަށް ބިނާކޮށް ހަދާފައިވާ ކުރު ފިލްމެއްކަމަށް އިއްލެ ވަނީ ބުނެފައެވެ.
ވަޒީފާގެ މާހައުލުގައި ރޭފްގެ ޝިކާރައަކަށްވި ދެ އަންހެން ކުއްޖެއްގެ ވާހަކަތައް ގެނެސްދޭ 45 މިނެޓްގެ ކުރު ފިލްމު "މަޒްލޫމް"ގެ ތަރިންގެ ތެރޭގައި އިއްލެގެ ކާމިޔާބު ފިލްމު "ބަވަތި"ގެ ދެ ތަރިންކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހްމަދު އިފްނާޒް ފިރާގް ހިމެނެއެވެ. ދެން ހިމެނޭ ތަރިންގެ ތެރޭގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދާއި ޝަރަފު އަބްދުﷲ އަހްމަދު ޝާރިފްވެސް ހިމެނެއެވެ.