މުނިފޫހިފިލުވުން

މިމަހު ޑިޖިޓަލްކޮށް ރިލީޒްކުރާ ބޮލީވުޑް ފިލްމުތަކާއި ސީރީޒްގެ ލިސްޓެއް ބޭނުން؟


އިންޑިއާގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ފިލްމުތައް ސިނަމާތަކުގައި ރިލީޒް ކުރުން އޮތީ މަޑުޖައްސާލަން ޖެހިފައެވެ. މިއާއެކު ގިނަ ޕްރޮޑިއުސަރުންވަނީ ވަގުތު ބޭކާރުނުކޮށް އެމީހުންގެ ފިލްމުތަކާއި ވެބްސީރީޒްތައް ޑިޖިޓަލް ޕްލެޓް ފޯމްތަކަށް ދޫކޮށްލާނެކަން އިޢުލާނު ކޮށްފައެވެ. މިގޮތުން މި ލިސްޓުގައި މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންގެ ފިލްމުތައްވެސް އެބަ ހުއްޓެވެ. މި ޖުލައި މަހުން ފެށިގެން ނުކުންނަން ހުރި ފިލްމުތަކުން ޑިޖިޓަލް ޕްރިމިއަރ ދާނެ ފިލްމުތަކަށް ބަލާލާނަމެވެ.

ޠޫފާން

މީ ފަރްހާން އަޚްތަރު ލީޑްރޯލުން ފެނިގެންދިޔަ ފިލްމު "ބާގް މީކާ ބާގް" ގެ ޑައިރެކްޓަރ ރާކޭޝް އޮމްޕްރަކާޝް މެހެރާ އާއެކު ފަރުޚާން އަނެއްކާވެސް ފެނިގެންދާ ސްޕޯރޓްސް ޑްރާމާއެކެވެ. ފިލްމު "ޠޫފާން" ރިލީޒްކުރަން ނިންމާފައިވަނީ މިމަހުގެ 16 ވަނަދުވަހުއެވެ. މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނަނީ ޑިޖިޓަލް ޕްލެޓް ފޯމް އެމެޒޯން ޕްރައިމް ވީޑިއޯ ސްޓޫޑިއޯއިންނެވެ. މި ފިލްމުގެ ޓްރެއިލަރ މިހާރު ވަނީ ދައްކާލާފައެވެ.

މި ފިލްމުގައި ފަރްހާން ކުޅެފައިވަނީ ބޮކްސިން ކުޅުންތެރިއެއްގެ ރޯލެވެ. އޭނާއާއި ެކު ދެން މި ފިލްމުން ޕަރޭޝް ރަވޭލްއާއި މުރްނާލް ތާކޫރް ފެނިގެންދާނެއެވެ.

ހަންގާމާ 2

މި ލިސްޓުގެ 2 ވަނާގައި މިއޮތީ އެތައް އަހަރަކަށްފަހު ސްކްރީނުން އަނެއްކާވެސް ޝިލްޕާ ޗެޓީގެ އެކްޓިންނެއް ފެންނާނެ ފިލްމު "ހަންގާމާ 2" އެވެ. މީ ކޮމެޑީ ފިލްމުތައް ހެދުމުގައި ބޮލީވުޑްގައި އެންމެ ކާމިޔާބު ޑައިރެކްޓަރ ޕްރިޔާ ދަރްޝަން 2003 ގައި ގެނެސްދިން "ހަންގާމާ" ގެ ސީކުއެލްއެކެވެ.

ކުރީގެ ފިލްމުގައި ހިމެނޭ ތަރިންގެ ތެރެއިން މިފަހަރުގެ ފިލްމުގައި ހިމެނެނީ ހަމައެކަނި ޕަރޭޝް ރަވޭލްއެވެ. ދެން ހިމެނޭ ކާސްޓުންނަކީ ޝިޕްލާ ޝެޓީއާއި ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީއާއި ޕްރަނީތާ ސުބާޝްއެވެ. މި ފިލްމު ރިލީޒްކުރަނީ ޑިޒްނީ ޕްލަސް ހޮޓް ސްޓާއިންނެވެ. ތާރީހަކީ މިމަހުގެ 23 ވަނަދުވަހެވެ. ފިލްމުގެ ޓްރެއިލަރ ބަލާލުމުން ހީވަނީ ކުރީގެ ފިލްމާއި އެއްވަރަށް މި ފަހަރުގެ ފިލްމުވެސް ހެއްވާ މަޖާ ވާނެހެންނެނެވެ.

ހަސީން ދިލްރުބާ

ވިނިލް މެތިއު ޑައިރެކްޓްކުރާ މި ފިލްމު މިދިޔަ އަހަރު ސެޕްޓެމްބަރުމަހު ރިލީޒް ކުރުމަށްހަމަޖެހިފައި އޮތް ނަމަވެސް ޕްރޮޑަކްޝަންގެ މަސައްކަތް ނިމުނީ އޮކްޓޫބަރުމަހު ކަމުން ފިލްމު ރިލީޒްކުރުން އޮތީ ލަސްކުރަންޖެހިފައެވެ. އެންމެ ފަހުން މި ފިލްމު މިއަދު ނެޓްފިލްކްސް މެދުވެރިކޮށް އާއްމުންނަށް ދޫކޮށްލާނެއެވެ.

"ބަދްލާ" ގެ ބަޠަލާ ތާޕްސީ ޕަންނޫ އާއި ވިކްރާންތު މާސޭ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލަރގައިވެސް ފެނިގެންދަނީ ފިލްމަށް އިންތިޒާރުކުރަންޖެހޭ ވާހަކަތަކެކެވެ. ތާޕްސީ އަދި ވިކްރާންތު ދެމަފިރިންގެ ރޯލުން ފެނިގެންދާއިރު ތާޕްސީގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދަނީ "ސަނަމް ތޭރީ ކަސަމް" ގެ ތަރި ހަރްޝްވަރުދަން ރާނޭ އެވެ.

ކަނިކާ ދިލޯން ލިޔެފައިވާ ވާހަކައަކަށް ހަދާފައިވާ މި ފިލްމުގައި ތާފްސީގެ ފަރާތުން ފެނިގްނެދާނީ މުޅިން ތަފާތު ރޯލެއް ކަމަށް އެނާ އަންނަނީ ބުނަމުންނެވެ. އެހެންކަމުން މި ފިލްމު އެނާފެ ފޭނުންނަށް ވަރަށް ކަމުދާނެކަމަށް އެނާ ޤަބޫލުކުރެއެވެ. ކޮންމެއަކަސް މިއަދު މި ފިލްމު ނެޓްފިލިކްސްއަށް އަންނާނެއެވެ. މާ ގިނަ ވަގުތެއް ދެން ނެތެވެ.

ކޮލަރ ކޮމްބް

ޖިމީ ޝެރްގިލް ލީޑް ރޯލުން ފެނިގެންދާ ވެބް ސީރީޒް "ކޮލަރ ކޮމްބް" އަކީ ޕޮލިސް އޮފިސަރެއްގެ މާޒީގައި ހިނގާފައިވާ ކަންތައްތަކެއް ދައްކުވައިދޭ ސީރީޒް އެކެވެ. މިމަހުގެ 9 ވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ މި ސީރީޒް ޕްރިމިއަރ ކުރާނީ ޑިޒްނީ ޕްލަސް ހޮޓް ސްޓާރ އިންނެވެ.

ސްޓޭގެ އޮފް ސީޖް

ޓެމްޕަލް އެޓޭކް:ޒީ ފައިވް އިން މިމަހުގެ 9 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ތްރިލަރ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ އަކްޝޭ ކަންނާއެވެ.

"ފީލްސް ލައިކް އިޝްޤް"

"ފީލްސް ލައިކް އިޝްޤް" ލޯބީގެ ކުރު ވާހަކަތަކެއްގެ މައްޗަށް ހަދާފައިވާ މި ސީރީޒްގައި ރާދިކާ މަދަން، ރޯހިތް ޝަރަފް އަދި ނީރްޖާ މާދަވް ފެނިގެންދާނެއެވެ. ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ މި ސީރީޒް ދައްކަން ފަށާނީ މިމަހުގެ 23 ގައެވެ.

14 ޕޭރޭ

ދޭވަންޝޫ ސިންގ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމު "14 ޕޭރޭ" ރިލީޒްކުރަން ތާވަލު ކޮށްފައިވަނީ މި މަހު ޒީ 5 އިންނެވެ. ފިލްމުގެ ލީޑް ރޯލުން ވިކްރާންތް މާސޭގެ އިތުރުން ކްރިތީ ކަރްބާނާވެސް ފެނިގެންދާނެއެވެ.

ކޯވިޑާއި ގުޅިގެން ހުއްޓިފައި އޮތް ހޮލީވުޑާއި ބޮލީވުޑްގެ ގިނަ ފިލްމަތައް ރިލީޒްވާން މިވަނީ ފަށާފައެވެ. މި ލިސްޓުގައި މިހިރަ ފިލްމަތަކާއި ސީރީޒްތަކަކީ ބޮލީވުޑްގެ ލިސްޓުން މި އަހަރު ނުކުންނަ އުފެއްދުންތަކުން ބަލާން އެންމެ ކަމުދާނެ ފިލްމުތަކާއި ސީރީޒްތަކެވެ.