ޚަބަރު

ފަރުވާއަށްފަހު ރައީސް ނަޝީދު ހޮސްޕިޓަލުން ދޫކޮށްލައިފި


ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ޙަމަލާއިން ލިބުނު އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާ ދިނުމަށްފަހު ޖަރުމަންގެ ހޮސްޕިޓަލުން އެމަނިކުފާނު ދޫކޮށްލައިފިއެވެ.

ފަރުވާއަށްފަހު ރައީސް ނަޝީދު ހޮސްޕިޓަލުން ޑިސްޗާޖުކޮށްފައިވާކަން ޢާއިލާއިންވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީކޮޅަށް ހިނގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެންވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށާއި، އެ އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަން ވިލާތަށް ވަޑައިގެންނެވީ މިމަހުގެ 13ވަނަ ދުވަހުގައެވެ. ޖަރުމަންވިލާތުގެ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވަނީ ޖަރުމަންވިލާތުގެ ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދަށްދިން ބޮމުގެ ޙަމަލާއާއި ގުޅިގެން މިހާތަނަށްވަނީ އެހަމަލާގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި، ބޮންގޮއްވާލި ސައިކަލުގެ ވެރިފަރާތް ހިމެނޭހެން ޖުމްލަ 4 މީހަކު ހައްޔަރުކޮށްފައެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓުގެ މަސައްކަތް ވަރަށްއަވަހަށް ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި، ކޮމެޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރައްވާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވައިފިއެވެ.

އަދި ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާގެ ކަންކަން ގާތުން ބެއްލެވުމަށްޓަކައި މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއް އައްޔަންކުރައްވައިފިއެވެ.