ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލއިގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ކަރެކްޝަނުން ފަށައިފިއެވެ.
ކޯޓަށް ހާޒިރުވާން އެންގުމުންވެސް ހާޒިރު ނުވެ ހުރުމަތް ކަނޑާލި މައްސަލައިގައި އަލީ ވަހީދު 2 މަހާއި، 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ އިއްޔެއެވެ. އަލީ ވަހީދުގެ ހުކުމް ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ މިއަމުރާއި ގުޅިގެން ކަރެކްޝަންސްއިން ވިދާޅުވީ، ހުކުމުގެ އަމުރު މިއަދު ހެނދުނު ކަރެކްޝަންސްއަށް ލިބިފައިވާކަމަށެވެ. އަދި މިފަދަ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނެތް މީހެއްގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި، ފުލުހުންގެ ކިބައިން އެދޭނެކަމަށެވެ. އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
އިއްޔެ ބޭއްވި އަލީ ވަހީދުގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ އަމުރަށް ތަބާވެފައި ނުވާއިރު، ޤާނޫނު އަސާސީއާއި ގާނޫނުތައް ނެގެހެއްޓުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތަކަށްވާއިރު، އެކަން ސުޕްރީމް ކޯޓުން ދަމަހައްޓާނެކަށެވެ. އަދި ހަމައެހެންމެ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަމަލުކުރުމަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނާއި، ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއްކަމަށްވާއިރު، ވަކި މީހެއް ފަރަގު ނުކޮށް ހަމަހަމަ ކަމާއިއެކު އެންމެންނާއި މެދު އަމަލުކުރާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.