ދުނިޔެ

ނިއުކުލިއާ އެއްބަސްވުމަށް އަންނަ އަހަރު ޢަމަލުކުރަން ފަށަނީ


އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް މަޑު ޖައްސާލުމަށް އެޤައުމާ ދުނިޔޭގެ ބާރުތަކާ ދެމެދުވެފައިވާ އެއްބަސްވުމަށް އަންނަ އަހަރުގެ ކުރީ ކޮޅު ޢަމަލުކުރަން ފަށާނެ ކަމަށް އީރާނުން ހާމަކޮށްފިއެވެ.މިއަހަރުގެ ޖުލައި މަހު ޤާއިމުކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅަނގުގެ ބާރުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.އޮސްޓްރިއާގެ ވިއޭނާގައި އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާގެ އިސްވެރިޔާއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިއުކްލިޔަރ މަޝްވަރާތަކުގައި އީރާނު ތަމްސީލުކުރައްވާ އިސް މަސްއޫލުވެރިޔާ އައްބާސް އަރަޤްޗީ ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. އަދި މިއެއްބަސްވުމަށް ޢަމަލުކުރަން ފެށޭނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާ ކަން އައި.އޭ.އީއިން ކަށަވަރުކުރުމާ އެކު ކަމަށް ވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.އީރާނުން މިހާތަނަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ރަޝިޔާއަށް އެކްސްޕޯޓް ކުރުމާ ބެހޭ ގޮތުން ދެޤައުމުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.