މުނިފޫހިފިލުވުން

"ސާރކަސް" ގެ ދިޕިކާގެ ލަވަ ގޯއާގައި


ރޯހިތް ޝެޓީ ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމު "ސާރކަސް" ނުކުންނަ ހުރި ކޮމެޑީ ފިލްމުތަކުގެ ލިސްޓުން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ.

ކޮމެޑީ ފިލްމުތަކާއި އެކްޝަން ފިލްމުތަކަށް މޮޅު ޑައިރެކްޓަރ ރޯހިިތްގެ މި ފިލްމުގެ ލީޑް ދީފައިވަނީ ރަންވީރު ސިންގާއި ޖެކްލިން ފެނާންޑަރޒް އިތުރުން ޕޫޖާ ހެޖްއަށެވެ. މި ފިލްމުގެ ވާހަކަތަކާއި އެކު އެންމެ ގިނަ ބަޔަކަށް އަޅައިގަތީ ފިލްމުގެ ޚާއްޞަ ލަވައަކުން ދީޕިކާ ފެންނަ ވާހަކައެވެ.

ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންތައް މުމްބާއީގައި ނިންމާލުމަށްފަހު ރޯހިތު މިހާރު ތައްޔާރުވަމުންދަނީ މި ޚާއްޞަ ލަވައިގެ ޝޫޓިންތައް ފެށުމަށެވެ. މި ލަވަ ރޯހިތް ނަގަން ނިންމާފައިވަނީ އެނާގެ ހުރިހާ ފިލްމެއްގައި ހެންވެސް ކޮންމެވެސް މަންޒަރެއް ދައްކާލާ ގޯއާގައެވެ.

މި ލަވައިގެ މަސައްކަތަށް ރޯހިތާއި އޭނާގެ ޓީމު އަންނަ އޮކްޓޫބަރު ފަހު ކޮޅު ނޫނީ ނޮވްމެބަރު މަހު ކުރީކޮޅު ފުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ރިލައަންސް އެންޓަރޓެއިންމަންޓާއި ޓީ ސީރީޒް އަދި ރޯހިތު ޝެޓީ ޕިކްޗާރޒްއިން ޕްރޮޑިއުސް ކުރާ މި ފިލްމުގައި ފުރަތަމަ ފަހަރަށް ރަންވީރުގެ ޑަބަލް ރޯލް ފެނިގެންދާނެއެވެ.

މަޝްހޫރު ޅެންވެރިޔާ ވިލިއަމް ޝޭކްސްޕިއަރ ގެ ތަމްސީލު "ދަ ކޮމެޑީ އޮފް އެރާރސް" ގެ ވާހަކައިގެ މައްޗަށް ބިނާކޮށް 1982 ވަނަ އަހަރު ދެއްކި ފިލްމު "އަންގޫރު" އަސްލަކަށް ބަލައިގެން ހަދާ ފިލްމު "ސާރކަސް" ރިލީޒް ކުރަން އަދި ތާވަލު ކޮށްފައި އޮތީ މިއަހަރުގެ ޑިސެމްބަރު 31 ގައެވެ.