ކޯވިޑުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ވެކްސިންއެވެ. އަދި މިވަގުތު މުޅި ދުނިޔޭގައިވެސް އެންމެ ތަދު އެއްޗަކީވެސް މިވެކްސިންއެވެ. ކޯވިޑް ވެކްސިން މުޅި އާބާދީއަށް ދެވޭ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު މިވެކްސިން ލިބޭވަގުތު އޭގެ ބޭނުން ހިފުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭކަމެކެވެ.
ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. ވެކްސިން ޖަހަންޖެހޭ އާބާދީގެ ބޮޑުބަޔަކަށް ދެމުން އައި ކޮވިޝީލްޑް ވެކްސިން ހުސްވުމުގެ ސަބަބުން މޭއިމަހުގެ ތެރޭގައިވަނީ ވެކްސިން ޢާއްމުކޮށް ދިނުން ހުއްޓާލާފައެވެ. އެހެންނަމަވެސް ވެކްސިންގެ އިތުރު ޑޯޒްތައް ލިބުމާއެކު ވެކްސިން ޕްރޮގްރާމް މިމަހުގެ 6 ވަނަ ދުވަހު އަލުންވަނީ ފަށާފައެވެ. ޢީދު ބަންދާއި މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ސަރުކާރު ބަންދުވުމާއެކު ވެކްސިން ދިނުން މަޑުޖައްސާލިނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން އަލުން ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.
ވެކްސިން ޖެހުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 27 އިންސައްތަ އަދިވެސް ވެކްސިން ފުރިހަމަ ނުކުރާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިފަހަރު ވެކްސިން ޖެހުމަށް ހުޅުވާލުމުން މިހާރު ލިބެން ހުރި ވެކްސިން އަވަހަށް ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ސަރުކާރުންވަނީ އަންނަ މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމަށް އަމާޒު ހިފާފައެވެ. މިކަންކާމިޔާބުކުރުމަށް ސަރުކާރުން މިހާރުވަނީ އެސްޓްރާޒެނެކާއިން ވެކްސިން ޝިޕްމަންޓެއްވެސް ގެނެސްފައެވެ.
Maldives is among the few countries that have been able to secure enough vaccines to immunize the entire eligible population.
— Mabrook Azeez (@MvSpokesperson) July 30, 2021
Achieving a near normal requires a united effort from all of us; to vaccinate, to spread the message, and to convince everyone around us to do the same. https://t.co/Ghgus1SVs3
ވެކްސިންއާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ ހިމެނެނީ ވެކްސިން ޖަހަންޖެހޭ މުޅި އާބާދީއަށް ވެކްސިންޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ޤައުމުތަކުގެ ތެރޭގައިކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކޮށް މިބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ފުރިހަމަކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށް މަބްރޫކްވަނީ އެދިވަޑައިގެންފައެވެ.
ހޮނިހިރު ދުވަހު ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު ވެކްސިން ޖަހަނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ހުޅުމާލޭ ހޮސްޕިޓަލް ފިޔަވާ އެހެން ސެންޓަރުތަކުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހައިދެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ވެކްސިންޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދަންޖެހެއެވެ. މިލިންކު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަމްބަރާއި ފޯނު ނަންބަރު ޖެހުމަށްފަހު އެމީހެއްގެ ފުރިހަމަ ނަމާއި ވެކްސިން ޖަހަން ދާން ބޭނުންވާ ވެކްސިން ސެންޓަރާއި ދާން ބޭނުންވާ ދުވަހާއި ގަޑި ކަނޑައަޅަންޖެހެއެވެ. މާލެ ސަރަޙައްދުގައި ދިވެހިންނާއި ބިދޭސީންނަށްވެސް މިލިންކް މެދުވެރިކޮށް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖެހުމަށްވެސް އެޕޮއިންޓްމަންޓް ހަމަޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.