ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް، އިތުރު 4،982 މީހަކު ފުރިހަމަކޮށްފިއެވެ.
މިއާއެކު ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ނުވަދިހަ ނުވަ ހާހަށްވުރެ މައްޗަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ދެވަނަ ޑޯޒް، އާދިއްތަ ދުވަހު ޖެހި 4،982 މީހުންގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 4،174 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުން 808 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 199،784 އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 151 މީހަކު ވަނީ ޖަހާފައެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭ ސަރަޙައްދުން 33 މީހަކު ޖަހާފައިވާއިރު، އަތޮޅުތަކުން 118 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 317،549 އަށް އަރާފައެވެ.
މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ސިނޯފާމް ވެކްސިންގެ އިތުރުން، ކޯވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭއިން އަލުން ވަނީ ފަށާފައެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓުމަންޓު ހެދޭގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ، މާރިޗު މަހު ކޮވިޝީލްޑް އެއްވަނަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.