ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ކުއްލި ޙާލަތްތަކުގައި ބޭނުންކުރާނެ ޞިއްޙީ ސާމާނު އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފިއެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި އެމެރިކާއިން ހުއްޓުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި މި ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ދިވެހިރާއްޖެ، ޕާކިސްތާން އަދި ސްރީލަންކާއަށް ދޭ އެހީގެ ސާމާނާއެކު މިއަދު ފްލައިޓެއް ފުރާނެކަމަށް ބްލިންކަންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އެމެރިކާއިން ފޯރުކޮށްދޭ އެހީގެ ސާމަނަކީ ޔޫ.އެސް. އެއިޑްގެ ދަށުން ފޯރުކޮށްދޭ ކުއްލި ޙާލަތްތަކުގައި ބޭނުންކުރާނެ ޞިއްޙީ ސާމާނެވެ. ޔޫ.އެސް އެޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫ.އެސް އެއިޑްއިން ރާއްޖެއަށް ފޯރުކޮށްދޭ ޞިއްޙީ ސާމާނުގެ ތެރޭގައި ދެލައްކަ ނުވަދިހަ ދެ ހާސް ޕީ.ޕީ.އީ ކިޓާއި، 600 ޕަލްސް އޮކްސިމީޓަރު ހިމެނެއެވެ.
The U.S. continues to support South Asia in responding to the COVID-19 crisis, and we are working non-stop to help manage the devastating effects of the pandemic. Today we're dispatching an airlift of emergency medical supplies from @USAID to Maldives, Pakistan, and Sri Lanka.
— Secretary Antony Blinken (@SecBlinken) June 3, 2021
ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އެމެރިކާއިން މީގެކުރިންވެސް ވަނީ އެކި ފަހަރު މަތިން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޯވިޑްގައި ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފައިވެއެވެ. އަދި އެމެރިކާއިން ވަނީ ޕީޕީއީއާއި ޕީސީއާރު މެޝިންގެ އިތުރުން މި ބަލިމަޑުކަމުން އަރައިގަތުމަށްތަކައި ބޭނުންވާ އެހެނިހެން އާލާތްތައްވެސް ރާއްޖެއަށް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން އިޖުތިމާޢީ ޚިދުމަތްތައް ވަރުގަދަކުރުމާއި އިޤްތިޞާދީ ކާރިސާއަށް އިޖާބަދިނުމުގައި އެހީވުމަށް އެމެރިކާއިން ވަނީ މާލީ އެހީތެރިކަންވެސް ރާއްޖެއަށް ފޯރުކޮށްދީފައެވެ.