ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ފަތިހު 4:47 ހާއިރުކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
މިމީހާއާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 197 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 180 ދިވެހިންނާއި 17 ބިދޭސީންނެވެ. ކޯވިޑް ބަލީގައި އިއްޔެ ރާއްޖެއިން ވަނީ 4 މީހަކު ނިޔާވެފައެވެ. އޭގެ ތެރެއިން 2 މީހަކު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށެވެ. އެއީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދިޔަ އުމުރުން 25 އަހަރުގެ އަންހެނަކުވެސް ވަނީ ނިޔާވެފައެވެ. އަދި ލ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ރޭ ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ތެރެއިން މިހާތަނަށް އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ނިޔާވީ 100 އަހަރުގެ މީހެކެވެ. އަދި އެންމެ ހަގު ޢުމުރުގެ ކުއްޖަކަށް ނިޔާވެފައިވަނީ 10 އަހަރުގެ ކުއްޖެކެވެ. އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ވަގުތު ކޯވިޑަށް ފަރުވާ ހޯދަމުން އަންނަ 11،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލުގައި 97 މީހުން އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
ކޯވިޑް-ގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ ޙާލަތު އެންމެ ބޮޑަށް ގޯސްވެގެންދިޔައީ ނިމުނު މެއިމަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ މެއިމަހު އެކަނިވެސް 34،561 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 88 މީހުން މި ބަލީގައި ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެޅި އިތުރު ފިޔަވަޅުތަކާއެކު، މާލެއާއި އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު ކޮންމެވެސްވަރަކަށް މިހާރު ދަށްވަމުންދާކަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުންވެސް ވަނީ ފާހަގަކުރައްވާފައެވެ.