ޚަބަރު

ނެޓް ހެޔޮކުރުން : ޓެކްނޮލޮޖީގެ އާ މިސްރާބަކަށް ކުރާދަތުރުގެ ފެށުން


ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ގެނައި ހެޔޮބަދަލުތަކާއެކު މިފެށިގެން ދިޔައީ ޖަޒީރާ ރާއްޖޭ ޓެކްނޮލޮޖީގެ މިސްރާބަށް ކުރާ ދަތުރުގެ މުޅިން އާ ބާބެއް ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ ވިދާޅުވީ އިންޓަނެޓުގެ އަގަށް މިއަދު ގެނައި ހެޔޮ ބަދަލުތަކުގެ އެންމެބޮޑު އަމާޒަކީ އެންމެ އާދައިގެ މީހާއަށްވެސް ހެޔޮ އަގުގައި އިންޓަނެޓް ލިބޭނެ މަގު ފަހިކުރުންކަމަށެވެ.

ރާއްޖޭގައި އިންޓަނެޓު ޚިދުމަތް ދޭންފެށިތާ އެތަކެއް އަހަރުތަކެއް ވެފައިވާއިރު، އެންމެ ގިނަބައެއްގެ ޝަކުވާއަކީ ޚިދުމަތުގެ އަގުބޮޑުވުމުގެ ވާހަކައެވެ. ތަރައްޤީވެފައިވާ ޤައުމުތަކާއި އެއްފަދައިން ރާއްޖެއަކީ ޒަމާނުއްސުރެ އެންމެފަހުގެ މޯބަލްއިން ފޯނާއި، ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތަކަށް ލޯބިކުރާ ބައެކެވެ. މިވަސީލަތްތައް އެކަށީގެންވާ ގޮތަކަށް ބޭނުން ކުރުމަށް މިހާތަނަށްވެސް އޮތް އެންމެބޮޑު ހުރަހަކީ އިންޓަނެޓެވެ. އިންޓަރނެޓްގެ އަގުގެ ޝަކުވާއަކީ ދިވެހިންގެ ތެރޭގައި ޒަމާންތަކެއް ވަންދެންއޮތް ބޮޑު ޝަކުވާއެކެވެ.

މިޝަކުވާތަކަށް ހައްލު ގެނެސްދެއްވާނެކަމަށް އެކި ސަރުކާރުތަކުން ވަނީ ރައްޔިތުންނަށް ވައުދުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އޮތް ކަންބޮޑުވުމަކީ މިކަމަށް އަމަލީގޮތުން ހައްލުތަކެއް ނެގުނުވުމެވެ. ގޭގޭގެ އިންޓަނެޓް އަގުބޮޑުވުމާއި، މޯބައިލް ފޯނުތަކުން އިންޓަނެޓް ބޭނުންކުރާ ނިސްބަތް އިތުރުވެ ބިލު ބޮޑުވެގެން ދިއުމަކީ ރައްޔިތުން ތަކުރާރުކޮށް ކުރަމުންދިޔަ ޝަކުވާއެކެވެ. މިޝަކުވާތަކާއެކު މިކަމަށް ހައްލު ގެނެސް ދެއްވާނެކަމަށް މިސަރުކާރުންވެސް ވަނީ ވައުދުވެފައެވެ.

ސަރުކާރުގެ މިސިޔާސަތު ތަންފީޒު ކުރުމަށް ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނާއި ކުރެވުނު މަޝްވަރާތަކަށްފަހު މިއަދު މިވަނީ އިންޓަނެޓަށް ގެންނާނެ ހޮޔޮ ބަދަލުތައް އިއުލާންކޮށްދެއްވާފައެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިބަދަލާއިއެކު އާންމު ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޓެކޮނޮލޮޖީގެ ހެޔޮ ބަދަލުތަކާއިއެކު ސަރުކާރުގެ ހުރިހާ ޚިދުމަތެއްވެސް އިންޓަނެޓަށް ފަރިތަ ޚިދުމަތްތަކަށް ހެދުންކަމަށެވެ.

"ސަރުކާރުގެ ޑިޓިޓައިޒޭޝަން ޕްރޮގުރާމު. ދިވެހި ރާއްޖެއަކީ އުފެދިފައިވާ ގޮތުންވެސް ޓެކްނޮލިޖީއަށް ބަރޯސާނުވެ ތަރައްޤީ ނުވެވޭނެ ޤައުމެއް. މިއަދު ޒަމާނީ ޓެކްނޮލޮޖީތައް މިވަނީ ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެ މިންވަރަށް ތަރައްޤީ ކުރެވިފަ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިބަދަލާއިއެކު މިއަދު އާންމު ރައްޔިތުންގެ ހުރި ޝަކުވާތަކަށް ނިމުންއައިސް، ސަރުކާރުގެ އިދާރާތަކަށް މީގެކުރިން ގޮސްގެން އެތައް ތަކުލީފެއް އުފުލައިގެން ހޯދާ ޚިދުމަތް ޓެކްނޮލޮޖީގެ ޒަރީއާއިން ފަސޭހަމަކާއިއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ. އަދި މިބަދަލާއިއެކު ސަރުކާރުގެ ސިޔާސަތުތައް އޮންލައިންކޮށް ލިބޭނެ ނިޒާމަކަށް ބަދަލުވެ، ޞިއްޚީ މަރުކަޒުތަކާއި، ހޮސްޕިޓަލުތައްވެސް މާލޭގެ މައި ހޮސްޕިޓަލުތަކާއި ގުޅާލެވިގެންދާނެކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިޓެކްނޮލެޖީތަކާއި ދިވެހިރާއްޖެ އަރާ ހަމަކުރުން. އެއް އޮފީހުން އެއްތައްގަނޑު ޖަހައިގެން، އަނެއް އޮފީހުން އިނގިލީގެ ނިޝާން ޖަހައިގެން އަނެއް އޮފީހުން އައިޑީކާޑުގެ ކޮޕީ ހައްދައިގެން ނޫނީ އާންމު ޚިދުމަތެއް ލިބޭ ވަރެއްނުވޭ. ރައްޔިތުންގެ ވަރަށް ގިނަ ވަގުތުހޭދަ ކުރެވެނީ މިފަދަ ތަކުލީފުތައް ތަހައްމަލު ކުރުމުގައި. ސަރުކާރުގެ އަމާޒަކީ މިކަންކަން ހުއްޓުމަކަށް ގެނެސް، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތަކަށް މުޅި ސަރުކަރު ގުޅާލުން." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިގެނެވުނު ބަދަލުތަކާއިއެކު މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 1996 ވަނަ އަހަރު ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ދޭންފެށި ކަމުގައި ވީނަމަވެސް، ޓެލެކޮމިނިކޭޝަންގެ ޚިދުމަތް ރާއްޖޭގައި ވަނީ 1958 ވަނަ އަހަރުން ފެށިގެން ދޭން ފަށާފައެވެ. އެއާއިއެކު މާލޭގެ ގޭގޭގައި ފޯނުލުމުގެ ޚިދުމަތް ފަށައި، އެޚިދުމަތް ވަނީ ދޭން ފަށާފައެވެ. ޓެކްނޮޖީއަށް އަހުލުވެރިވުމަށް ރާއްޖެއިން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އެންމެ ފުރަތަމަ އާތް ސްޓޭޝަނެއް ގާއިމް ކޮށްފައިވަނީ 1977 ވަނަ އަހަރުގައެވެ. ހަމަ އެއަހަރު ރާއްޖެއިން ވަނީ ބައިނަލް އަގުވާމީ ގައުމަތަކަށް ގުޅާލެވޭނެ މަގު ތަނަސްކޮށްފައެވެ.

ރާއްޖޭގެ ޒަމާންވީ ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތަށް އިތުރު ފަހިމަގެއް ތަނަވަސް ވެގެން ގޮސްފައިވަނީ 1996 ވަނަ އަހަރު އިންޓަރނެޓްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފް ވުމުންނެވެ. މި ޚިދުމަތް ދޭން ފެށިފަހުން މިވީ 25 އަހަރުގެ ތެރޭގައި އޮތް އެންމެބޮޑު ޝަކުވާއަކީ އިންޓަރނެޓްގެ އަގުބޮޑުވުމުގެ ޝަކުވާއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިންޓަނެޓްގެ އަގުހެޔޮކުރުމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމާއެކު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވަނީ އެކަށީގެންވާ ހައްލެއް ލިބިފައެވެ.