ޚަބަރު

ސަރުކާރުގެ ނިންމެވުމާއެކު މިމަހުގެ ބިލްތަކަށް ސްޓެލްކޯއިން ޑިސްކައުންޓް ދޭނެ


ސަރުކާރުގެ ނިންމެވުމާއެކު ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް މިމަހު ބިލްކުރާއިރު ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ.

ކޯވިޑް-19ގެ ޙާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތަކުގެތެރެއިން މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ.

ސްޓެލްކޯއިން ވިދާޅުވީ ސަރުކާރުގެ ނިންމެވުމާއި އެއްގޮތަށް އެކުންފުނީގެ ކަރަންޓާއި، ފެނުގެ ޚިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި ޑިސްކައުންޓު ހިމެނިގެންދާނެ ކަމަށެވެ. އެގޮތުން ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް ދައްކަންޖެހޭ އަދަދުގެ %40 އަދި ފެނަށް ދައްކަންޖެހޭ އަދަދުގެ %30 ކުޑަކޮށް، އާންމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަންޖެހޭ އަދަދުގެ %20 ކުޑަވާނެކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވުމާއި ގުޅިގެން ފެނާއި ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކުން ދަނީ މިމަހުގެ ބިލްތަކަށް ޑިސްކައުންޓު ދޭނެކަން ހާމަކުރަމުންނެވެ. އެގޮތުން ފެނަކައާއި، އެމްޑަބްލިއުއެސްސީންވެސް ވަނީ މިމަހުގެ ބިލްތަކަށް ޑިސްކައުންޓް ދޭން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.