ޚަބަރު

ޔޫއޭއީގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ޔޫއޭއީގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް، އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓް(އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނަރަލް، މުޙައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ދުބާއީގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި މިނިސްޓަރ އަބްދުﷲ ޝާހިދާއި އެޑީއެފްޑީގެ ޑިރެކްޓަރ ޖެނަރަލް އަލް ސުވައިދީ ވަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދުއޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިބައްދަލުވުމުގައި ޔޫއޭއީގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މުހިއްމު މަޝްރޫޢުތަކާއި އެމަޝްރޫޢުތަކާއި އިތުރަށް ކުރިއަށްގެންދާނެ މަޝްރޫޢުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފުރަތަމަ ފިޔަވަހީގެ ސަބަބުން އެސަރަޙައްދަށް ލިބިފައިވާ ކުރިއެރުން ފާހަގަކުރައްވައި، އޭޑީއެފްޑީގެ އެހީގައި އިތުރު އިންތިޒާމުތަކާއެކު އެ އެއަރޕޯޓުގެ ދެވަނަ ފިޔަވަހި ފެށިގެން ދިއުމުން އިތުރަށް ލިބިގެންދާނެ ކުރިއެރުންތާކާއި ފުރުސަތުތައް މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު ޢަދާކުރައްވާފައެވެ. އަދި އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓްގެ ޑިރެކްޓަރ ޖެނަރަލްވެސް ވަނީ ކުރިއަށްއޮތްތަނުގައިވެސް ގާތް ބައިވެރިއެއްްގެ ހައިސިއްޔަތުން ރާއްޖެއަށް އޮހީތެރިކަން ފޯރުކޮސްދެމުންގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.