ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއްތަރި އައިޝްވާރިޔާ ރާއީ ބައްޗަން ގެ ފިލްމީ ކެރިއަރަށް ބޮޑު ބަދަލެއް އައީ 1994 ވަނަ އަހަރު ބޭއްވި "މިސް އިންޑިއާ" ގެ ތާޖު އުފުލާލުމަށްފަހުގައެވެ. ނަމަވެސް ގިނަބަޔަކަށް ނޭގި އޮތްކަމަކީ މި މުބާރާތުގައި ބައިވެރިވުމުގެ މާކުރިންވެސް އައިޝްވާރިޔާއަށް ފިލްމުތަކުގެ ހުށަހެޅުންތައް ލިބިފައިވާ ކަމެވެ.
ވޯގު މަޖައްލާއަށް އައިޝްވާރިޔާ ދިން އިންޓަރވިއުއެއްގައި އެނާ ބުނީ މިސް އިންޑިއާގެ ތާޖުގެ ކުރިންވެސް 4 ފިލްމަކުން ހުށައެޅުންތައް ލިބިގެން އައިކަމަށެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ފިލްމުތަކުން ޖާގަ ލިބެން ފެށީ އެ މުބާރާތައް ފަހުގައިކަމަށް އައިޝްވަރިޔާ ބުނެއެވެ. އޭނާ ބުނީ މިސް އިންޑިއާ މުބާރާތުގައި ބައިވެރިވީވެސް އޭރު ކުރަމުން އައި ފިލްމީ މަސައްކަތާއި ކުޑަކޮށް ދުރަށް ޖެހިލަން ކަމަށެވެ.
މިސް އިންޑިއާގައި ބައިވެރިނުވިނަމަ 1996 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ރާޖާ ހިންދުސްތާނީ" ވެގެންދާނީ އޭނާގެ ފުރަތަމަ ފިލްމަށްކަމަށްވެސް އައިޝްވާރިޔާ ވަނީ ބުނެފައެވެ. ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމުގެ ލީޑްރޯލުން ޢާމިރްޚާނާއި އެކީ ފެނިގެންދިޔައީ އޭރރުގެ އެންމެ ކާމިޔާބު އެއް ތަރި ކަރިޝްމާ ކަޕޫރެވެ.
ފިލްމީ މަސައްކަތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު އަބީޝެކް ބައްޗަންއާއި ކައިވެނިކުރި ހިސާބުން އައިޝްވަރިޔާ ވަނީ ސްކްރީނުން ގެއްލިފައެވެ. އެއަށްފަހު އެންމެ ފަހުން އައިޝްވަރިޔާ ފެނުނީ ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އިންނެވެ. މި ފިލްމުގައި އައިޝްވަރިޔާ ރަންބީރާއި އެކު ފެނުނު ގައިގޯޅި މަންޒަރުތަކުގެ ސަބަބުން ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި ހާއްސަކޮށް އަމީތާބުގެ ދަނބިދަރިއެއްގެ ގޮތުގައި ހުރެ އެ ފަދަ މަންޒަރުތަކެއްގައި ފެނުމުން އެ އާއިލާއަށްވެސް ފާޑުކިޔުންތައް އަމާޒުވިއެވެ. ފިލްމު ރިލީޒްކުރީ ބުނެވޭ ގޮތުން އައިޝްވަރިޔާގެ ގިނަ މަންޒަރުތަކެއް ފިލްމުން ކަނޑާ ސެންސަރުކުރުމަށްފަހުއެވެ.
ފިލްމީ މަސައްކަތްތަކާއި ދުރުގައި 4 އަހަރު އުޅުމަށްފަހު އައިޝްވާރީޔާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރު ނުކުންނާނެކަމަށް ބެލެވޭ "ޕޮނިޔިން ސެލްވޭން" އިންނެވެ. ކަލްކީ ކްރިޝްނަމުރުތީ 1995 ވަނަ އަހަރު ނެރުނު ނޮވެލް "ޕޮނިޔިން ސެލްވޭން" މައްޗަށް ހަދާ މި ފިލްމަކީ ތާރީޚީ ޑްރާމާއެކެވެ.