ރާއްޖެއިން ކޯވިޑް-19ގައި މިމަހު އެކަނިވެސް 39 މީހަކު ނިޔާވެފައިވާއިރު، އޭގެތެރެއިން ގިނަ މީހުންނަކީ ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ އެއްވެސް ވެކްސިނެއް ޖަހާފައިނުވާ މީހުންކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، މި ބަލީގައި ނިޔާވާ މީހުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑްގައި 112 މީހަކު ނިޔާވެފައިވެއެވެ.
އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ، މިމަހު އެކަނިވެސް 39 މީހަކު ކޯވިޑްގައި ނިޔާވެފައިވާއިރު ގިނައީ އެއްވެސް ވެކްސިނެއް ނުޖަހާ މީހުންކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހިކަމަށް ބަލަނީ ވެކްސިން ޖެހުމަށްފަހު 14 ދުވަސް ހަމަވެފައިވާނަމަކަމަށެވެ.
މިހާތަނަށް ނިޔާވި މީހުންގެ ތެރެއިން %20 މީހުން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާކަމަށާ، ދެ ޑޯޒް ޖަހާފައިވަނީ %12 މީހުންކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގެ އާބާދީގެ %60 މީހުން މިހާރު ވެކްސިން ޖަހާފައިވާކަން ފާހަގަކުރައްވައި ޑޮކްޓަރ ވަނީ ވީހާވެސް އަވަހަށް ވެކްސިން ނުޖަހައި ތިބި އެންމެންވެސް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ.
ޑރ.ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑްގައި ނިޔާވި މީހުންގެ ތެރެއިން %80 މީހުންނަކީ ޢުމުރުން 60 އަހަރުން މަތީގެ މީހުންކަމަށެވެ. އަދި %17 މީހުންނަކީ 60 އަހަރުން ދަށުގެ މީހުންކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު ކޯވިޑް ޖެހޭ ޒުވާނުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި އައިސީޔޫގައި ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. ޑރ.ނަޒްލާ ވިދާޅުވީ، މިވަގުތު އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން %35 މީހުންނަކީ ޢުމުރުން 40 އަހަރުން ދަށުގެ މީހުންކަމަށެވެ.