މުނިފޫހިފިލުވުން

"ދާކަދް"ގެ އަރުޖުން ލުކް އެންމެނަށް ކަމުދޭ


ރަޒްނީޝްގައި ޑައިރެކްޓްކުރާ އެކްޝަން ފިލްމު "ދާކަދް" ގެ އެކްޓަރ އަރުޖުން ރާމްޕަލް އެ ފިލްމުގައި ފެންނާނެ ގޮތުގެ ފުރަތަމަ ލުކް އިންސްޓްގްރާމްގައި ހިއްޞާކޮށްފިއެވެ.

ޕްލެޓިނަމް ބްލޮންޑް އިސްތަށިގަނޑު ޑައިކޮށް އޭނާގެ އިންސްޓްގްރާމްގައި އަރުޖުން ޙިއްޞާކޮށްފައިވާ ފޮޓޯ އަށް ގިނަ ބައެއްގެ ތަރުޙީބުވެސް އަންނަނީ ލިބެމުންނެވެ. މި އައު ސްޓައިލް އެންމެންނަށްވެސް ވަނީ ވަރަށް ކަމުގޮސްފައެވެ. އަރުޖުންގެ އިތުރުން ކަންގްނާ ރަނައުޓް ލީޑްރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ނުނިމި އޮތްބައި ހަންގޭރީގެ ވެރިރަށް ބުޑާޕެސްޓްގައި ކުރިއަށް ގެންދިއުމަށް މިހާރުވަނީ ޝެޑިއުލް ކޮށްފައެވެ.

ޕޮލިޓިކަލް ތްރިލަރ ފިލްމު "ރާޖްނީތީ" ގެ އެކްޓަރ އަރުޖުން ވަނީ ދާދިފަހުން ކޮރޯނާ ވައިރަސްގެ ޝިކާރައަކަށްވެސް ވެފައެވެ. ނަމަވެސް އޭނާގެ އިންސްޓަގްރާމްގައި ހާމަކޮށްފައިވާގޮތުން މިހާރު އަރުޖުން ވަނީ މި ބަލިން ރަގަޅުވެފައެވެ.

2001 ވަނަ އަހަރު ދެއްކި ރޮމޭންޓިކް ފިލްމު "ޕިޔާރު އިޝްޤު އޯރު މުޙައްބަތު" އިން ފިލްމީ ކެރިއަރ ފަށާފައިވާ އަރުޖުން ވަނީ "ދިލް ހޭ ތުމާރާ" "ދިލް ކަ ރިޝްތާ" ،"ވާދާ" އަދި "ދީވާނާ ޕަން" ފަދަ ރީތި ލޯބީގެ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. އަރުޖުން އެންމެފަހުން ފެނިގެންދިޔައީ ސިދާތު ޖެއިސިންގް ގެ ޑިޖިޓަލް ތްރިލަރ "ނެއިލް ޕޮލިޝް" އިންނެވެ.