މުނިފޫހިފިލުވުން

އިންޑިއާގެ ފިލްމަކަށް ހަދާ އެންމެ އަގުބޮޑު ލަވަޔަށް ޢާލިއާ ބަޓް


"ބާހޫބާލީ" އުފެއްދި ކުޅަދާނަ ޑައިރެކްޓަރ އެސްއެސް ރާޖާމައުލީ ޑައިރެކްޓްކުރާ ފިލްމު "އާރްއާރްއާރް" އަކީ މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ. ރިލީޒްކުރަން ގިނަ ތާރީޚްތަކެއް މީގެކުރިން ދީފައިވާ މި ފިލްމު ހިންދީ ތެލުގޫ އަދި ތަމަޅަ ބަހުން ނެރޭނެއެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި އަޖޭ ދޭވްގަން އާއި އާލިއާ ބަޓްގެ އިތުރުން ދެކުނު ސިނަމާގެ މަޝްހޫރު ދެ ތަރިންކަމަށްވާ ރާމް ޗަރަން އާއި އެންޓީ އާރް ޖޫނިއަރ ވެސް ހިމެނެއެވެ. އަދި މިއީ ދެކުނު ފިލްމަކުން އާލިއާ ފެންނަ ފުރަތަމަ ފަހަރެވެ.

ފިލްމުގެ އެންމެފަހުގެ ވާހަތަކުން މިހާރު އިވެނީ ހިންދީ ފިލްމެއްގައި އެންމެ ބޮޑު ބަޖެޓަކުން ހަދާ ލަވަ މި ފިލްމުގައި ހިމެނޭނެ ވާހަކައެވެ. އަދި މިލަވަ ފިލްމުގެ ލީޑްރޯލުން ފެންނަ އާލިޔާ ބަޓަށް ދީފައިވާ ވާހަކައެވެ.

"ބަހޫބާލީ" އަދި ސަންޖޭ ލީލާ ބަންސާލީގެ "ދޭވްދާސް" އަށްވުރެވެސް އަގުބޮޑުވާނެކަމަށް ބެލެވޭ މި ލަވައިގެ ބަޖެޓަކީ 3 ކްރޯޑް ރުޕީސްކަމަށްވެސް ޕްރޮޑަކަޝަން ޓީމުން ބުނެއެވެ. ލަވައިގެ އާލިއާ ބޭނުންކުރާނެ ހެދުމަށް އެކަނިވެސް 1 ކްރޯޑް ރުޕީސް އަރާނެކަމަށް ޓީމުން ބުނެއެވެ. އާލިއާގެ އިތުރުން ފިލްމުގެ ލީޑް ދެ އެކްޓަރުންކަމަށްވާ ތެލުގޫ އެކްޓަރ ރާމް ޗަރަން ތޭޖާ އަދި އެންޓީ އާރް ޖޫނިއަރ ވެސް މި ލަވައިގައި ފެންނާނެއެވެ.

ލަވައިގެ މަސައްކަތްތައް އިންޑިއާގެ ހައިދަރު އާބާދުގެ ރާމޯޖީ ފިލްމު ސިޓީގައި ކުރިއަށް ދާއިރު ޝޫޓިންގައި ބައިވެރިވުމަށް މި މަހު ފަހުކޮޅު އާލިއާވެސް ހައިދަރު އާބާދަށް ދާނެއެވެ.

"އާރްއާރްއާރް" އަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ޚިޔާލީ ބަތަލުންތަކެއްގެ ވާހަކަ ކިޔައިދޭ އަދި 1920 ގެ އަހަރުތަކުގެ ހާދިސާއެއް ގެނެސް ދޭނެ ފިލްމެކެވެ. އަދި މިއީ 400 ކްރޯޑް ރުޕީސް ބަޖެޓަކުން ހަދާ ބިޔަ ޕްރޮޖެކްޓެކެވެ.