ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗްތައް ދުބާއީއަށް ބަދަލްކޮށްފި.
ޗައިނާގައި ސެންޓްރަލައިޒްކޮށް ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް ދުބާއީއަށް ބަދަލްކޮށްފައިވަނީ ރާއްޖެ އާއި ސީރިޔާ އަދި ޕިލިޕީންސްއަށް އެރުމުގައި ދަތިތަކެއް ހުރުމުންނެވެ. ދުބާއީއަށް މެޗްތައް ބަދަލްކޮށް ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. ދުބާއީއަށް މެޗްތައް ބަދަލް ކުރުމުގެ ކުރިން ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ އެގައުމުގެ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މަޝްވަރާތަކަށް އަލި މަގެއް ނުލިބި މެޗްތައް ދުބާއީއަށް ބަދަލް ކުރުމަށް މަޖްބޫރުވިއެވެ. ކޯވިޑް-19ގެ ހާލަތުގެ ސަބަބުން ޗައިނާގެ ސަރުކާރުން ވަނީ ރާއްޖެ އާއި ޕިލިޕީންސް އަދި ސީރިޔާ މިވަގުތު ޗައިނާއަށް އެތެރެވުން މަނާކޮށްފައެވެ. ދުބާއީއަށް މެޗްތައް ބަދަލް ކުރުމުން ރާއްޖެއަށް ފައިދާވާނެއެވެ. އެއީ މިމެޗްތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ޓީމް މިވަގުތު ދުބާއީގައި ކޭންޕް ކުރުމުން ދިއުމާއި ގުޅިގެންނެވެ. ރާއްޖޭގެ އިތުރުން ސިރިޔާ ޓީމްވެސް ކޭންޕްކޮށްފައި ވަނީ ދުބާއީގައެވެ. އަދި ފިލިޕީން ޓީމު ކޭންޕުކޮށްފައިވަނީ ގަތަރުގައެވެ.
މިމެޗްތައް ދުބާއީއަށް ބަދަލް ކުރުމުން ގުރޫޕްގެ އެންމެ ފަހު މެޗްގައި ކޮވިޑަށް ޕޮޒިޓިވްވި އަލީ އަޝްފާގާއި އަލީ ޝާމިސްއަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް މިފުރުސަތު ލިބިގެންދާނީ 10 ދުވަސްފަހުން ހަދާ ކޯވިޑް-19 ޓެސްޓުން ނެގެޓިވްވެއްޖެނަމައެވެ.