ކަރަން ޖޯހަރާއި އޭނާގެ ޕްރޮޑަކްޝަން ހައުސް ދަރްމާ ފޮރޮޑަކްޝަންގެ މަސައްކަތް ހުއްޓުމެއް ނެތެވެ. އަލަށް އުފައްދާ ފިލްމުތަކުގެ ދިގު ކިއުއެއް އޮއްވާ ކަރަން އަނެއްކާވެސް މި ވަނީ މުޅިން އައު ފިލްމެއްގެ ވާހަކަ އިއުލާންކޮށްފައެވެ. މިފަހަރު ތާރީހީ ވާހަކައެކެވެ.
ކާމިޔާބު ޕްރޮޑިއުސަރ / ޑައިރެކްޓަރގެ މިވަގުތު އެންމެ ސަމާލުކަން ދޭ އެއް ޕްރޮޖެކްޓަކީ އިންޑިއާގެ މަޝްހޫރު ވަކީލު ސީ ޝަންކަރަން ނައިރުގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޯޕިކަށެވެ. އިންޑިއާ އިނގިރޭސީންގެ އަތް ދަށުގައި އޮތް ދުވަސްވަރު މިނިވަންކަމަށް މުހިއްމު މަސައްކަތްތަކެއް ކޮށްދިން ސީ ޝަންކަރަންނަށް އުފައްދާ މި ފިލްމުގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މި ފިލްމުގެ މަސައްކަތް ރަސްމީކޮށް ފަށާކަން އިއުލާންކުރަމުން ކަރަން ވަނީ ފިލުމުގެ ޑައިރެކްޓަރަކީ ކަރަން ތިޔާގީކަންވެސް ހާމަކޮށްފައެވެ. އެހެންނަމަވެސް ފިލްމުގެ ލީޑް ކާސްޓުންނަކީ ކޮބައިކަމެއް އަދި ކަރަން ނުބުނެއެވެ.
ފިލްމުގައި ދައްކުވައިދޭނީ ޖަލިއާންވާލާ ބާގް މަސަކަރގެ ނަމުން ނަންދީފައިވާ އެއްވުމުގެ ޙަޤީޤަތް ހާމަކޮށްދިނުމަށްޓަކައި އިނގިރޭސީންނާއި ދެކޮަޅަށް ކޯޓުގައި ކުރި ވަކާލަތެވެ.
ޙަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަކީ ޝަންކަރަންގެ މުނި ކާފަ ދަރިފުޅު ރަގޫ ޕަލަޓާއި އޭނާގެ އަންހެހުން ޕުޝްޕާ ޕަލަޓް ލިޔެފައިވާ ފޮތް " ދަ ކޭސް ދެޓް ޝުކް ދަ އެމްޕަޔަރ" ގެ ބައެއް ޙާދިސާތައް މޮޑިފައިކޮށްގެން ހަދާ ފިލްމެއްކަމަށް ކަރަން ބުނެއެވެ.
1857 ވަނަ އަހަރު އުފަންވި ސީ ޝަންކަރު ނަޔަކް އަކީ 1915 ވަނަ އަހަރު އިންޑިއާގެ ވައިސަރީ ކައުންސިލްގެ މެމްބަރެކެވެ. އިނގިރޭސިންނާއި އެމީހުން އޭރު އަމަލުކުރަމުން އައި ނިޒާމުގައި ހުރި މައްސަލަތަކުގެ މައްޗަށް ނަޔަކުގެ ވަރަށް ގިނަ ލިޔުންތަކުގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މި ފާޑުކިޔުންތައް އިނގިރޭސިން ވަނީ ފަހުން ބަލައިވެސްގަންފައެވެ. 1992 ވަނަ ނެރުނު ފޮތް " ގާންދީ އެންޑް އެނާކީ" އަކީވެސް އެސް ޝަންކަރުގެ ލިޔުމެކެވެ.