މުނިފޫހިފިލުވުން

"ދަ ވޮއިސް"ގެ ގްވެން އާއި ބްލޭކް ޝެލްޓަން ކައިވެނިކޮށްފި


އެމެރިކާގެ ރިއަލިޓީ ޝޯ "ދަ ވޮއިސް" ގެ ޖަޖުންކަމަށްވާ ގްވެން ސްޓެފާނީ އާއި ބްލޮކް ޝެލްޓަން މިދިޔަ ހަފްތާ ބަންދުގައި ކައިވެނިކޮށްފިއެވެ.

ހަ އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ބްލޭކްގެ އަމިއްލަ ރަށްކަމަށްވާ އެމެރިކާގެ އޮކްލަހޮމާގައި މި ކައިވެނި ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ކުޑަ ޙަފްލާއެއް ބޭއްވުމަށްފަހުއެވެ.

ޕޮޕް ސިންގަރ ގްވެން އަދި ކަންޓްރީ ސިންގަރ ބްލޭކް ވަނީ އެމީހުންގެ ކައިވެނީގެ ފޮޓޯތައް ހޯމަ ދުވަހު ދައްކާލާފައެވެ. ގުވެން ހުރީ ހުދުކުލައިގެ ލިލީ ވެޑިންގް ޑްރެސްއެއް ލައިގެން ތައި ހައި ބޫޓަކަށް އަރާފައެވެ. ޝެލްޓަން ފެންނަންހުރީ ޖީންސަކާއެކު ހުދު ކުލައިގެ ޓޫލޭއިން ރީތިކޮށްފައި ހުރި ގޯލްފް ކާޓެއް ދުއްވަނިކޮށެވެ.

ދެ މީހުން އެންގޭޖްވިކަން މިދިޔަ އަހަރު އޮކްޓޯބަރ މަހު މި ދެތަރިން އިއުލާންކުރީ އިންސްޓަގްރާމްގައެވެ. އޮކްޓޫބަރުގައި 2015 ވަނަ އަހަރުން ފެށިގެން ދެ މީހުން ޑޭޓް ކުރަމުންދިޔައިރު ދެމީހުން ދިމާވީވެސް "ދަ ވޮއިސް" ގެ ސެޓުންނެވެ.

ގްވެން އާއި ޝެލްޓަން ވަނީ އެކުގައި ކިޔާފައިވާ ޑުއެޓްތަކެއްވެސް ރިލީޒްކޮށްފައެވެ. "ނޯ ބޮޑީ ބަޓް ޔޫ" ، "ހެޕީ އެނީވެއަރ" މީ ދެ ތަރިން އެކުގައި ކިޔާފައިވާ ލަވަތަކުން ފާހަގަކޮށްލެވޭ ދެ ލަވައެވެ.

ގްވެންގެ ކުރީގެ ކައިވެންޏަށް މީގެކުރިން ތިން ފިރިހެން ކުދިން ލިބިފައިވެއެވެ. ލަވަކިޔުންތެރިޔާ ގެވިން ރޮސްޑާލޭއާއިއެކު 13 އަހަރުވީ ކައިވެނި ރޫޅާލާފައިވަނީ 2015 ވަނަ އަހަރުއެވެ. ޝެލްޓަން މީގެކުރިން ކައިވެނިކޮށްފައިވަނީ ލަވަކިޔުންތެރިޔާ މިރިންޑާ ލަމްބާރޓް އާއެވެ. ދެ މީހުންގެ ކައިވެންޏަށް 4 އަހަރުވީ ފަހުން މި ކައިވެނިވެސް ރޫޅާލީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

އެންބީސީން 2011 ވަނަ އަހަރު ގެނެސްދޭން ފެށި "ދަ ވޮއިސް" އަކީ އެމެރިކާގެ ލަވަކިޔާ ރިއަލިޓީ ޝޯ ސީރީޒްއެކެވެ. މި ޝޯގެ މިހާތަނަށް 20 ސީޒަން ވަނީ ދައްކާފައެވެ. 20 ސީޒަންގައިވެސް ބްލޭކްވަނީ ފުލްޓައިމް ޖަޖްކަން ކޮށްދީފައެވެ. ގްވެން ޖަޖްކަން ކޮށްދީފައިވަނީ ސީޒަން 7، 9 ، 12 ، 17 އަދި 19 އެވެ. މީގެ އިތުރުން ސީޒަން 8 އަދި 10 ގެ ޕާޓް ޓައިމް އެޑްވައޒަރުކަންވެސް ގްވެން ވަނީ ކޮށްދީފައެވެ.