ޚަބަރު

ޤާޟީ އިސްމާޢީލްގެ މައްސަލަ ބެލުމުގައި އެއްވެސް އިޖުރާއަތަކާއި ޚިލާފުވެފައި ނުވާނެ: ޖޭއެސްސީ


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލި 7 ދަޢުވާއެއް ބާތިލް ކުރަން ނިންމެވި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް އިސްމާޢީލް ރަޝީދުގެ މައްސަލަ ބެލުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން އެއްވެސް އިޖުރާއަތަކާއި ޚިލާފްވެފައި ނުވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ އިސްމާއިލް ރަޝީދާއި ގުޅިގެން ކޮމިޝަނުން ތަޙްޤީޤު ހިންގުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ފުރުޞަތެއް ޤާޟީ އިސްމާޢީލް ރަޝީދަށް ދީފައިވާނެކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް އިސްމާޢީލް ރަޝީދާއި ގުޅޭގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށް ފަނޑިޔާރުކަމުން އޭނާވަނީ މިމަހުގެ 25 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާދެއްވައި އޭނާ ވިދާޅުވީ ކޮމިޝަނުން އޭނާއަށް ޖަވާބުދާރީވާންވެސް ފުރުސަތު ދީފައި ނުވާކަމަށެވެ.

ނަމަވެސް މިމައްސަލައިގެ ތަހުގީގް ކުރެވުނު ގޮތުގެ ތަފްސީލް ހާމަކޮށްދެއްވައި ޖޭއެސްސީން ވިދާޅުވީ މި މައްސަލައާ ގުޅިގެން 2020 ޖުލައި 18 ވަނަ ދުވަހު އިސްމާޢީލް ރަޝީދު އެކޮމިޝަނަށް ޙާޟިރުކޮށް ތަޙުޤީޤަށް ބަޔާން ނަގާފައިވާކަމަށެވެ. އަދި އޭނާ ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބޭނުންވުމުން ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ ވަކީލާއެކުގައި ކަމަށެވެ. އަދި ޖޭއެސްސީން ކުރި ތަހުގީގް ނިންމުމަށްފަހު ރިޕޯޓް އޭނާއަށް މިއަހަރު ފެބްރުއަރީ މަހު ފޮނުވައި، ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިޔުމުން ފޮނުވުމަށް ދަންނަވާފައިވާކަމަށެވެ. ނަމަވެސް ޤާޟީ އިސްމާޢީލް ރަޝީދަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ޖަވާބު ނުދެއްވައި، ބޭނުންވަނީ ތަހްގީގަށް ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް އަވަހަށް މައްސަލަ ނިންމާލަ ދިނުމަށްކަމުގައި ދަންނަވާފައިވާކަމަށެވެ.

"2021 މާރިޗު 08 ވަނަ ދުވަހު "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" އިސްމާޢީލް ރަޝީދަށް ފޮނުވުމުން، 2021 މާރިޗު 11 ވަނަ ދުވަހު އަލްއުސްތާޛު އިސްމާޢީލް ރަޝީދު ކޮމިޝަނަށް އީ-މެއިލްކޮށް ތަޙްޤީޤު ރިޕޯޓް އާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަން ބޭނުން ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ އީ-މެއިލްގައި އަލްއުސްތާޛު އިސްމާއީލް ރަޝީދު އިތުރަށް ވިދާޅުވެފައިވަނީ "އަޅުގަނޑު އެދެނީ ތަޙުޤީޤަށް އަޅުގަނޑު ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް އަވަހަށް މައްސަލަ ނިންމާލަދެއްވުމެވެ" މިފަދައިން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން ބުނެފައިވަނީ މިމައްސަލަ ބެލުމުގައި ޤާޟީ އިސްމާޢީލް ރަޝީދާ ގުޅިގެން ތަޙްޤީޤު ހިންގުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ފުރުޞަތެއް އަލްއުސްތާޛު އިސްމާޢީލް ރަޝީދަށް ދީފައިވާކަމަށެވެ. އަދި ކޮމިޝަނުން ތަޙްޤީޤުތައް ހިންގާއިރު، ޖަވާބުދާރީވުމަށް ފަނޑިޔާރަކަށް ލިބިގެންވާ އެއްވެސް ފުރުޞަތަކަށް ނުވަތަ ޙައްޤަކަށް އުނިކަން ލިބޭ ގޮތަށް ކޮމިޝަނުން ޢަމަލުނުކުރާނެކަމުގެ ޔަޤީންކަން ޖޭއެސްސީން ވަނީ ދެއްވާފައެވެ.