މުނިފޫހިފިލުވުން

ކަރަން މިފަހަރު "ރޮކީ އަައުރު ރާނީ ކީ ޕްރޭމް ކަހާނީ" އާއި އެކު


ކަރަން ޖޯހަރު 5 އަހަރު ފަހުން އަނެއްކާވެސް ފިލްމެއް ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށާކަން ިއުލާން ކުރީ މީގެ ދެދުވަހެއްވަރު ކުރިންނެވެ. މީ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާގެ އިތުރުން އައިޝްވަރިޔާ ރާއީ ހިމަނައިގެން 2016 އޭނާ ޑައިރެކްޓްކުރި "އޭ ދިލްހެ މުޝްކިލް" އަށްފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

އާއްމުކޮށް މަޝްހޫރު ކާސްޓޫންގެ ބޮޑު ޓީމެއް ހިމަނައިގެން ލޯބީގެ ފިލްމުތައް އުފެއްދުމުގައި ދެވަނައެއް ނުވާ ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރ ކަރަންގެ މިފަހަރުގެ ފިލްމުގައިވެސް ބޮޑު ކާސްޓެއް ވަނީ ހިމަނާފައެވެ.

ކަރަން އިއްޔެ ވަނީ އޭނާގެ އައު ފިލްމާއި ފިލްމުގެ ތަރިންނާއި ނަންވެސް އޭނާގެ ފޭނުންނަށް ހިއްސާކޮށްފައެވެ. ކަރަންގެ މިފަހަރުގެ ފިލްމަށް ދީފައިވާ ނަމަކީ "ރޮކީ އަައުރު ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

މި ފިލްމުގެ ލީޑްތަރިންނަކީ ރަންވީރު ސިންގް އަދި ޢާލިއާ ބަޓްއެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މި ދެމީހުންގެ އާއިލާގައި ތިބޭ ނުފޫޒު ގަދަ މެމްބަރުންގެ ވާހަކަތަކެއް މައްޗަށެވެ. ރަންވީރުގެ މަންމަ އަކީ ޖަޔާ ބަޗަންއެވެ. ބައްޕައަކީ ދަރުމެންދުރާއެވެ. އާލިއާގެ ބައްޕައެއްގެ ރޯލް އަދި ކަރަން ކުރި އިއުލާނުން ނުފެނުނަމަވެސް މަންމަ ރޯލްދީފައިވަނީ ވަރުގަދަ ތަރި ޝަބާނާ އާޒްމީއަށެވެ.

ކަރަންގެ މި ފިލްމުގެ ސްކްރީން ޕްލޭއަކީ އިޝިތާ މޮއިތްރާ، ޝަޝަންކް ކައިތާން އަދި ސުމިތް ރޯއީގެ މަސައްކަތެވެ. ހަ ވަރަކަށް މަހުގެ ޝޫޓިން ޝެޑިއުލަކާއި މި ފިލްމުގެ މަސައްކަތް ސެޕްޓެމްބަރުމަހު ފަށަން ކަރަން ޕްލޭން ކުރާކަމަށްވެސް ޓީމުން ބުނެއެވެ.

މީ 2012 ވަނަ އަހަރު ޢާލިއާ ފިލްމީ ކެރިއަރ ފެށި " ސްޓޫޑަންޓް އޮފް ދަ އިޔަރ" އަށްފަހު ކަރަންގެ ފިލްމަކުން އާލިއާ ފެންނަ ދެވަނަ ފަހަރެވެ. އަނެއްކޮޅުން ރަންވީރާ ކަރަން އެކުގައި މަސައްކަތް ކުރާ މީ ފުރަތަމަ ފަހަރެވެ. ރަންވީރު ކަރަންގެ "ތަހްތު" ގައި މަސައްކަަތް ކުރުމަށް އޮތީ ރާވާފައެވެ. އެހެންނަމަވެސް މިހާތަނަށްވެސް މި ފިލްމުގެ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ. އަދި މީ ދަރުމެންދުރައާއި އެކުގައި ކަރަން މަސައްކަތްކުރާ ފުރަތަމަ ފަހަރުވެސްމެއެވެ.

މި ފިލްމު ސްކްރީންތަކަށް އަންނަނީ އަންނަ އަހަރުގެ ތެރޭގައެވެ.