އިންޑިއާގައި ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުގައި ވެކްސިން ނުލިބުމާއި އެނޫންވެސް އެހެނިހެން ސިއްޙީ ޚިދުމަތްތައް ހޯދުމަށް ދަތިވުމުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރަން ވަނީ އުދަގޫވެފައެވެ. ސިއްހީ ހިދުމަތްތެރިން ބޭނުންވާ ބައެއް ސާމާނު ލިބުމުގައިވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އެހެންނަމަވެސް ދީލަތި ބައެއް މީހުން އަންނަނީ ވެންޓިލޭޓަރާއި އޮކްސިޖަން، ވެކްސިން އަދި ޕީޕީއީ ކިޓްފަދަ އާލާތްތައް ހަދިޔާ ކުރަމުންނެވެ.
މިފަދަ އެހީތައް ދޭ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ މަޝްހޫރު ފިލްމީ ތަރިންނެވެ. މި ލިސްޓަށް އަނެއްކާވެސް މި ވަނީ ތަރިއެއް އިތުރުވެފައެވެ.
ފިލްމް އާޝިގީ 2 ރީތި ލަވަތަކެއް ކިޔާދީ އެތައް ބައެއްގެ ހިތުން ޖާގަ ހޯދި އަރްޖީތް ސިންގް ވެސް މިވަނީ ކޯވިޑްގައި ހާލުގައި ޖެހިފައިވާ ފަޤީރުންނަށް އެހީވާން ނުކުމެފައެވެ. އަރްޖީތް އަންނަނީ ފަޤީރު ހިސާބުތަކަށް ބޭސްފަރުވާ ފޯރުކޮށްދޭން ބޭނުންވާ ފައިސާ ހޯދުމަށް ވާޗުއަލް ކޮންސެޓެއް ބާއްވަން ތައްޔާރުވަމުންނެވެ.
މިކަން ޙިއްޞާކޮށް އަރްޖީތު އޭނާގެ ފޭސްބުކްގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް މި ކޮންސެޓް ކުރިއަށް ގެންދާއިރު ގިނަ ބައެއްގެ އެހީ ބޭނުންވާކަމަށެވެ. މި އެހީ ބޭނުންކުރާނީ ޓެސްޓް ކުރާ ކިޓްތައް ހޯދުމަށާއި އެމްއާރްއައި އަދި ސީޓީ ސްކޭން މެޝިން ހޯދުމަށްކަމަށްވެސް އަރިޖީތު ވަނީ ބުނެފައެވެ.
އަރިޖީތުގެ މަންމަ ވަނީ ކޯވިޑް ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް ދާދި ފަހުން މަރުވެފައެވެ. މީގެ ކުރިންވެސް އަރިޖީތު ވަނީ ނޭސަލް އޮކްސިޖަން ތެރެޕީ މެޝިނެއް އިންޑިއާގެ މުރުޝިދުއާބާދުގެ މެޑިކަލް ކޮލެޖަށް ހަދިޔާކޮށްފައެވެ.
އަކްޝޭކުމާރު، ސަލްމާން ޚާން، އަނުޝްކާ ޝަރުމާ މީގެ އިތުރުންވެސް ވަރަށްގިނަ ބޮލީވުޑްގެ ފަންނާނުންވަނީ ކޯވީޑް ރިލީފް ފަންޑަށް އަދި އެހެނިހެން ގޮތްގޮތުންވެސް ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ގިނަ އެހީތަކެއް ވެދީފައެވެ.