މުނިފޫހިފިލުވުން

މިފަހަރުގެ އައިޑޮލް އަކީ ޕަވަންދީޕް


ނުވަ މަހުގެ ދިގު ޝޯތަކަށް ފަހު އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަންގެ ޗެމްޕިއަނަކަށް ޕަވަންދީޕް ރަންޖަން ހޮވައިފިއެވެ. މި ޝޯގެ ފިނާލޭ ރޭ ބާއްވާފައިވަނީ އިންޑިއާގެ 75 މިނިވަންދުވަހާއި ދިމާކޮށެވެ. އަދި ޝޯގެ ފިނާލޭ ވަނީ 12 ގަޑިއަރަށް ކުރިޔަށް ގެންގޮސްފައެވެ.

ޝޯގެ އެއްވަނައަށް ދިޔަ ޕަވަންދީޕަށް އިނާމެއްގެ ގޮތުން އިންޑިއަން އައިޑޮލްގެ ޓޮރްޕީގެ އިތުރުން 25 ލައްކަ އިންޑިއަން ރުޕީސްއާއި ކާރެއް ވަނީ ދީފައެވެ. ޝޯގެ ދެ ވަނަ ހޯދީ އަރުނިތާ އާއި ސައިލީއެވެ. މި ދެ ލަވަކިޔުންތެރިންނަށް އިނާމެއްގެ ގޮތުގައިވަނީ 5 ލައްކަ އިންޑިއަން ރުޕީސް ދީފައެވެ.

ޝޯގެ ތިންވަނަ އަދި ހަތަރު ވަނައަކީ ދާނިޝްއާއި ނިހާލްއެވެ. މި ދެމީހުންނަށް އިނާމެއްގެ ގޮތުގައި 3 ލައްކަ އިންޑިއަން ރުޕީސް ވަނީ ދީފައެވެ. މީގެއިތުރުން ޝޯގެ ފައިނަލަށް ދިޔަ 6 ބައިވެރިންނަށް ކޮންމެ ބައިވެރިޔަކަށް 75 ހާސް ރުޕީސްވެސް ވަނީ ދީފައެވެ.

މި ފަހަރުގެ ޝޯގައި އެންމެ ފަހުން ތިބި 6 ބައިވެރިންވަނީ ފައިނަލިސްޓުންގެ ގޮތުގައި ފިނާލޭއަށް ގެންގޮސްފައެވެ.

ޝޯގެ ޖަޖުންގެ ގޮތުގައި ފެށުނުއިރު ތިބީ ހިމޭޝް ރޭޝްމިޔާއާއި ނޭހާ ކައްކަރާއި ވިޝާލް ޑަޑްލާނީއެވެ. އެހެންނަމަވެސް ކޯވިޑާއި ގުޅިގެން މެދުކެނޑުމަށްފަހު އަލުން ޝޯތައް ފަށާ ވަކި ހިސާބަކުން ޖަޖުންގެ ޕެނަލުން ނޭހާއި ވިޝާލް ވަނީ ގެއްލިފައެވެ. ވިޝާލްގެ ބަދަލުގައި ދެން ޖަޖެއްގެ ގޮތުގައި ފެނުނީ ކުރިންވެސް އައިޑޮލްގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނިކޮށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން ޝޯއިން ވަކިކުރި އަނޫ މާލިކްއެވެ. ނޭހާ ކެއްކަރުގެ ބަދަލުގައި ޖަޖުންގެ ޕެނަލުން ޖާގަ ހޯދީ އޭނާގެ ކޮއްކޮ ސޯނޫ ކައްކަރެވެ.

މި ފަހަރުގެ ޝޯގައި ގެސްޓުންގެ ގޮތުގައި ދިޔަ ގިނަ ބަޔަކުވަނީ ޝޯއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ޝޯގެ ބައިވެރިންނަށް ހައްގު ނޫން ތައުރީފްކުރުމަށާއި ތައުރީފްގެ ބަސްތައް ނޫން އެެއްޗެއް ނުބުނުމަށް ޝޯގެ ޕްރޮޑިއުސަރުން އަންގާފައިވާކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި އެކަމަާއި ގުޅިގެން ބައެއް ފަންނާނުން ޝޯގައި ބައިވެރިވާންވެސް ވަނީ ދެކޮޅު ހަދާފައެވެ.