މުނިފޫހިފިލުވުން

ބޮލީވުޑް ސެޓްތަކުން


ކަލާރސް ޓީވީން ގެނެސްދޭ ޑްރާމާ ސީރީޒް "ބާވަރާ ދިލް" މިމަހު 20ގައި ނިންމާލާނެކަން ޕްރޮޑަކްޝަން ޓީމުން އިއުލާންކޮށްފިއެވެ.

އަދިތްޔާ ރެޑްޖީ އަދި ކިންޖަލް ދަމޭޗާ ލީޑްރޯލުން ފެނިގެންދާ މި ސީރީޒް އަކީ މަރާތީ ސީރީޒް "ޖީވް ޔަލާ ޔޭދާ ޕިސާ" ގެ ހިންދީ ކޮޕީއެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު ދައްކަން ފަށާފައިވާ މި ސީރީޒް ޕްރޮޑިއުސްކޮށްފައިވަނީ ކަލްޔާނީ އަދި ނިކިލް ސޭތް އެވެ.

ގޯއާގައި ޝޫޓް ކުރަމުންދިޔަ މި ޝޯގެ ޝޫޓިންތައް ގުޖުރާތުގެ ވަލަސަދަށް ބަދަލުކުރަން ޖެހުމުން ގިނަ މައްސަލަތަކާއި ޕްރޮޑަކްޝަން ޓީމުން ވަނީ ކުރިމަތިލާންޖެހިފައެވެ. ތަރިންގެ އެކޮމަޑޭޝަނާއި ޝޫޓްކުރާނެ ލޮކޭޝަންތަކުގެ މައްސަލަ ދިމާވެ ޝޫޓިންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއާއި އެކު އައު އެޕިސޯޑުތައް ނުދެއްކި ހުއްޓުމުކަށް އައުމުން ޗެނަލުން ވަނީ މި ސިރީޒަށް އައު ޕްރޮޑިއުސްރެއްވެސް ހޯދާފައެވެ.

އައިޝްވަރިޔާގެ ޚާއްޞަ ލަވައެއް

ކުޅަދާނަ ބޮލީވުޑް ބަޠަލާ އައިޝްވާރިޔާ ރާއީގެ ކުރިއަށް އޮތް ފިލްމު "ޕޮނިޔަން ސެލްވޭން" މިދިޔަ މަހު ވަނީ ރަސްމީކޮށް އިޢުލާނު ކޮށްފައެވެ.

އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިންތައް މިހާރު ފަށާފައިވާއިރު ، އައިޝްވާރިޔާގެ ޚާއްޞަ ލަވައެއްގެ ޝޫޓިން ހައިދަރުއާބާދުގައި ވަރަށް އަވަހަށް ފަށާނެއެވެ.

އައިޝްވާރިޔާގެ އިތުރުން ގިނަ ތަރިންތަކެއް ހިމެނޭ މި ފިލްމުން ވިކްރަމް، ކާތީ، ތްރިޝާ ކްރިޝްނަން އަދި ޕްރަކާޝް ރާޖްވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.

ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭ މި ފިލްމަކީ ތާރީޚީ ޑްރާމާއެކެވެ. 1995 ވަނަ އަހަރު ކަލްކީ ކްރިޝްނަމުރުތީ ނެރުނު ނޮވެލް "ޕޮނިޔިން ސެލްވޭން" ގެ މައްޗަށް އުފައްދާ މި ފިލްމުގެ ޕްލޮޓްގައި ދައްކަނީ ދެކުނު އިންޑިއާގައި އުޅުނު ނުފޫޒުގަދަ ރަސްކަލެއްގެ ވާހަކައެވެ.

އޮސްކާ ވިނަރ އޭރް ރަޙްމާނުގެ ބެކްގްރައުންޑް މިޔުޒިކް ހިމެނޭ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ މަދަރާސް ޓޯކީސް އަދި ލިސާ ޕްރޮޑަކްޝަނުންނެވެ. "ޕޮނިޔިން ސެލްވޭން" އަކީ ފިލްމީ މަސައްކަތާއި ދުރުގައި އައިޝްވާރިޔާ ހުންނަތާ 4 އަހަރަށްފަހު ކުޅޭ ފުރަތަމަ ފިލްމެވެ.

"'މިސިޒް ޗަތުރުވަދީ ވާރސަސް ނޯވޭ" ގެ ޝޫޓިންތަކަށް ރާނީ

އާޝިމާ ޗިއްބަރު ޑައިރެކްޓްކުރާ ތިއަރަޓިކަލް ފިލްމު "މިސިޒް ޗަތުރުވަދީ ވާރސަސް ނޯވޭ" ގެ ޝޫޓިންތަކަށް ރާނީ މުކަރްޖީ ފުރައިފިއެވެ.
ދެތިން ދުވސްތެރޭގައި ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް މަސްދުވަހަށް ދެމިގެންދާނެކަމަށް ބެލެވެއެވެ. މި ފިލްމަކީ ރާނީ ވަރަށް ބޭނުންވެގެން މަސައްކަތްކުރާ ފިލްމެއްކަމުން ފިލްމު ޝޫޓިންތައް ފަށާނެ ދުވަހަކަށް ރާނީ ހުރީ ވަރަށް އިންތިޒާރުކޮށްގެންނެވެ.

މުޅި ޤައުމާއި ދެކޮޅަށް މަންމައަކު ކުރާ ޖިހާދު ދައްކައިދޭ މި ފިލްމު ޕްރޮޑިއުސް ކުރަނީ ނިކިލް އަދުވަނީ އާއި އެމާއެންޓަރޓެއިންމަންޓުން ޒީ ސްޓޫޑިއޯސް އިންނެވެ.

ރާނީ އެންމެފަހުން ފެނިފައިވަނީ ފިރިމީހާ އަދިތްޔާ ޗޯޕްރާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމު "މަރްދާނީ 2" ންނެވެ. ވަރުން ވީ ޝަރުމާ ޑައިރެކްޓްކުރާ ކްރައިމް ކޮމެޑީ "ބަންޓީ އޯ ބަބްލީ 2" ގެ މަސައްކަތްވެސް ރާނީ މިހާރު ނިންމާލަފައެވެ. ރާނީއާއިއެކު ދެން ފިލްމުގައި ފެންނާނީ ސައިފް ޢަލީޚާން، ސިދާންތް ޗަތުރުވެދީ އަދި ޝަރްވާރީ ވާގްއެވެ.

"ސޫރަރާއި ޕޮޓްރޫ" ގެ ހިންދީ ރީމޭކްގެ މައްސަލަ ކޯޓަށް

ތަމަޅަ ފިލްމުތައް ޕްރޮޑިއުސްކުރާ ސޫރިޔާގެ އެންމެ ފަހުގެ ފިލްމު "ސޫރަރާއީ ޕޮޓްރޫ" ސިނަމާތަކުގެ ބަދަލުގައި އެމެޒޯން ޕްރައިމް ވީޑިއޯ ރިލީޒްކޮށްފައިވާއިރުވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި ފިލްމު ވަނީ ހިޓަކަށްވެފައެވެ.

މިއާއެކު މި ފިލްމުގެ ހިންދީ ރީމޭކެއް އުފައްދާ ވާހަކަ ވަނީ ދެކެވިފައެވެ. އަދި މި ރީމޭކް އުފައްދަން ސޫރިޔާގެ 2 ޑީ އެންޓަރޓެންމަންޓާއި ވިކްރަމް މަލޯތްރާގެ އަބޫދަންތިއާ އެންޓަރޓެއިންމެންޓުން ވަނީ ނިންމާފައެވެ. އޮރިޖިނަލް ތަމަޅަ ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ސޫރިޔާ އަދި ގުނީތު މޮންގާގެ ސިކްޔާ އެންޓަރޓެއިންމަންޓުންނެވެ.

ފިލްމުގެ ހިންދީ ރީމޭކް ސޫރިޔާ އަދި ވިކްރަމް އުފައްދަން ނިންމުމާއިއެކު ގުނީތު ވަނީ މަދްރާސް ހައިކޯޓަށް މިކަން މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައެވެ. ގުނީތު ބުނިގޮތުގައި ހިންދީ ރީމޭކް އުފައްދަން އެއްބަސްވެފައި އޮންނާނީ ސޫރިޔާއާއި އޭނާއާއިއެކުގައި ކަމަށެވެ. އަދި ދެ މީހުންގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ސޫރިޔާ ޚިލާފުވެފައިވާކަމަށްވެސް ގުނީތު ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

މީގެ މަހެއްހާ ދުވަސްކުރިން ސޫރިޔާ އާއި ވިކްރަމް ވަނީ ފިލްމުގެ ހިންދީ ރީމޭކް އުފައްދާނެކަމަށް އިޢުލާނުވެސްކޮށްފައެވެ. ކެޕްޓަން ޖީއާރް ގޯޕީނާތުގެ ފޮތް "ސިމްޕްލީ އަ ފްލައި:އަ ޑެކާން އޮޑެސީ" ގެ މައްޗަށް އުފައްދާފައިވާ އޮރިޖިނަލް ފިލްމު ޑައިރެކްޓްކޮށްފައިވަނީ ސުދާ ކޮންގާރާއެވެ. އަދި ހިންދީ ރީމޭކްވެސް ޑައިރެކްޓްކުރާނީ ސުދާކަމަށާއި ފިލްމުގެ ލީޑް ރޯލުން ފެންނާނީ ބޮލީވުޑް ތަރި އަކްޝޭ ކުމާރުކަމަށް ބައެއް ހަބަރުތައް ބުނެއެވެ.