މުނިފޫހިފިލުވުން

ފަރްހާންގެ މި ރޯޑް ޓްރިޕްގައި ޕްރިޔަންކާ، އާލިއާ އަދި ކެތްރީނާ


ފަރްހާން އަހްތަރު މި ހަފްތާގައި ފާހަގަކުރަމުން އަންނަނީ އެނާ އެންމެ ފުރަތަމަ ޑައިރެކްޓްކުރި ކާމިޔާބު ފިލްމު " ދިލް ޗަހަތާ ހޭ " އަށް 20 އަހަރު ފުރުމެވެ. 2001 ވަނަ އަހަރު ފަރްހާންގެ އަމިއްލަ ވާހަކައަކަށް ޑައިރެކްޓްކުރި މި ފިލްމު ވަނީ އެ އަހަރުގެ އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ނަން ހިމަނާ ބެސްޓް ފިލްމު އަދި ބެސްޓް ޑައިރެކްޓަރގެ ކެޓަގަރީން ފިލްމު ފެއަރ އެވޯޑްގައި ވާދަކޮށްފައެވެ.

އޭރު ބޭނުންކުރަމުންދިޔަ މުސްކުޅި ގޮތްތައް ބަދަލުކޮށްލާ މޮޑާން ޒުވާން 3 ފިރިހެނެއްގެ ރޯޑް ޓްރިޕަކަށްފަހު ދިމާވާ ހާދިސާތަކެއް ވާހަކަތައް ގެނެސްދިން މި ފިލްމަށް އެއަހަރުގެ ނޭޝަނަލް ބެސްޓް ހިންދީ ފިލްމުގެ އެވޯޑްވެސް ވަނީ ލިބިފައެވެ. އާމިރުހާނާއި ސައިފް އަލީ އާއި އަކްޝޭ ކަންނާ ހިމަނައިގެން އުފެއްދި މި ފިލްމަށްފަހު އޭގެ 10 އަހަރު ފަހުން އަނެއްކާވެސް ފަރްހާން ވަނީ މި ފަދަ މޮޅު ފިލްމެއް ގެނެސްދީފައެވެ.

އެ ފަހަރުގެ ފިލްމަކީވެސް ހަމަ ރޯޑް ޓްރިޕެއްގެ ވާހަތަކެވެ. ފަރްހާނާއި ރިތިކް ރޯޝަނާއި އަބޭ ޑިއޯލް ލީޑުން ފެނިގެންދިޔަ މި ރޯޑް ޓްރިޕަށް ދިން ނަމަކީ " ޒިންދަގީ ނާ މިލޭގާ ދުބާރާ " އެވެ. މި ފަހަރުގެ ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީ ކޮއްކޯ ޒޯޔާ އަހްތަރުއެވެ. އެހެންނަމަވެސް މަޖާ ޑައިލޮޖްތަކެއް ހިމެނިގެން ދިޔަ މި ފިލްމުގެ ޑައިލޮގްތައް ލިޔުނީ ފަރްހާންއެވެ. މި ދެ ފިލްމާއި އެކު މިފަދަ ފިލްމެއް ހުސް އަންހެން ތަރިން ހިމަނައިގެން ގެންނާނެ ވަގުތެއްގައި ފަރްހާންގެ ފޭނުން ތިބީ ކެތްމަދުވެފައެވެ.

މި އިންތިޒާރަށް ނިމުން އައިކަން ފަރްހާން މިވަނީ އިއުލާންކޮށްފައެވެ. އޭނާގެ ކާމިޔާބު ފިލްމު "ދިލް ޗަހަތާ ހޭ" 20 އަހަރު ފުރުމާއި އެކު ބޮލީވުޑްގެ ކާމިޔާބު 3 އަންހެން ތަރިންނާއި އެކު ފަރްހާން މިވަނީ ފިލްމެއް އިއުލާންކޮށްފައެވެ.

ފަރްހާންގެ މި ފަހަރުގެ ފިލްމަކީ " ޖީލޭ ޒަރާ" އެވެ. ތަރިންނަކީ ޕްރިޔަންކާ ޗޯޕްރާއާއި އާލިއާ ބަޓާއި ކެތްރީނާ ކައިފްއެވެ. މި ފިލްމު އިއުލާންކުރަމުން ފަރްހާން ބުނީ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށަން ތައްޔާރުވަމުން އަންނަކަމަށެވެ. އަދި ކުޑަ ޓީޒާރއެއްވެސް ފަރްހާން ވަނީ އޭނާގެ ފޭނުންނަށް ދޫކޮށްލާފައެވެ.

ފަރްހާން ފިލްމު އިއުލާންކުރިތާ އިރުކޮޅެއް ފަހުން ޕްރިޔަންކާވެސް ވަނީ އެނާގެ އިންސްޓަރގްރާމްގައި ދިގު ބޮޑު ޕޯސްޓެއް ކޮށްފައެވެ. ޕްރިންޔަންކާ ބުނީ ހިންދީ ފިލްމެއްގެ އިންތިޒާރުގައި ހުއްޓާ މި ލިބުނު ފިލްމަކީ މިހާތަނަށް ނަހަދާ ވައްތަރުގެ ތަފާތު ސަޅި ފިލްމެއްކަމަށެވެ.

" ޖީލޭ ޒަރާ " އަކީ ފަރްހާން އަހްތަރާއި ކޮއްކޮ ޒޯޔާއި އަހްތަރާއި ރީމާ ކަގްތީގެ ވާހަކައެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޒޯޔާއި އަހްތަރާއި ރީމާ ކަގްތީގެ އިތުރުން އެކްސެލް އެންޓަޓެއިންމަންޓް އެވެ.