ބޮލީވުޑްގެ އަރަމުން އަންނަ ތަރި ސާރާ އަލީ ޚާން ފިލްމީ ދުނިޔެއަށް ތައާރަފުވުމުން ގިނަ ބައެއްގެ އެއް އިންތިޒާރަކަށްވީ މަންމަ އަމްރީތާއި އެކު ފިލްމަކުން ފެންނާނެ ދުވަހަކެވެ.
ކުރީގެ ކާމިޔާބު ތަރި އަމްރީތާ އެނާގެ ދަރިފުޅާއި އެކު އެއް ފިލްމަކުން ފެންނާނެ ދުވަހެއް އަދި ނޭގުނަަސް މި ދެމައިން އެކުގައި ޓީވީ އިސްތިހާރަކުން ފެންނާނެކަން މިވަނީ ޔަޤީންވެފައެވެ. 1983 ވަނަ އަހަރު ދެއްކި ރޮމޭންޓިކް ފިލްމު 'ބޭތާބް' ގެ ބަޠަލާ އަމްރިތާ އަލުން އިޝްތިހާރަކުން މި ފެންނަނީ ގާތްގަޑަކަށް 30 އަހަރު ފަހުންނެވެ.
މި އިޝްތިހާރުގެ ފޮޓޯއެއްވަނީ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ފޮޓޯގައި ނޫކުލައިގެ ސަލްވާރު ހެދުމެއްގައި އަމްރިތާ ފެންނައިރު ސާރާ ހުންނަނީ ހުދުކުލައިގެ އޮފް ޝޯލްޑަރ ހެދުމެއް އަޅާފައެވެ.
ސާރާ މީގެކުރިން ދިން އިންޓަރވިއުއެއްގައި ބުނީ ބައްޕަ އަދި އެކްޓަރ ސައިފް އަލީ ޚާން އޭނާއާއެކު ފިލްމެއްގައި މަސައްކަތް ކުރި ނަމަވެސް މަންމައާއި އެކު ފިލްމަކުން ފެނިދާނެކަމަށް ނުބެލެވޭކަމަށެވެ.
ސާރާ އެންމެ އަވަހަށް ދެން ފެންނާނީ އަކްޝޭ ކުމާރު އަދި ދަނުޝްއާއެކު އާނަންދު އެލް ރެހެއާއިގެ ރޮމޭންޓިކް ޑްރާމާ ފިލްމު "އަތްރަންގީ ރޭ" އިންނެވެ. ވިކީ ކޯޝާލް އާއެކު އަދިތްޔާ ދަރުސްގެ "އިމްމޯރޓަލް އަޝްވަތަމް" އިންވެސް ސާރާ ފެންނާނެއެވެ. މި ފިލްމުގައި ސާރާގެ އެކްޝަން ސީންތަކެއް ހުރުމުން އެނާ އަންނަނީ މާޝެއަލް އާޓްސްގެ ޓްރެއިނިންތަކެއް ހަދަމުންނެވެ. މީގެ އިތުރުން ފިލްމަށް ތައްޔާރުވުމުގެ ގޮތުން އަސް ދުއްވަންވެސް ސާރާ ދަސްކުރާނެކަމަށްވެއެވެ.
2018 ވަނަ އަހަރު ދެއްކި އަބީޝެކް ކަޕޫރުގެ ރޮމޭންޓިކް ޑިޒާސްޓަރ ފިލްމު "ކޭދަރުނާތު" އިން ފިލްމީ ކެރިއަރ ފެށި ސާރާ އަލީ ޚާނަކީ އެކްޓަރ ސައިފް އަލީ ޚާން އަދި 1980 ގެ އަހަރުތަކުގައި މަޝްހޫރުވެގެން ދިޔަ ބަޠަލާ އަމްރިތާ ސިންގުގެ އަންހެން ދަރިއެވެ. 2018 ވަނަ އަހަރު ދެއްކި 'ސިމްބާ' 2020 ވަނަ އަހަރު ދެއްކި 'ލަވް އާޖްކަލް' އަދި ހަމަ އެއަހަރު ދެއްކި 'ކޫލީ ނަންބަރު 1' ސާރާ ވަނީ ފެނިގެން ގޮސްފައެވެ.