މިދިޔަ އަހަރު ދެއްކި ބްލެކް ކޮމެޑީ ތްރިލަރ ފިލްމު "އޭކޭ ވާރސަސް އޭކޭ" އަށްފަހު ސޯނަމް ކަޕޫރު އަހޫޖާގެ ފިލްމެއް ބެލުންތެރިންނަށް ނުފެންނަތާ މިވަނީ ގާތްގަޑަކަށް އަހަރަކާއި ކައިރިކޮށްފައެވެ. އެހެންނަމަނަމަވެސް ސޯނަމްގެ ފުރަތަމަ ޑިޖިޓަލް ޕްރިމިއަރ ފިލްމު މިހާރު އޮތީ ރިލީޒްކުރުމުގެ މަގުމަތީގައެވެ.
2011 ވަނަ އަހަރު ދެއްކި ކޮރެއަން މިސްޓްރީ ތްރިލަރ ފިލްމު "ބްލައިންޑް"ގެ ހިންދީ ރީމޭކްގެ ލީޑް ރޯލުން ސޯނަމް ފެނިގެންދާނެއެވެ. ސޯނަމްގެ އިތުރުން "އަ ޑެތް އިން ދަ ގުންޖް" އަދި "ލިޕްސްޓިކް އަންޑަރ މައި ބުރްގާ" އިން ފެނިގެންދިޔަ ވިކްރާންތް މަސޭ ވެސް މުހިންމު ރޯލަކުން މި ފިލްމުގައި ފެނިގެންދާނެއެވެ. މި ފިލްމުގެ ނަން އަދި އާއްމެއް ނުކުރެއެވެ.
ދެކުނު ކޮރެއާއަށް އަށް ނިސްބަތްވާ އޮރިޖިނަލް ފިލްމުގައި ދައްކުވައިދެނީ ގޮތް ނޭގޭ މަރުތަކެއްގެ ޙައްލު ލޯފަން ޕޮލިސް އޮފިސަރެއް ހޯދާ ގޮތެވެ.
ސިނަމާތަކުގައި މި ފިލްމު ރިލީޒްކުރަން މީގެކުރިން ތާވަލުކޮށްފައި އޮތް ނަމަވެސް މިހާރު ނިންމާފައިވަނީ ޑިޖިޓަލް ޕްލެޓް ފޯމަށް ދޫކޮށްލާށެވެ. މިއާއެކު މި ފިލްމު ވެގެންދާނީ ސޯނަމްގެ ފުރަތަމަ ޑިޖިޓަލް ޕްރިމިއަރ އަށެވެ.
"ކަހާނީ" ގެ ޕްރޮޑިއުސަރ ޝުޖޯއީ ގޯޝް ޕްރޮޑިއުސްކުރާ މި ފިލްމަކީ އޭނާގެ ފުރަތަމަ ރީމޭކެއް ނޫނެވެ. ޝުޖޯއީ ޕްރޮޑިއުސްކޮށް އަމީތާބް ބަޗަން އަދި ތާޕްސީ ޕަންނޫ ލިޑްރޯލުން ފެނިގެންދިޔަ ފިލްމު "ބަދްލާ" އަކީވެސް ސްޕެނިޝް ތްރިލަރ ފިލްމު "ކޮންޓްރާޓިއެމްޕޯ" ގެ ހިންދީ ރީމޭކެވެ.
ސަންޖޭ ލީލާ ބަންސާލީގެ ރޮމޭންޓިކް ފިލްމު "ސާވަރިޔާ" އިން ފިލްމީ ކެރިއަރ ފެށި ސޯނަމް ވަނީ "ދިއްލީ 6" ، "އައި ހޭޓް ލަވް ސްޓޯރީ" ، "ނީރްޖާ" ، އަދި "ހޫބްސޫރަތް" ފަދަ ރީތި ފިލްމުތަކުން ފެނިގެން ގޮސްފައެވެ.