ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔަވެއްޖެއެވެ. މިއީ މިއަދު ނިޔާވި 4ވަނަ މީހާއެވެ.
އެންމެފަހުން މިބަލީގައި ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 115އަށް އިތުރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 15 ބިދޭސީންނެވެ.
އެންމެ ފަހުން ނިޔާވި މީހާއާއެކުަ މިމަހުގެ މިހާތަނަށް މިބަލީގައި މަރުވި މީހުންގެ ޢަދަދުމިވަނީ 42 އަށް އަރާފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަމަށް އެޗްއީއޯސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކޯވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުން އަންނައިރު މިބަލީގައި މާލެއާއި އަތޮޅުތެރެއިންވެސް މީހުން އަންނަނީ މަރުވަމުންނެވެ. އަދި ބަލީގެ ނުރައްކާ ބޮޑުވެ 66 ރަށެއް މިވަގުތުވެސް އޮތީ އަރާފޭބުން މަނާކޮށްފައެވެ. އަދި އެތައް ރަށެއްގައި ކާފިއު އިއުލާންކޮށް ބޭރަށް ނިކުތުން މަނާގަޑިތަކެއްވަނީ ކަނޑައަޅާފައެވެ.