ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހޯމަ ދުވަހު ހައްޔަރުކޮށްފައިވާއިރު މިކަމާއިގުޅޭ ޗެޓް ލޮގްތަކެއް ލީކްވެއްޖެއެވެ.
މިކަމާއި ގުޅިގެން މުމްބާއީ ޕޮލިސް ކްރައިމް ބްރާންޗުން ބުނި ގޮތުގައި އިނގިރޭސިވިލާތުގައި ޕްރޮޑަކްޝަން ހައުސް ކެންރިން ޕްރޮޑަކްޝަން ހިންގާ ޕްރަދީޕް ބަކްޝީއާއި ރާޖް އަކީ ތިމާގެ ދެ މީހުން ކަމަށާއި ބަކްޝީއަކީ ރާޖްގެ ބިޒްނަސް ޕާޓްނަރުވެސް މެއެވެ. އަދި ރާޖް އާއި ބަކްޝީގެ ލީކްވެފައިވާ ޗެޓް ލޮގްތަކުގައި ބަރަހަނާ ފިލްމު ހަދަން ބޮޑު ބަޖެޓެއްގެ ވާހަކަ ވަނީ ދައްކާފައެވެ. ބަކްޝީގެ ޕްރޮޑަކްޝަން ހައުސްގެ ނުސީދާ ޕާޓްނަރަކީވެސް ރާޖްކަމަށް ޗެޓްލޮގްތަކުން ސާފުވާކަމަށް ކްރައިމް ބްރާންޗުން ބުނެއެވެ. އަދި ކުންފުންޏަށް ރާޖް ވަނީ އިންވެސްޓްވެސް ކޮށްފައެވެ.
ކުންފުނި އިންޑިއާގައި ތަމްސީލުކުރަނީ ރާޖްގެ ޕާރސަނަލް އެސިސްޓެންޓް އުމޭޝް ކަމަތް ކަމަށާއި ބަރަހަނާ ފިލްމު ހަދަން ބައިވަރު އޭޖެންޓުންނާއެކު ކޮންޓްރެކްޓް ހަދާފައިވާ ކަމަށްވެސް ޕޮލިހުން ބުނެއެވެ.
ކެންރިން ޕްރޮޑަކްޝަން ހައުސް އިން އިންޑިއާގެ އެކި ކަންކޮޅުތަކުގައި އެކި އޭޖެންޓުން މެދުވެރިކޮށް އަންނަނީ މި ފަދަ ފިލްމުތައް ހަދަން ފަންޑުވެސް ކުރަމުންނެވެ. އަދި އެކި ކަހަލަ ބަރަހަނާ ފިލްމުތައް ހަދަން އެޑްވާންސްކޮށް ފަންޑުކޮށްފައިވާއިރު މި ފިލްމުތައް އަންނަނީ ޝޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ދައުރުވަމުންނެވެ.
އިއްޔެގ ވަގުތެއްގައި ރާޖްވަނީ މެޑިކަލް ހަދަން އިންޑިއާގެ ޖޭޖޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިކަމާއި ގުޅިގެން އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި މިމަހުގެ 23 ހާއި ހަމައަށް ރާޖް ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ރާޖަކީ އަބަދު ވެސް އެކި ތުހުމަތުތައް ކުރެވި އޭނާގެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުޚީތަކަށް އަރާ މީހެކެވެ. މީގެކުރިން އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ހުރީ ވިޔަފާރީގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެވެ.