ކޮވިޝީލްޑްގެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ނަމްބަރު ދޫކުރަނީ ހަމައެކަނި "ކިއުބީ" އެޕް މެދުވެރިކޮށް އޮންލައިންކޮށްކަމަށް ހެލްތް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ. ދުނިޔޭގައި ވެކްދސިން ލިބުމުގެ ދަތިކަން ހުރިހާ ހިސާބެއްގައި ހުރިއރު ދިވެހިންނަށް ބޭނުންވާ ވެންސިން ހޯދުމުގައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ހެލްތް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއީޯސީ) ވިދާޅުވީ ކޮވިޝީލްޑްގެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް މިހާރު ހުޅުވާލާފައިވަނީ ފެބްރުއަރީ 1 އިން ފެށިގެން މާރިޗުގެ 15 ވަނަދުވަހާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ކަމަށެވެ. އަދި ވެކްސިން ޖެހުމަށް އޮންލައިން އެޕްލިކޭޝަން "ކިއުބީ" މެދުވެރިކޮށް ރަޖިސްޓަރކުރާ ފަރާތްތަކަށް ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން އެޗްޕީއޭއިން ގުޅަމުން ގެންދާނެކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ.
ކިއުބީ މެދުވެރިކޮށް ނަމްބަރު ދޫކުރަމުން އަންނަނީ ދެ ދަންފަޅިއަކަށެވެ. ހަތަރު ސެންޓަރެއްގައި ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު ޓޯކަން ނަމްބަރު ދޫކުރަމުން އަންނަނީ ހެނދުނު 10:00 އާއި މެންދުރުފަހު 13:00 ގައެވެ. ކޮންމެ ދަންފަޅިއެއްގައިވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 590 ނަމްބަރެވެ. މީގެއިތުރުން ވެކްސިން ޖަހާފައިވާ މީހުންގެ ތަރުތީބަށް ބެލުމަށްފަހު ގުޅާ އެޕޮއިންޓްމެންޓް ދެމުން ގެންދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖަހާދެމުން ގެންދާނީ ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒާއި ހުޅުމާލެ ވެކްސިން ސެންޓަރުގެ އިތުރުން ނޭޝަނަލް އާޓް ގެލަރީގައެވެ. ކޮވިޝީލްޑްގެ ވެކްސިން ލިބުމުގައި ބައެއް ދަތިތަކާއި ކުރިމަތިވުމުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދެމުން އައި މިންވަރު ވަނީ އެޗްޕީއޭއިން މަދުކޮށްލާފައެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑިއަށް ސަމާލުވެ ގަޑިއަށް ހާޒިރުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ވެކްސިން ޖަހަން އަންނައިރު އައީޑީކާޑާއި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިކަން އަނގައިދޭ ކާޑު ގެނައުމަށްވެސް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ. މީގެއިތުރުން ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ދިއުމަށާއި ވެކްސިންޖެހުމަށް ފަސޭހަ ހެދުމެއް ލައިގެން ދިޔުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
An allotted number of tokens for COVISHIELD vaccine SECOND DOSE will be issued online.
— Health Protection Agency (@HPA_MV) July 5, 2021
Applicants must have received their first dose between February 1st and March 15th.
To ensure greater coverage, we will continue to reach out by phone to assist in vaccination appointments. pic.twitter.com/HHRlytMbvR
ކޯވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖޭގައި ފުރަތަމަ ދޭން ފެށީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިންއެވެ. ރާއްޖޭގެ އާބާދީގެ ބޮޑުއިންސައްތައަށް ދީފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ. ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.
ވެކްސިންއަކީ މިވަގުތު ދުނިޔޭގެ ބާޒާރުގައި އެންމެ ޑިމާންޑު ބޮޑު އެއްބާވަތެވެ. ވެކްސިން އުފައްދާ ބޮޑެތި ޤައުމުތަކުގައި ކޯވިޑްގެ ނުރައްކާ އިތުރުވެ ވެކްސިން އުފެއްދުމުގައިވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ. އެހެންނަމަވެސް ޤައުމުތަކުގެ ޙާލަތު ރަނގަޅުވަމުން އަންނައިރު ވެކްސިން އުފެއްދުމުގެ މަސައްކަތަވެސް އަލުން އަންނަނީ ކުރަމުންނެވެ. ވެކްސިން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނައިރު އެސްޓްރާޒެނެކާގެ ވެކްސިން ރާއްޖެއަށް މިމަހުގެ މެދެއްހާ ހިސާބުގައި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.