ޚަބަރު

މަރާލާފައިވާ ކުއްޖާއާ ގުޅޭ މައުލޫމާތު ހޯދައި، މުއައްސަސާތަކާއި ބައްދަލުކުރަން ހިއުމަންރައިޓްސް ކޮމިޓީން ނިންމައިފި


މަރާލާފައި އޮތްވާ ފެނުނު 13 އަހަރުގެ ކުއްޖާއަކީ މީގެ ކުރިން އެއްވެސް ސަބަބަކާހުރެ ދަޢުލަތުން ރައްކާތެރިކަންދީފައިވާ ކުއްޖެއްތޯ ދެނެގަތުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން މައުލޫމާތު ހޯދައި، އެމުއައްސަސާތަކާއި ބައްދަލުކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކުރުމަށްފަހު މަރާލާފައިވާކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދުވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި މިމައްސަލަ ބެލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ކޮމިޓީ ބައްދަލުވުމުގައި މިކަން ކުށްވެރިކޮށް މިއީ މަޖިލީހުން ބަލަންޖެހޭފަދަ ސީރިއަސް މައްސަލައެއްކަން މެންބަރުންވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިމައްސަލަ ބެލުމާގުޅޭ މުހިއްމު 3 ކަމެއްކުރުމަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ.

އޭގެތެރޭގައި މަރާލާފައިވާ 13 އަހަރުގެ ކުއްޖާއަކީ އެއްވެސް ސަބަބަކާހެދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ނުވަތަ ކަމާގުޅުހުންހުރި ނިޒާމުގެ ތެރެއިން ދެނެގަނެވިފައިވާ ކުއްޖެއްތޯ ބެލުމަށް ކަމާގުޅުހުންހުރި މުއްސަސާތަކުން މިކަމާބެހޭ މަޢުލޫމާތު ހޯދަންވަނީ ނިންމާފައެވެ. މިމައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއާ، ޖެންޑަރ މިނިސްޓްރީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން 2 ދުވަހުގެ ތެރޭގައި ހޯދުމަށް ވަނީ ނިންމާފައެވެ.

އަދި އޭގެ ފަހުން މިހަފްތާގެ ހޮނިހިރު ދުވަހު އެ މުއައްސަސާއެކު ބައްދަލުކުރުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައިވަނީ ފާސްކޮށްފައެވެ. އެއިދާރާތަކާއި ބައްދަލުކޮށް މިކަމާއި ގުޅޭކަމެއް ހުށައެޅިފައިވާނަމަ އެކަމާގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަށް ކޮމިޓީންވަނީ ނިންމާފައެވެ.

މީގެ އިތުރުން މަރާލާފައިވާ ކުއްޖާއާއި ގުޅޭގޮތުން އެކުއްޖާ ބަދުނާމުވާގޮތަށް ޚަބަރުތައް ފަތުރާ ނޫސް/މީޑިއާތަކުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ މެންބަރުން ވަނީ މިމައްސަލައިގަ ވިކްޓިމްއަކަށްވި ކުއްޖާއި ގުޅޭގޮތުން ބައެއް އޮންލައިން ނޫސްތަކާއި އެނޫންވެސް މީޑިއާތަކުން ތެދުނޫން މައުލޫމާތާއި، އެކުއްޖާއަށް ދިމާވި ކަންކަމަށްވުރެ ބޮޑަށް އޭނާއަކީ އެންމެ ރަނގަޅަށް އުޅޭ މީހެއް ނޫންކަން ދޭހަވާގޮތަށް ޚަބަރުތައް ގެންނަމުންދާތީ އެކަން ކުށްވެރިކޮށްފައެވެ.