ކޯވިޑަށް ފަރުވާދޭ ފެސިލިޓީތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން އެބަހުރިކަމަށާއި، އޮކްސިޖަން ލިބުގައި ރާއްޖެއަށް މިވަގުތު އެއްވެސް ދަތިކަމެއްނެތްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެޗް.އީ.އޯ.ސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ކޯވިޑަށް ފަރުވާދޭ ހުރިހާ މަރުކަޒުތަކެއްގައިވެސް އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކާ 240 ޖަމްބޯ ސިލިންޑަރު މިވަގުތުވެސް ހުންނާނެކަމަށެވެ. ރާއްޖޭގައި މިވަގުތު ހުރި އޮކްސިޖަން ކެޕޭސިޓީއާއި، އެނޫންވެސް ބައެއް މުހިއްމު ތަފާސް ހިސާބުތައް މަބްރޫކް ވަނީ ހިއްސާކުރައްވާފައެވެ.
މަބްރޫކް ވިދާޅުވީ، މިވަގުތުވެސް ސްޓޮކްގައި 2،402 ޖަމްބޯ ސިލިންޑަރު ފުރާ އޮކްސިޖަން އެބަހުރިކަމަށާއި، ކޯވިޑަށް ފަރުވާދިނުމަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ ކޯވިޑް ފެސިލިޓީއެއްގައި 250 ޖަމްބޯ ސިލިންޑަރު ހުންނާނެކަމަށެވެ. އަދި އެކި ތަންތަނުގައި ބެހެއްޓިފައި ހުރި ސިލިންޑަރުތަކާއެކު ޖުމްލަ 2،960 ސިލިންޑަރުގެ އޮކްސިޖަން މިވަގުތު ރާއްޖޭގައި ހުރިކަން މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ. އޮކްސިޖަން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެކި ސަރަހައްދުތަކުގައި އޮކްސިޖަން ޕްލާންޓްތައްވެސް ޤާއިމުކޮށްފައެވެ.
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޮކްސިޖަން ޕްލާންޓުން ދުވާލަކު 48 ޖަމްބޯ ސިލިންޑަރު، އަދި ކުޅުދުއްފުށި ސިޓީގައި ޤާއިމުކޮށްފައިވާ އޮކްސިޖަން ޕްލާންޓުން ދުވާލަކު 20 ޖަމްބޯ ސިލިންޑަރ އުފެއްދުމުގެ ޤާބިލުކަން ހުންނާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މޯލްޑިވް ގޭހުގެ 3 ޕްލާންޓުން ދުވާލަކު 240 ޖަމްބޯ ސިލިންޑަރު ފުރުމުގެ ޤާބިލުކަން ލިބިފައިވާކަމަށާއި، އައި.ޖީ.އެމް.އެޗުގައިވެސް ޕްލާންޓެއް އޮޕަރޭޓްކުރަމުންދާކަންވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ޓެސްޓިން ކެޕޭސިޓީ މިވަގުތު ރާއްޖޭގައި ހުރިގޮތުގެ ތަފްޞީލުވެސް މަބްރޫކް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ ސްޓޮކްގައި މިވަގުތު 35،000 ޓެސްޓް ކިޓާއި އެސް.ޓީ.އޯގެ ސްޓޮކްގައި 73،420 ޓެސްޓް ކިޓް ހުރިކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
މާލޭ ސަރަޙައްދުގައި އައި.ޖީ.އެމް.އެޗްގައި ދުވާލަކު 2000 ޕީ.ސީ.އާރް ޓެސްޓް، ހުޅުމާލޭ ހޮސްޕިޓަލުގައި ދުވާލަކު 500 ޕީ.ސީ.އާރް ޓެސްޓް، އަދި ފުލުހުންގެ ލެބޯޓްރީގައި ދުވާލަކު 1000 ޕީ.ސީ.އާރް ޓެސްޓް ހެދުމުގެ ޤާބިލުކަން އެބަހުއްޓެވެ. އަތޮޅުތަކަށް ބަލާއިރު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ބ. ދަރަވަންދޫ އަދި ދ. ކުޑަހުވަދޫ، މިއިން ކޮންމެ ތަނެއްގައި ދުވާލަކު 300 ޕީ.ސީ.އާރް ޓެސްޓް ހެދުމުގެ ޤާބިލުކަން ލިބިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ހދ، ށ، ރ، ބ، ލ، ގއ، ގދ އަދި ފުވައްމުލައް ސިޓީ ޖީން އެކްސްޕާޓް މެޝީން ބޭނުންކޮށްގެން ދުވާލަކު 48 ޓެސްޓް ހެދޭނެކަމަށްވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.