ޚަބަރު

ރާއްޖޭގެ ހާލަތު "ނިއު ނޯމަލް"އަކަށް ގެނެވިއްޖެ: ރައީސް


ރާއްޖޭގައި ކޯވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަކަށް ގެނެވިފައިވާކަމަށާއި މިހާޜު އެންމެ މުހިއްމީ ވެކްސިންޖެހޭ އާބާދީއަށް ވެކްސިންޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، މިހެން ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއެކު މިހާރު "ނިއު ނޯމަލް"އަކަށް ރާއްޖޭގެ ހާލަތު ގެނެވިފައިވާކަމަށެވެ. އަދި ކޮވިޑްގެ ޙާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާކަން ފާހަަގަކުރައްވައި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ވަނީ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޯވިޑުން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކޮވިޑްގެ ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ކެބިނެޓުގެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައިވަނީ މިމަހުގެ ނިޔަލަށް ރާއްޖޭގެ އެންމެންނަށް ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާ ނިންމުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ %90 މީހުންނަށް އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހުން ކަމަށެވެ. މި މަސައްކަތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ފަށާފައެވެ.

މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271552 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.