ޚަބަރު

ވެކްސިން ޖަހަން މިހާރު އަމިއްލައަށް އެޕޮއިންޓްމަންޓް ހެއްދޭނެ


ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހޯދުމަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި އޮންލައިންކޮށް އެޕޮއިންޓްމަންޓް ދޫކުރުމުގެ އިންތިޒާމު އެޗްޕީއޭއިން ހަމަޖައްސައިފިއެވެ. މީގެ ދަށުން އެމީހަކު ބޭނުންވާ ގަޑިއަކަށް ވެކްސިން ޖަހަން ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއިންތިޒާމުގެ ދަށުން އެޕޮއިންޓްމަންޓް ދޫކުރަން ފަށަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެންނެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ދެވަނަ ފަހަރަށް ހުޅުވާލީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. މިބުރުގައި ހުޅުވާލިރު އެޕޮއިންޓްމަންޓް ހަމަޖެހެނީ ހަމައެކަނި ކިޔުބީ އެޕް މެދުވެރިކޮށްނަމަވެސް ގިނަބަޔަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަން ފަސޭހަކޮށްދިނުމަށް އެޗްޕީއޭއިންވަނީ އިތުރު އިންތިޒާމެއް މިހާރު ހަމަޖައްސާފައެވެ.

އެގޮތުން އޮންލައިންކޮށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ކޮންމެ ވަގުތަކުވެސް ހަމަޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހާއި މާޗްމަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތަރުތީބުން ދެވަނަ ޑޯޒް ޖެހުމަށް އެޗްޕީއޭއިން ގުޅަމުންދާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ. މިލިންކު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަމްބަރާއި ފޯނު ނަންބަރު ޖެހުމަށްފަހު އެމީހެއްގެ ފުރިހަމަ ނަމާއި ވެކްސިން ޖަހަން ދާން ބޭނުންވާ ވެކްސިން ސެންޓަރާއި ދާން ބޭނުންވާ ދުވަހާއި ގަޑި ފާހަގަކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސްއެމްއެސްއެއް ލިބޭނެކަމަށާއި ވެކްސިން ޖަހަންދާއިރު މި މެސެޖު ދައްކަންޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެއިދާރާއިން ވިދާޅުވީ އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑީގެ 15 މިނިޓުކުރިން ވެކްސިން ސެންޓަރުގައި ހުންނަންވާނެކަމަށެވެ. ގަޑިއަށް ނުދެވިއްޖެ ނަމަ އެޕޮއިންޓްމަންޓް ބުކިން ކެންސަލްވާނެކަމަށާއި އޭގެފަހުން އަލުންޖެހޭނީ އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހަމަޖައްސަންކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ.

މިލިންކު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވާނަމަ ދިމާވާ މައްސަލައެއް، ލިންކުގައި ހުރި "ޓޯކް ޓު އަސް"އަށް މެސެޖުކުރުމުން އެޗްޕީއޭއިން އެމީހަކަށް ގުޅާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އަދި އެޗްޕީއޭގެ 1676އަށް ގުޅައިގެންވެސް މިފަދަ މައްސަލަތަކާއި އެޕޮއިންޓްމަންޓް ހެދުމުގައި އެހީތެރިވެދޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް އެއްވެސް ވެކްސިން ސެންޓަރަކުން އެޕޮއިންޓްމަންޓް ދޫނުކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން ވެކްސިން ސެންޓަރަށް ދިޔުމުގެ ކުރިން މަޢުލޫމާތު ސާފުކޮށް އެޕޮއިންޓްމަންޓް ހަދައިގެން ދިޔުމަށް އެޗްޕީއޭއިން އިލްތިމަސްކުރައްވައެވެ.

ކިޔުބީ މެދުވެރިކޮށްވެސް އެޕޮއިންޓްމަންޓް ހަމަޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. މިގޮތުން މިއެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ޓޯކަން ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާ 12:00އާ ދެމެދުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

1 ފެބްރުއަރީން ފެށިގެން 15 މާޗާ ދެމެދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް މިގަޑިތަކުގައި ބޭނުންވާ ވެކްސިން ސެންޓަރަކަށް ދިޔުމަށް އެޕޮއިންޓްމަންޓް ހަމަޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ ދަށުން ވެކްސިން ދެމުން ގެންދާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10އިން މެންދުރުފަހު 1:00 އާ ހަމައަށެވެ. ވެކްސިން ޖަހަމުންގެންދަނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ނޭޝަނަލް އާޓް ގެލަރީގެ އިތުރުން ހުޅުމާލޭ ވެކްސިން ސެންޓަރުގައެވެ.