ޚަބަރު

ހުރިހާ ބޯޑަރު އޮފިސަރުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގެ ބޯޑަރުގައި ޙަރަކާތްތެރިވާ އިމިގްރޭޝަންގެ ހުރިހާ އޮފިސަރުން ކޯވިޑްއިން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިއީ ރައީސް އޮފީހުން އިސްނަންގަވައިގެން އެންމެނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ "އެކުގައި އެންމެން" ޙަރަކާތަށް އެއްބާރުލުންދީ ކޯވިޑް-19 ރައްކާތެރިވުމަށް އެއިދާރާއިން އެޅުއްވި ފިޔަވަޅެއްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގެ ހުރިހާ އިންޓަރނޭޝަލް އެއާޕޯޓެއްގައި ޙަރަކާތްތެރިވާ އިމިގްރޭޝަންގެ 121 އޮފިސަރުން ވަނީ ވެކްސިން ފުރިހަމަކޮށްފައިކަމަށެވެ. މީގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރާ 108 އޮފިސަރުންނާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޙަރަކާތްތެރިވާ އޮފިސަރުންވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ބޯޑަރުގައި ޙަރަކާތްތެރިވާ ހުރިހާ އޮފިސަރުން ކޯވިޑް ވެކްސިން ފުރިހަމަކުރުމާއެކު ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ޒިޔާރާތްކުރާ އެތައްހާސް ދަތުރުވެރިންނާއި މުވައްޒަފުންގެވެސް ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެކަމަށެވެ.

ކޯވިޑް-19އާއެކު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއައުމަށް ފަސޭހަ އިންތިޒާމުތަކެއް އިމިގްރޭޝަންގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖއްސާފައެވެ. މީގެއިތުރުން ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކޮށް ފަތުރުވެރިކަމަށް ރާއްޖެ މާކެޓްކޮށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އިމިގްރޭޝަނުން ވަނީ މުހިއްމު ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ކޯވިޑް ވެކްސިންގެ ބޮޑު ކެމްޕޭނެއް ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުންވެސް ކުރިއަށްގެންދާއިރު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކުންވެސް މިހާރުވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެގޮތުން ރާއްޖޭގައި ހިންގާ 157 ރިސޯޓުގެ ތެރެއިން 147 ރިސޯޓުގެ ހުރިހާ މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.