މުނިފޫހިފިލުވުން

ކާތިކްގެ މަންމައަކީ މަނީޝާ ކޮއިރަލާ


މިދިޔަ އަހަރު ދެއްކި ބްލޮކްބާސްޓަރ ތެލުގޫ ފިލްމު '"އަލާ ވައިކުންތަޕުއްރަމުލޫ" ގެ ހިންދީ ރީމޭކްގެ މަސައްކަތް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.

ކާތިކް އާރްޔަން ފިލްމުގެ ލީޑުރޯލުން ފެނިގެންދާއިރު އޮރިޖިނަލް ފިލްމުގެ އެކްޓަރަކީ އަލޫ އަރުޖުން އެވެ. ފިލްމުގެ މައިގަނޑު ކެރެކެޓަރތަކަށް މިހާރު ތަރިން ހަމައްޖައްސާފައިވާއިރު ކާތިކްގެ މަންމަގެ ރޯލަށް ހަމަޖައްސާފައިވަނީ 1999 ވަނަ އަހަރު ދެއްކި މަޝްހޫރު ފިލްމު "މަން" ގެ ތަރި މަނީޝާ ކޮއިރަލާއެވެ.

އޮރިޖިނަލް ފިލްމުގައި މަންމަގެ ރޯލުން ތައްބޫ ފެނިގެންދިޔައިރު ރީމޭކްގައިވެސް މަންމަގެ ރޯލަށް ފުރަތަމަ ނަގަން ބޭންވީ ތައްބޫ ކަމަށާއި ނަމަވެސް ކާތިކް އާއި ތައްބޫ އެކުގައި މިހާރުވެސް "ބޫލް ބުލައްޔާ 2" ގެ މަސައްކަތް ކުރަމުންދާތީ އަނެއްކާވެސް އެހާ އަވަހަށް ދެ ތަރިން އެކުގައި ދައްކަން ބޭނުންނުވާތީ މަނީޝާ އަށް މި ރޯލު ހުށަހެޅީކަމަށް ވެއެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ މި ފިލްމުގައި ކާތިކް އާއި މަނީޝާގެ އިތުރުން "ލުއްކާ ޗުޕީ" ގައި ކާތިކްގެ ކޯ ސްޓާރެއްގެ ގޮތުގައި ކްރިތީ ސެނޮން އާއި އިތުރުން ދެ ތަރިންވެސް ފެނިގެންދާނެއެވެ.

ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ ވަރުން ދަވަންގެ ބޭބެ އަދި ޑައިރެކްޓަރ ޑޭވިޑް ދަވަންގެ ދޮށީ ދަރިފުޅު ރޯހިތް ދަވަން އެވެ. މި ފިލްމަކީ ރޯހިތުގެ ތިން ވަނަ ޑައިރެކްޝަނެވެ. މީގެކުރިން ރޯހިތު ޑައިރެކްޓްކޮށްފައިވާ ދެ ފިލްމަކީ 2011 ވަނަ އަހަރު ދެއްކި "ދޭސީ ބޯއީޒް" އަދި 2016 ވަނަ އަހަރު ދެއްކި "ދިޝޫމް" އެވެ.

ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" ގެ މިޔުޒިކަކީ ވެސް ފާހަގަކޮށްލެވޭ މިޔުޒިކެކެވެ. ފިލްމުން އެންމެ މަޝްހޫރުވީ ލަވައަކީ '"ބުއްޓާ ބޮމްމާ" އެވެ. ދާދިފަހުން ކާތިކް ވަނީ މި ލަވަ އޭނާގެ އިންސްޓަގްރާމްގައި ޙިއްޞާވެސް ކޮށްފައެވެ. ނޭޕާލް އަށް ނިސްބަތްވާ އެކްޓަރ މަނީޝާ ވަނީ "1942 ލަވް ސްޓޯރީ" ، 'ޚާމޯޝީ: ދަ މިޔުޒިކަލް" ، "ދިލް ސޭ'" ، "މަން" އަދި "ޗެމްޕިއަން" ފަދަ އެތައް ހިންދީ ފިލްމެއްގައި މަސައްކަތްކޮށްފައެވެ.