މުނިފޫހިފިލުވުން

ޕްރަބާސާއި ދީޕިކާއެކު އަމީތާބު ފެންނަ ފިލްމުގެ ޝޫޓިންތައް ފަށައިފި


ޑައިރެކްޓަރ ނަގް އަޝްވަނީގެ ކުރިއަށް އޮތް ފިލްމަކީ ހިންދީ ސިނަމާތަކަށް އަންނަން ތައްޔާރުވަމުންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓަށް ވާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ސަބަބަކީ ހިންދީ ސިނަމާތަކުގައި މިހާރު އެންމެ ނަން ހިނގާ ބޮޑެތި ސްޕަސްޓާރުން ފިލްމުގައި ހިމެނުމެވެ. އަދި މިހާތަނަށް ނަން ހާމަނުކުރާ މި ފިލްމުގައި ބޮލީވުޑްގެ ސުޕަރސްޓާރ އަމީތާބް ބައްޗަނާއި ދީޕިކާ ޕަޑްކޯންގެ އިތުރުން ދެކުނު ސިނަމާތަކުން މަޝްހޫރުކަން ހޮދާ މިހާރު ބޮލީވުޑްގައިވެސް ކާމިޔާބުތަރި ޕްރަބާޝް ހިމެނެއެވެ.

ފިލްމުގެ ޝޫޓިންތައް ހައިދަރް އާބާދުގައި މިހާރު ފަށާފައިވާއިރު އަމީތާބުވެސް އަންނަނީ މި ޝޫޓިންތަކުގައި ބައިވެރިވަމުންނެވެ. ހައިދަރު އާބާދުގެ ރާމޯޖީ ފިލްމު ސިޓީ (އާރްއެފްސީ)ގައި ކުރިޔަށްދާ ޝޫޓިންތަކުގައި އަމިތާބައި ފިލްމުގެ މެއިން ކާސްޓްގައި ހިމެނޭ ތަރިންގެ މުހިއްމު ސީންތަކެއްވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ލީޑް އެކްޓަރ ޕްރަބާސް ފިލްމުގައި ފުރަތަމަ ފެންނަ މަންޒަރުވެސް މިހާރު ވަނީ ނަގާފައެވެ. ޕްރަބާސް ވަނީ ސެޓްގެ ބައެއް މަންޒަރުތައް އޭނާގެ އިންސްޓަގްރާމްގައިވެސް ޙިއްޞާކޮށްފައެވެ.

މި ފިލްމުގެ ޕްރޮޑިއުސްކުރަނީ ދެކުނު ސިނަމާގެ ޕްރޮޑިއުސަރ އަސްވިނީ ދަތްގެ ވިޖަޔަންތީ މޫވީސް އިންނެވެ. މި ފިލްމާއިއެކު ވިޖަޔަންތީ މޫވީސް ފިލްމު ހަދާތާ 50 އަހަރު ފުރުންވެސް ފާހަގަކުރާނެއެވެ.

ނަގް އަސްވަނީ އެންމެފަހުން ޑައިރެކްޓްކޮށްފައިވަނީ ގިނަ އެވޯޑްތަކެއް އުފުލާލާފައިވާ 2018 ވަނަ އަހަރު ދެއްކި ތެލުގޫ ބަޔޯގްރޮފިކަލް ފިލްމު "މަހާނަތީ" އެވެ. މި ފިލްމަކީ އިންޑިއާގެ އެކްޓްރެސް އެއްކަމަށްވާ ސާވިތްރީގެ ޙަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ޕްރަބާސް މިވަގުތު ބިޒީ ވެގެން އުޅެނީ ޕޭން އިންޑިއާ ފިލްމު "އަދިޕްރޫޝް" ގެ ޝޫޓިންތަކުގައެވެ. މި ފިލްމުގައި ޕްރަބާސްގެ އިތުރުން ކްރިތީ ސެނޮން އަދި ސައިފް ޢަލީ ޚާންވެސް ފެނިގެންދާނެއެވެ.
ޝާހުރުކްޚާން އާއެކު ފެނިގެންދާ ފިލްމު "ޕަތަން" ގެ ޝޫޓިންތަކުގައި ދީޕިކާވެސް ބިޒީވެގެން އުޅޭއިރު ރިތިކް ރޯޝަންއާއިއެކު ފެންނާނެ ފިލްމު "ފައިޓަރ" އަކީވެސް ދިޕިކާގެ ކުރިއަށް އޮތް ފިލްމެކެވެ.