ރުގްޔާ ކުރުމުގެ ނަމުގައި ނާޖާއިޒު ފައިދާ ނަގާތީ އެކަން ހުއްޓުވުމުގެ ގޮތުން، ރުގްޔާ ކުރާ މީހުންނާބެހޭ އުސޫލެއް ހެދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމުގެ އުސޫލެއް ތައްޔާރުކުރުމުގެ ބޭނުމަކީ ވަކި ފެންވަރެއްގެ ވަކި ބެކްގްރައުންޑެއްގެ ބަޔަކަށް ރުގްޔާ ކުރުމުގެ ހުއްދަ ދިނުންކަމަށެވެ.
ރުގްޔާ ކުރާ މީހުންނާ ބެހޭ އުސޫލެއް ހަދަން ނިންމައި އިސްލާމިކް މިނިސްޓްރީން އެކަމާ ގުޅޭ މަޝްވަރާތައް ފަށާފައިވަނީ ބައެއް މީހުން ނާޖާއިޒު ގޮތުގައި ރުގްޔާގެ ނަމުގައި ނޭދެވޭ ކަންކަން ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން ކޮންމެ މީހަކަށް ރުގްޔާ ކުރެވުމަކީ އާންމުންގެ ކަންބޮޑުވުން އޮތްކަމަކަށްވާއިރު ރުގްޔާ ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ކަނޑައެޅޭ އުޞޫލުގެ ތެރެއިން، އެކަމަށް ޝަރުތު ހަމަވާ މީހުންނަށް އެކަނިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެެ.
މިހާރު ރާއްޖޭގައި ރުގްޔާ ކުރާ ބައެއް މީހުންގެ ބެކްރައުންޑަށް ބާލާއިރު އެއްވެސްވަރަކަށް އެކަމުގެ ޢިލްމު ހާސިލްކޮށްފައި ނުވާ މީހުންވެސް އެކަންކުރާކަން ހާމަވާކަމަށް އިސްލާމިލް މިނިސްޓްރީން ވިދާޅުވެއެވެ.
ރުގްޔާ ކުރުމުގެ ނަމުގައި އެކި ކަހަލަ އަނިޔާ ކުރާ މައްސަލަތައް ފެންމަތިވަމުން އަންނައިރު ރުގްޔާ ކުރުމުގެ ނަމުގައި މިދިޔަ އަހަރު އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރަހީނުކޮށް ހަތް އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ މައްސަލައެއް ފެންމަތިވުމާއެކު އާންމުންގެ މެދުގައި ވަނީ ވަރަށްބޮޑަށް ކަންބޮޑުވުން އުފެދިފައެވެ.