ޚަބަރު

ޖޭއެސްސީގެ ތުހުމަތުތަކަށް އިންކާރުކޮށް ޤާޟީ އިސްމާޢީލް ރަޝީދު އިސްތިއުފާ ދެއްވައިފި


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލި 7 ދަޢުވާއެއް ބާތިލް ކުރަން ނިންމެވި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް އިސްމާޢީލް ރަޝީދާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށް ފަނޑިޔާރުކަމުން އޭނާ އިސްތިއުފާ ދެއްވައިފިއެވެ.

ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރުމަށް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިމަހުގެ 23 ވަނަދުވަހުއެވެ. އަދި މަޖިލީހުން މިހާރުވަނީ އެމައްސަލަ ދިރާސާކުރެއްވުމަށް ޖުޑީޝަރީ ކޮމިޓީއަށްވެސް ފޮނުވާފައެވެ.

ފަނޑިޔާރުގެ މަޤާމުން އިސްތިއުފާދެއްވިކަން ހާމަކޮށް އިސްމާއިލް ރަޝީދު ވިދާޅުވީ އޭނާއާއިމެދު ޖޭއެސްސީން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަމަށެވެ. އަދި މިއިން އެއްވެސް ތުހުމަތަކަށް ޖަވާބުދަރީވުމަށްވެސް ފުރުސަތު ދެއްވާފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލައިގައި ވަކިކުރަން ނިންމިއިރު، އެ ޕެންޑްރައިވްއަކީ އޭނާގެ ޕެންޑްރައިވްއެއް ނޫންކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ކްރިމިނަލް ކޯޓުގެ 7 ޤަޟިއްޔާއެއް ހިންގައި ނިންމުމުގައި ޤާޟީ އިސްމާޢީލް ރަޝީދު ޢަމަލުކޮށްފައިވަނީ ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާއި ޚިލާފަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ނޫންކަން ފާހަގަވެފައިވާކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ އެ 7 ޤަޟިއްޔާއާ ގުޅިގެން އިޖުރާޢީ ގޮތުން ކަންތައްތަކެއް ފާހަގަވާ ކަމަށް ބުނެ ސުވާލުކުރުމަށް 12 ޖުލައި 2020 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު އޭގެ ދެދުވަސް ފަހުން އެ ޤަޟިއްޔާތަކުގައި ޙުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ޙުކުމަކީ 22 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ޙުކުމެއްކަން، ތަޙުޤީޤަށް ހޯދުނު ޕެންޑްރައިވްއެއްގައި 22 ފެބްރުއަރީ 2020 ވަނަ ދުވަހު ސޭވްކޮށްފައިވާ "އިޖުރާއީގޮތުން ނިންމާ ނިންމުން" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ޙުކުމުގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކަކަށްވުމުން އެނގޭކަމަށެވެ.

އަދި ފެބްރުއަރީ 22 ގައި "އިޖުރާއީ ގޮތުން ނިންމި ނިންމުން" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ "trip finale v2" ކަމަށާއި އެ ނަމަކީ އާންމުގޮތެއްގައި މިބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ޤަބޫލު ނުކުރެވޭތީ އާއި، މި ނަމަކީ އެ ޤަޟިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ޚިލާފު ނަމެއްކަން ފާހަގަވާކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

އަދި ޤާޟީ އިސްމާޢީލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ޤަޟިއްޔާތަކެއްގެ ލިޔެކިއުންތައް ޕެންޑްރައިވްއެއްގައި ގެންގުޅުމާއި އަދި ވަކިން ޚާއްސަކޮށް ވަކި ޤަޟިއްޔާތަކެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ޤަޟިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށްވެސް ނުދަނީސް އެ ޤަޟިއްޔާތައް ނިންމާނެގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމުން ފަނޑިޔާރުގެ ޢަމަލުތަކާމެދު ސުވާލު އުފެދޭކަމަށް މިބަޔާނުގައި ޖޭއެސްސީން ފާހަގަކުރެއެވެ.