އަހަރެންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ހޭލެވުނުއިރު މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. ހަށިގަނޑުން އާވި އަރާހެންވެސް ހީވިއެވެ. ހީވަނީ އަލިފާންގަނޑެއްގެ ކައިރީގައި އޮވެވުނު ހެންނެވެ. ވަށާއިގެންވާ މާހައުލުގެ ކަންތައްތައް ސިފަވާން ފެށީވެ އިރުކޮޅެއް ފަހުންނެވެ. ފަންކާގެ އަޑުވެސް އިވުނީ ކުއްލިއަކަށެވެ. ކޮޓަރިތެރަށް ނަޒަރެއް ހިންގާލިއިރު ކޮޓަރީގެ ދޮރު ހުޅުވާފައި ހުރިކަން ފާހަގަވިއެވެ. ހުޅުވިފައި ހުރި ދޮރާ ދިމާއަށް ބަލަން އިރުކޮޅެއް ވަންދެން އަހަރެން އޮތީމެވެ. ބޭރުން މީހެއްގެ ހިލަމެއް ވިހެން އަހަރެންނަށް ހީވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުމަތިން ހުރަސްކުރި ހިޔަންޏެއް ފެނި ސިއްސައިގެން ގޮސްފައި ވަގުތުން އަހަރެން ރަޖާގަނޑު ދަށަށް ވަދެ ނިވާވެއްޖައީމެވެ. ހިތުގައި ބިރުވެރިކަން ދިޔައީ އުތުރި އަރަމުންނެވެ. އެއްކޮޅުން އެ ގޮތް ނޭނގޭ މީހާ ކޮޓަރިއަށް ވަދެފާނެކަމުގެ ބިރެވެ. އަނެއްކޮޅުން، ކުޑައިރުކޮޅެއް ކުރިން ފެނުނު އާދަޔާ ޚިލާފު ބިރުވެރި ފުވަފެނެވެ. ދެން ވިސްނެމުން ދިޔައީ އެހުވަފެނާމެދުގައެވެ. ހުދާއި ކަޅުގެ ތަސްވީރުތަކެއްހެން އެހުވަފެން ލޮލަށް ސިފަވަމުން ދިޔައެވެ. އެބިރުވެރި ދަތުރުގެ މަންޒަރުތައް ހިތަށް ވެރިވަމުން ދިޔައެވެ.
ހުވަފެނުގެ ޚިޔާލުތަކަށް ގެއްލިފައި އޮތް އަހަރެން މޫނު މަތީގައި އަޅާފައިވާ ރަޖާގަނޑު ކުޑަކޮށް ކޮޝްފުކޮށްލުމަށް ފަހު ބޭރަށް ލޯ ދިއްކޮށްލާފައި އެއްކަލަ ގޮތް ނޭނގޭ މީހާ ފެނޭތޯ ބަލާލީމެވެ. އެއިރު ހުރީ ކުރިން ހުޅުވާފައި ހުރި ދޮރުވެސް ލައްޕާފައެވެ. އެދޮރު ލައްޕާފައި ހުރިތަން ފެނުމުން އަނެއްކާވެސް ހިތުގައިވި ބިރުވެރިކަން އިތުރުވިއެވެ. އަނެއްކާ އެމީހާ ކޮޓަރިތެރަށް ވަނީ ނޫންބާވައޭ ހިތަށް އެރިއެވެ. ބިރުން ފިލަން ދާނޭ އިތުރު ތަނެއް ނެތުމުން، ވަގު ކަނބިއްޔެއް ހެން އަނެއްކާވެސް ރަޖާގަނޑު ދަށަށް ވަދެ ބޮނދައިފީމެވެ. އަހަންނަށް އެރޭ އެއްވެސް ވަރަކަށް ނިދޭ ގޮތެއް ނުވެއެވެ. ލޯ މަރާއިރަށް ފެންނަނީ ކެކިކެކި އޮތް ބޮޑު ކަނޑެކެވެ. އެރޭ، އެގޮތަށް އެރަޖާގަނޑުތެރަށް އަހަރެން ވަދެ އޮއްވާ ފަތިސް ނަމާދުގެ ބަންގި ގޮވިއިރުވެސް އެމީހާގެ އިތުރު ހިލަމެއް ނުވިއެވެ.
އިރުއަރައި ކޮޓަރި އެއްކޮށް އިރުގެ އަލިން ހުޅުދާންކޮށްލުމުން ގައިމަތީގައި އޮތް ރަޖާގަނޑު އަހަރެން ނެގީމެވެ. އަދި ކޮޓަރިތެރަށް އަވަސް ނަޒަރެއް ހިންގާލީމެވެ. ޓީވީ ލާފައި ހުރި މޭޒުމައްޗަށާއި ކޮޓަރީގެ ކުޑަދޮރުތަކަށް ވެސް ވަކިވަކިން އަހަރެން ބެލީމެވެ. އަދި އެއަށްފަހު، ބިރުން ތެޅިތެޅި އޮތް ހިތަކާއެކު އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ އަލަމާރީގެ ދޮރުފަތް ހުޅުވާލީމެވެ. އަލަމާރީތެރޭގައި އެއްޗެހިތަކުން އެއްވެސް އެއްޗެއް މަދުތޯ ވަރަށް ފަރުވާތެރިކަމާއެކުގައި ބެލީމެވެ. ކުޑަކޮށް ގުދުވެލައިގެން ތިރީ ކަބަޑުތައްވެސް ބެލީމެވެ. އަހަރެންގެ ހިތް ޝައްކުވާވަރުބްނެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެންދިޔައީ އަލަމާރިމަތިން އެއްޗެއް ވެއްޓުނު އަޑު އިވެގެންނެވެ. ރަނގަޅަށް ބަލައިލިއިރު އެއީ އަހަރެންގެ ކޮއްކޮ ގެންގުޅޭ ބުޅަލެވެ. މިހާރު އެއެތީގެ އުނދަގޫ ވަރަށް ބޮޑު ވެއްޖެއެވެ. އެންމެ ފަހުން އަހަރެން ނިދާ ކޮޓަރިއަށް ވެސް ވަންނަން ފެށީތާއޭ ހިތަން އަރައި ކޮއްކޮ ދެކެ ރުޅިވެސް އާދެވުނެވެ.
ކޮޓަރިތެރޭ ކުޑަކޮށް ތަހުޤީޤުކޮށްލުމަށްފަހު ފާޚަނާއަށް ވަދެ ފެންވަރައި ތައްޔާރުވެލައިގެން ނުކުތީމެވެ. ކާގެއަށް ގޮސް ކާން އިށީންތަނުން ކޮއްކޮ ވެސް އައިސް އަހަރެންގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނެވެ. އަދި ފާޑަކަށް ހީލަމުން ކޮއްކޮ ބުނެލިއެވެ. "ދޮންބެ ހާދަހާ ނިދިގަދައޭ ދޯ". ކޮއްކޮގެ އެސުވާލަށް ފަނޑު ހިނިތުންވުމަކުން ޖަވާބުދިނުމަށް ފަހު އަނެއްކާވެސް އަހަރެންނަށް ވިސްނެން ފެށީ ރޭގައި ފެނުނު ހުވަފެނާ މެދުގައެވެ. "ދޮންބޭ ދީބަލަ ތިތަނުން މިރުހެއް." އަނެއްކާވެސް ކޮއްކޮގެ އަޑަށް ތެޅެގެންފައި، "އޭނ؟ ކީކޭ؟" ހޭ އަހަރެންނަށް އަހާލެވުނެވެ. "ދޮންބޭ ހާދަ ފުން ޚިޔާލަކަށް ގެއްލިފައޭ ދޯ ތިއިނީ؟! މިކިޔަނީ ނިކަން ތިތަނުން މިރުހެއް އަހަރެންގެ އަތަށް ދިއްކޮށްލަދީބަލާށޭ" ކޮއްކޮގެ އަތަށް މިރުސް ދެމުން ރޭގެ ހުވަފެނުގެ ވާހަކަ ކޮއްކޮއަށް ކިޔައިދޭނަމޭ އަހަރެންގެ ހިތަށް އެރިއެވެ.
"ކޮއްކޯ! ދޮންބެ މިއުޅެނީ ރޭގައި ވަރަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނިގެން". އަހަރެންގެ އަޑު އިވުމުން ކޮއްކޮ ފާޑަކަށް އަހަރެންގެ ގައި ބަލާލިއެވެ. "ހްމް ކިހިނެއްތަ ވީ އެ ހުވަފެނުން؟" ކޮއްކޮ ނިތް އަރުވާލަމުން އަހާލިއެވެ. އަހަރެން ކޮއްކޮއަށް އެ ހުވަފެނުން ވީ ގޮތް އަކުރުން އަކުރަށް ކިޔައިދިނީމެވެ. އެވާހަކަ ކިޔައިދީ ނިމުންއިރު އަހަންނަށް އަނެއްކާވެސް ތަފާތު ކަމެއް ފާހަގަކުރެވުނެވެ. އަހަރެންގެ ވާހަކަ ކަނުލައި އަޑު އަހަން އިން އަހަރެންގެ ކޮއްކޮ ވެސް އިނީ ދާހިއްލާ ފޯވެފައެވެ. އެހިސާބުން އަހަރެންނަށް ހުވަފެނާމެދު ކުރެވެމުން ދިޔަ ޝައްކުތައް ގާތްގަނޑަކަށް ޔަޤީނަށް ބަދަލުވިއެވެ. އެފުވަފެނަކީ ކޮންމެސް ރޫޙާނީ ކަމެއް އެކުލެވޭ ހުވަފެނެއްކަމާމެދު މިހާރު އަހަރެން ޝައްކެއް ނުކުރަމެވެ. ކޮއްކޮއަށް ވެސް އެވަނީ އެހުވަފެނުގެ އަސަރުކޮށްފައެވެ. އެހުވަފެނުގެ އަޑު އިވޭ މީހަކުވެސް ދާހިއްލާ ފޯވާނެއެވެ. ނަމަވެސް މިކަންތައް ކަށަވަރުކުރަން އަހަރެން ބޭނުމެވެ. އަދި އިތުރު ބަޔަކަށް މިހުވަފެން ކިޔައިދީގެން އެމީހުންނަށް ވާގޮތެއްވެސް ބަލަން އަހަރެން ބޭނުންވިއެވެ. "ދޮންބޭ ތިތަނުން ފެންފުޅިއަކުން މިތަށްޓަށް ފެންފޮދެއް އަޅައިދީބަލަ" ކޮއްކޮ އެހެން ބުނުމުން ކޮއްކޮއަށް ފެންތަށްޓެއް އަޅައިދީފައި އަހަރެން ގޮސް އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.
ކޮޓަރީގައި އިނދެ އަހަރެން ވިސްނަމުން ދިޔައީ އެހުވަފެނުގެ ވާހަކަ ދެން ކިޔައިދޭނީ ކާކަށްތޯއެވެ. އެހެން ވިސްނަން އިންދާ ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އެކޮޅުން ވާހަކަ ދެއްކީ ފަރުހާދެވެ. "އޭ ނިޔާ ކޮބާ؟ އަހަރެމެން މިހާރު މިއުޅެނީ މިއުޅެނީ ދަތުރުދާން އެއްޗެހި ހަމަކުރަން ނުކުމެ". ފަރުހާދު ހުރީ އަހަރެން ނައިސްގެން ލަސްވެފައެވެ. "ކޮން ދަތުރެއް؟" އަހަރެންނަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. "ކޮން ދަތުރެއްހޭ؟ މާދަމާ ދަތުރު ދާން ރާވާފައެންނު އޮތީ! ގައިމު ކަލޭވެސް އިން ވައިބަރ ގުރޫޕުގަ ޖަހާފައިން މެސެޖަށް ލައިކުދީފަ. މެސެޖު ނުވެސް ކިޔައި ދޯ ލައިކު ތި ޖަހަނީ؟ ދެން އޯކޭ އޭ ދެންވެސް އަވަހަށް އަންނަން އުޅޭ ސިރާޖުމެން ގެއަށް" ފަރުހާދު އުޅުނީ އޭނަ ދައްކަން ހުރި ވާހަކަތއް ދައްކާފައި ފޯނު ކަނޑާލާށެވެ. "އޭތް ފަރޭ މަޑުކޮށްބަލަ! އަހަރެން އެބަ އޮތޭ ކުޑަ ވާހަކައެއް ދައްކަން ވެފަ. ޖައްސާލަބަލަ މިގެއަށް ސިރާއާ އެންމެން ގޮވައިގެން" އަހަރެން ބޭނުންވީ އެމީހުން ކައިރީގައި ބައިތިއްބައިގެން އެ ހުވަފެން ކިޔައިދޭށެވެ. އެމީހުންނަށް ވާ ގޮތް ބަލަން އަހަރެން ބޭނުންވާތީއެވެ. "ދެން އެކަމު ނިޔާޒޫ މިވަގުތު ކިހިނެއް ތިދައްކާހާ ވާހަކައެއް އަޑު އަހަން ތިބެވޭނީ. މާދަމާ އިރުއެރުމުގެ ކުރިން އެބަ ޖެހެޔޭ ދަތުރަށް ނައްޓާލަން." ފަރުހާދު ހުރީ އަހަރެން ދައްކާ ވާހަކަތައް އަޑު އަހާ ގޮތަކަށެއް ނޫނެވެ. "އޭ ފަރޭ. ނޫނޭ މީ ސީރިއަސް ވާހަކައެކޭ. ޖައްސާލަބަލަ މިގެއަށް ދެން". އަހަރެން ގޮތްދޫ ނުކުރާނެކަން އެނގޭތީ "އާނ. އޯކޭ. މިދަނީ" މިހެން ކިޔާފައި ފަރުހާދު ފޯނު ބޭއްވިއެވެ.
އޭގެ މާ ގިނަ އިރުތަކެއް ނުވެ ސައިކަލުތަކެއް އައިސް އަހަރެންގެ ގޭ ކައިރިއަށް މަޑުކުރި އަޑު އިވުނެވެ. ދެން އިވުނީ އެގުރޫޕުގަނޑު އެއްކޮށް ތެޅެމުން ފޮޅެމުން އައިސް އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވިއަޑެވެ. "ކޮބާތަ އެ ނިޔާޒު؟ އަހަރެމެން މިތިބީ އައިސް. ދެން ކިޔައިދީބަލަ ތި ކިޔަން އުޅޭ ވާހަކައެއް" ފުރަތަމަވެސް ވާހަކަދައްކަން ފެށީ ފަރުހާދެވެ. "ހަމަޖެހިލަބަލަ. މީ ވަރަށް ސީރިއަސް ވާހަކައެކޭ. އަހަރެންނަށް ރޭގައި ފެނުނު އާދަޔާ ޚިލާފު ބިރުވެރި ހުވަފެނެއް ތިމީހުންނަށް ކިޔައިދޭން މިއުޅެނީ." އަހަރެން އެހެން ބުނުމާއެކު އެއްކަލަ އަނގަގަދަ ފަރުހާދު އަހަންނަށް ރައްދުދިނެވެ. "ހުވަފެނެކޭ؟ ހުވަފެނެއް ކިޔައިދޭން އަހަރެމެން މިތަނަށް ތި ގެނައީ؟ އަހަރެން ހަމަ އަޖައިބު ހީވޭ. އެއޮއް ބުރަ މަސައްކަތުގަ ތިއްބާ ހުވަފެނެއްގެ ވާހަކަ ދައްކަންވިއްޔާ އަހަރެމެން ތި އެއްކުރީ" މިފަހަރު ފަރުހާދުގެ އަނގަ މައިތިރިކޮށްލީ ސިރާޖެވެ. "އޭ ފަރޭ ދެން ވާހަކަ ދެއްކުން ހުއްޓާފަ ހިނގާބަލަ މީނަ ކިޔާ އެއްޗެއް ނިކަން އަޑު އަހަން. އެބުނަނީތާ ވަރަށް ސީރިއަސް ވާހަކައެކޭ" ސިރާޖު އަހަރެންނާ އެއްކޮޅަށް އެރުމުން އެހެން މީހުން ވެސް މަޑުމައިތިރިވިއެވެ.
އަހަރެން ވާހަކަ ކިޔައިދެން ފެށީމެވެ. އެރޭގައި ހިނގި ހުރިހާ ހާދިސާއެއް އަހަރެން ކިޔައިދިނީމެވެ. ގޮތް ނޭނގޭ މީހަކު ގޭތެރަށް ވަދެ އުޅުނުކަމާއި، ހުވަފެނުން ހޭލެވުނު އިރު އަހަރެން އޮތީ އެއްކޮށް ދާހިއްލާފައިކަމަށް ވެސް އަހަރެން ބުނީމެވެ. އަދި ކޮއްކޮއަށް ކިޔައިދިނުމުން ކޮއްކޮއަށް ވީ ގޮތްވެސް އަހަރެން އެމީހުންނަށް ސިފަކޮށްދެވޭތޯ ބެލީމެވެ. ވާހަކަ ކިޔައިދެމުން ދިޔައިރު އެމީހުންގެ މޫނު މައްޗަށް އަރައިފައިބަމުން ދިޔަ ކުލަވަރުތައް އަހަރެން ދިޔައީ ފާހަގަ ކުރަމުންނެވެ. އެންމެ ބިރުން އިނީ އެއްކަލަ ޖޯކުޖެހި ފަރުހާދެވެ. އަހަރެންގެ ވާހަކަ އެއްކޮށް ނިމުނުއިރު އެތާނގައި އެވަގުތު ތިބި އެންމެންވެސް ތިބީ ދާހިއްލާ ފޯވެފައެވެ. އެންމެންނަށް ވެސް އެކަން ފާހަގަކުރެވުނެވެ. އަދި އަހަރެން ދެއްކި ވާހަކަތައް ޤަބޫލުވެސްކުރިއެވެ. "އޭ އަސްލުވެސް ތިއީ އާދަޔާ ޚިލާފު ހުވަފެނެއް. ދެން އަހަރެމެން ކިހިނެއް ހަދާނީ؟ މިކަމުން ސަލާމަތްވާން ކޮންކަމެއް ކުރެވޭނީ" ފަރުހާދުއާއި ސިރާޖުވެސް ހަމަ ރަނގަޅަށް ހާސްވާން ފެށިއެވެ.
"އުހްމް އުހުމް" މީހަކު ކަރުކެހިލި އަޑަށް އަހަރެމެން އެންމެންވެސް ކޮޓަރީގެ ދޮރާ ދިމާއާށް ބަލައިލީމެވެ. އެއިރު ކޮޓަރީގެ ދޮރުމަތީގައި ހުރީ އަހަރެންގެ ކޮއްކޮއެވެ. އެންމެންގެ ނަޒަރު ކޮއްކޮއަށް ހުއްޓިފައި ހުއްޓާ ކޮއްކޮ ވާހަކަ ދައްކަން ފެށިއެވެ. "ތެދެއް. ތިޔައީ އާދައިގެ ހުވަފެނެއް ނޫން. އަހަންނަށް ވެސް ހީވަނީ ތީގައި ކޮންމެވެސް ރޫޙާނީ ކަމެއް އުޅޭހެން. އަހަންނަށް ފެންނަނީ ފަންޑިތަ ހަދާ މީހެއް ކައިރިއަށް ދާން." ކޮއްކޮ ދެއްކި ވާހަކަތަކުން އެންމެން ވެސް ކުޑަކޮށް ޖެހިލުންވާން ފެށިއެވެ. އެކަކަށްވެސް ބުނާނެ އެކައްޗެއް ވެސް ނޭނގެއެވެ. ދެންވެސް ވާހަކަ ދެއްކީ ކޮއްކޮއެވެ. "އަހަރެންނަށް އެނގޭ ފަންޑިތަ ހަދާ މީހެއް. އޭނައާ ވާހަކަ ދައްކަން ވީއެންނު. މިރޭ މިގެއަށް އެންމެން އެއްވޭ. އަހަރެން އަންނާނަން އޭނަ ގޮވައިގެން ގާތްގަނޑަކަށް އަށްގަޑި ބަޔަށް." ކޮއްކޮގެ ވާހަކަތައް ހުރީ ވަރަށް ސީރިއަސްކޮށެވެ. އަހަރެމެންނަށް ވެސް އެއްބަސްވެވުނީ ކޮއްކޮ ބުނި ގޮތް ހަދާށެވެ. އެއީ ރަނގަޅު ޚިޔާލެކެވެ.
އިރުކޮޅަކުން ކޮއްކޮ ނުކުމެގެން ގޮސްފިއެވެ. އަހަރެމެންގެ އެންމެން ވެސް އަދިވެސް ތިބީ ބިރުންނެވެ. އެއްކޮޅުން މިބަރުވެރި ކަންތައް ލައިގަނެގެން އުޅޭއިރު އަނެއްކޮޅުން އަހަރެމެން އޮތީ މާދަމާ ދަތުރުވެސް ދާން ރާވާފައެވެ. "އޭ މަށަކަށް ދެން ނުކެރޭނެ ފަޅުރަށަކަށް ދަތުރު ދާކަށް." އެއްކަލަ ބިރުކުޑަ ފަރުހާދު ބުންޏެވެ. "އަހަންނަކަށް ވެސް ނުފެނޭ ދެން ދަތުރު ދާކަށް" ސިރާޖުވެސް އޭނައަށް ފެންނަ ގޮތް ހާމަކުރިއެވެ. ވަގުތުން ދަތުރު ކެންސަލް ކޮށްލިއެވެ. އެދުވަހު ދެން އެތަނުން އެކަކުވެސް ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. ކޮއްކޮ ބުނި ވަގުތު ޖެހެންދެން އަހަރެންގެ ކޮޓަރީގައި މަޑުކޮށްގެން އެންމެންވެސް ތިބީއެވެ. އެހެން ތިއްބާ އިންތިޒާރުކުރަމުން އައި ވަގުތު ޖެހިއްޖެއެވެ.
ބަރާބަރު އަށްގަޑި ތިރީސް ހިނގިއިރު ކޮއްކޮ އެބުނާ މީހަކު ގޮވައިގެން އަހަރެންގެ ކޮޓަރިއަށް އައިސްފިއެވެ. އެމީހާގެ ތުނބުޅި ދިގެވެ. ހުރީ ހުދުކުލައިގެ ޖުއްބާއެއް ފާޑެއްގެ އެއްޗެއް ލައިގެންނެވެ. އޭނާ އައިސް ކޮޓަރިއަށް ވަންއިރު އަހަރެމެންގެ އެންމެންގެ ނަޒަރުވެސް ހުއްޓިފައިވަނީ އޭނާގެ މޫނަށެވެ. އެމީހާގެ މޫނު މަތިން ދަންނަ ފާޑެއް ޖަހައެވެ. ނަމަވެސް ސީދާ ކާކުކަން ޔަޤީނެއް ނުވިއެވެ. އަހަރެން ނިދާއިރު ގައިމަތީގައި އަޅާ ރަޖާގަނޑު ކޮޓަރީގެ މެދުތެރޭގައި ކޮއްކޮ ފަތުރައިލުމުން އެމީހާ އޭގެ މަތީގައި އިށީންނަމުން އަހަރެމެންނަށް ވެސް އިށީންނުމަށް އަތުން އިޝާރާތްކުރިއެވެ. މާލަސްނުކޮށް އަހަރެމެން އިށީންނަމުން އެމީހާއާ ކުރިމަތިވާ ގޮތަށް ވަށްބުރެއް ހަދާލީމެވެ. އިރުކޮޅަކުން އުށްބައްތިއެއް ރޯކޮށްލައިގެން އައިސް އަހަރެމެންގެ މެދުގައި ކޮއްކޮ ބެހެއްޓިއެވެ. އަދި ކޮޓަރީގެ ބޮކިތަކާއި ފަންކަވެސް ނިވާލިއެވެ.
އެ ކަނު އަނދިރީތެރޭގައި، ދިއްލާފައި ހުރި އުށްބައްތީގެ ފަނޑު އަލީގައި އަހަރެމެންގެ އެކަކަށް އަނެކެއްގެ މޫނުވެސް ފެންނަނީ ކިރިޔާއެވެ. އިތުރު ވަގުތުތަކެއް ބޭކާރު ކުރުމެއްނެތި އެއްކަލަ މީހާ ކިޔެވެލިތަކެއް ކިޔަވަން ފެށިއެވެ. އަހަރެމެން ތިބީ ވާނުވާގައެވެ. އެބޭބެ ތުންތަޅުވަމުން ދިޔަ ވަރަކަށް އަނގައިން ކޮންމެސް ވަރަކަށް އަޑުވެސް ބޭރުވަމުން ދިޔައެވެ. ނަމަވެސް އަހަރެމެންނަށް ކިޔާ އެއްޗެއް ސާފުވާ ވަރެއް ނުވެއެވެ. ވައި އަޑެއް ފިޔަވާ އެހެން އަޑެއް ކަންފަތާ ހަމައަކަށް ނުފޯރައެވެ. އެމީހާ ލޯމަރައިގެން އަރުކޮޅަކު ކިޔަވަން އިނުމަށްފަހު އަހަރެމެންނާ މުޚާތަބުކޮށް ވާހަކަ ދައްކަން ފެށިއެވެ. "ކޮބާތަ ހުވަފެން ފެނުނު ކުއްޖަކީ؟" އެމީހާ ސުވާލުކުރުމުން އަހަރެން މަޑުމަޑުން އަތް ހިއްލާލަމުން އަހަރެންނަކީ އޭ ބުނީމެވެ. "އަދި އެއްފަހަރު އެހުވަފެން ކިޔައިދީބަލަ!" އެމީހާ އަމުރުވެރި ރާގަކަށް ބުންޏެވެ. އަހަރެން އަހަރެންގެ ރައްޓެހިންގެ މޫނަށް ވަކިވަކިން ބަލައިލީމެވެ. ފަރުހާދު އިނީ ބިރުން ތުރުތުރުލާ ވަރުވެފައެވެ. ސިރާޖުވެސް ނޫނެކޭ ބުނާ ގޮތަށް ދެކޮޅަށް ބޯ ހަލުވާލިއެވެ. އެތަނުން އެކަކުވެސް ދެވަނަ ފަހަރަށް އެހުވަފެން އަޑު އަހާކަށް ބޭނުމެއް ނޫނެވެ. ކޮއްކޮ ފިޔަވާއެވެ. ކޮއްކޮ އަހަރެންގެ ފައިގައި ކޮއްޓާލަމުން ދެން ކިޔަން ފަށާށޭ ބުންޏެވެ. އެންމެން އެކެއް އަނެކެއްގެ އަތުގައި ހިފަހައްޓާލުމުން އަހަރެން އެހުވަފެން އަނެއްކާވެސް ކިޔައިދެން ފެށީމެވެ.
"އަހަރެންނާއި އަހަރެންގެ މިތިބަ އެކުވެރިން އުޅުނީ ފަޅު ރަށަކަށް ދަތުރު ގޮސް. ރޭގަނޑުވެސް އެފަޅު ރަށުގައި މަޑުކުރާ ގޮތަށް. ރަށަށް އެރުމާއެކު އެންމެން ވެސް އަވަދިނެތިވީ ދަތުރުގެ ކެއްކުންތައް ކެއްކުމާއި ރޭގަނޑު ނިދަން ވަންނާނެ ޓެންޓުތައް ޖެހުމުގަ. ކައްކާ ކައި ނިމުމުން ދެން އަހަރެމެން ފެށީ ކުޅިވަރެ ކުޅޭން. ފޯރިޔާއެކު އެންމެން ދިޔައީ މަޖާކޮށް ސަކަރާތް ޖަހަމުން. ދަތުރުގެ ފޯރި ދިގުލައި ދެމިގެން ގޮސް އިރެ އޮއްސުނުއިރުވެސް އެކަކަށް ވެސް ރޭއްކާވެސް ނުލި. އުޑުމަތިން ރަތްދަޅަ ފިލައި، އިރު އޮއްސުނުކަން އަހަރެމެންނަށް އިޙްސާސްވުމުން ރަށުގެ އަނެއް ފަރާތު ގޮނޑުދޮށް ބަލާލަން ދިޔުމުގެ ގަސްދުގައި އަހަރެމެން ހިނގައިގަތީން."
އަހަރެންގެ ވާހަކަ މިހިސާބަށް ދިޔަތަނުން އަހަރެންގެ ކޮއްކޮ އެބަ އަންނަމޭ ކިޔާފައި ތެދުވެގެން ދިޔައެވެ. ކޮއްކޮ އަންނަންދެން އަހަރެން ވާހަކަ މަޑުޖައްސާލީމެވެ. ނަމަވެސް އެފަންޑިތަ ހަދާ ބޭބެގެ އިޝާރާތަށް އަނެއްކާވެސް އެވާހަކަ ކިޔައިދިނުން ކުރިއަށް ގެންދިޔައީމެވެ.
"އަހަރެމެންގެ ހުނުމުގެ އަޑުގެ އިތުރުން ދުރުދުރުން ރަފީގު ގޮވުމުގެ އަޑާއި، ގޮނޑުދޮށަށް ބިންދާ ރާޅުގެ އަޑުވެސް ޖައްވުގައި އެއިރު ގުގުމަމުން ދިޔަ. ކުއްލިއަކަށް އެމިއުޒިކީ އަޑުތަކުގެތެރަށް އެހެން އަޑެއް އެކުވުމުން އަހަރެމެން ދިޔައީ ސިއްސައިގެން. އެއިރުވެސް މަޖާ ޖޯކުތައް ކިޔަމުން ދިޔަ މީނދަ ފަރުހާދުގެ އަނގަތެޅުން ހުއްޓާކަށެއް ނޫޅޭ. "އޭ އޭ! ޝްޝް. އަޑުމަޑު ކޮށްބަލަ!" އޭ ބުނަމުން އަހަރެން ފަރުހާދުގެ އަނގަމަތީގައި އަތް އަޅައި ވާހަކަ ދެއްކުން ހުއްޓުވިން. އަދި އެއަޑު އިވެނީ ކޮން ދިމާލަކުންތޯ ބެލުމަށް ވަށާ ހޯދަން ފެށިން. މިގޮތަށް ހޯދަމުން މަޑު ހިނގުމެއްގައި އެންމެންވެސް ދިޔައީ ކުރިއަށް ހިނގަމުން. ޓޯޗުތަކުން އަލިކުރަމުން ދިޔައިރު ތަފާތު އެއްވެސް އެއްޗެއް ލޮލުގައެއް އަޅައެއް ނުގަނޭ. ނަމަވެސް ތަންކޮޅެއް ދުރުން ފަތް މިލުވޭ ފަސް ފާޑެއްގެ ވަހެއް ދުވަން ފެށި. ކުރިއަށް ދިޔަވަރަކަށް އެވަސް ގަދަ ވާކަން އަހަރެމެންނަށް ފާހަގަވަމުން ދިޔަ. އެވަގުތު އަހަރެމެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ތަންކޮޅެއް ދުރުން ފަތުއަޑު ކިޔާފައި އަނދަމުން އަންނަ ބޮޑު އަލިފާންގަނޑު ފެނުމުން. "
ވާހަކަ އެހިސާބަށް ދިޔަތަނުން ކުއްލިއަކަށް ޖެހުނު ވައިރޯޅިއަކާއެކު ދިއްލާފައިހުރި އުށްބައްތި ނިވުނެވެ. ހަމައެއާއެކު ކޮޓަރީގެ ކުޑަދޮރުތައް ވަރަށް ބާރަށް ޖެހޭ އަޑު އިވެން ފެށިއެވެ. އެންމެންތައް ބިރުން ރޮއި ހަޅޭއް ލަވަން ފެށިއެވެ. އެކަކު އަނެކެއްގެ ގައިގައި ބައްދައިގެތެވެ. އަހަރެންވެސް އިނީ ލޯމަރައި ފިއްތައި ބާރުކޮށްގެނެވެ. ކަންފަތް މަތީގައި އަތްވެސް އެޅުނީ އިޚްތިޔާރަކާނުލައެވެ. "އަޑުމަޑުކުރޭ! އަޑުމަޑުކުރޭ!" ފަންޑިތަވެރިޔާގެ އަޑު އިވުމުން އެންމެންވެސް ހަމައަކަށް އެޅުނެވެ. "ދޭ އެކުޑަދޮރުތައް ލައްޕާފަ އަންނަން" ފަންޑިތަވެރިޔާ އެހެން ބުނުމުން ޖެހިލުންވެ ހުރެ އަހަރެން ތެދުވެގެން ގޮސް ކުޑަދޮރުތަކުގެ ކައިރިއަށް ހުއްޓުނީމެވެ. އެވަގުތު ބޭރުން މީހަކު ހުރަސްކުރިހެން އަހަރެންނަށް ހީވިއެވެ. ނަމަވެސް އަހަރެން ބިރުން ތެޅިގެންފިނަމަ ދެން ތިބި މީހުންނަށް ވާނެގޮތް އެނގޭތީ އެއްވެސް އަޑެއް ނުޖައްސާ ކުޑަދޮރުތައް ލެއްޕުމަށްފަހު ހިނގައިގަތީމެވެ. ދެންވެސް ފެނުނު މަންޒަރުން އަހަރެންގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. އަހަރެން އަވަސް އަވަހަށް އަލަމާރި ބިއްދަށަށް ވަދެ ފިލައިފީމެވެ. "އޭ! އޭ! ހަމަޖެހިބަލަ. މީ އަހަރެންނޭ" ލައިޓަރެއް ރޯކޮށްގެން މޫނާ ދިމާއަށް އަލިކޮށްގެން އެހުރީ އަހަރެންގެ ކޮއްކޮއެވެ. ކޮއްކޮ ގޮސް އެއްކަލަ އުށްބައްތި ރޯކޮށްލުމުން އަހަރެންވެސް ގޮސް އިށީންނީމެވެ. އަދި އަހަރެންގެ ވާހަކަ އަނެއްކާވެސް ފެށީމެވެ.
"ގަސްތައް އަންދާ ހުލިކުރަމުން އައި އެ ބިޔަ އަލިފާންގަނޑު ފެނުމުން ވަގުތުން، ބަލާކަށް ނުތިބެ، ފައިގައި ހުރި ބާރެއްލާފައި އެންމެން ވެސް ސަލާމަތް ހޯދުމަށްޓަކައި ދުއްވައިގަތީ އަނބުރައި، އައި ކޮޅަށް. އަހަރެންގެ އަވަސް ދުވުމަށް ހުއްޓުމެއް އައީ އަތިރިމައްޗަށް ނުކުމެވި ރާޅު ބީއްސާ ހިސާބާށް ދެވުމުން. އަނެއްކާވެސް ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެއް. ކުރިމަތިން ފެންނަން އެއޮތް ބޮޑު ކަނޑުވެސް ކެކި އުތުރި އަރަނީ އެއިރު. އެމޫދުގައި ވަނީ ފެނެއް ނޫން. ދިޔާ އަލިފާން. ހީވަނީ އަލިފާން ފަރުބަދައަކުން ފައިބައިގެން އައިސްފައިވާ އަލިފާނުގެ ރާޅެއް ހެން. ފިލަން ދުވާނެ އެއްވެސް ތަނެއް ދެނެއް ނޭނގުނު. މުޅި މީހާ ހޫނުވެ ނޭވާ ހާސްވާން ފެށި. އަހަރެންނަށް ހުވަފެނުން ހޭލެވުނީ އެވަގުތު."
އަހަރެންގެ ވާހަކަތައް ނިމުމުން ފަންޑިތަވެރިޔާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ތީ ކަމެއް ގޯސްކޮށް ވާން އުޅޭކަމުގެ ބަވައްޗެއް. ތިކުދިން ކުރިއަށް އޮތް 3 ދުވަސް ތެރޭގައި އެއްވެސް ދަތުރެއް ދާން ރާވާފައިތަ އޮތީ؟" އޭނާ ސުވާލުކުރި ގޮތުން ހީވީ ހަމަ އެނގިގެން ބުނި ހެންނެވެ. "ލައްބަ. މާދަމާ ދަތުރު ދާން ރާވާފަ އޮތީ. އެކަމަކު މިހާރު އެދަތުރު ކެންސަލްކޮށްފިން" ބިރުން އަޑު ތުރުތުރުލާ ހާލު ފަރުހާދު ޖަވާބުދިނެވެ. "ރަނގަޅު. ކުރިއަށް އޮތް ތިން ދުވަހުގައިވެސް އެއްވެސް ތާކަށް ގޮސްގެން ނުވާނެ." އެހެން ބުނަމުން އެމީހާ ދިއްލާފައިހުރި އުށްބައްތިއާއި ވަރަށް ކައިރިއަށް ގުދުވިއެވެ. އެހެން ގުދުވި ވަގުތު އުށްބައްތީގެ ހުޅުކޮޅުގައި އެމީހާގެ ތުނބުޅި ޖެހި އެ ދިގު ތުނބުޅީގައި އަލިފާން ހިފިއެވެ. އަނެއްކާވެސް އެންމެން ބިރުން ހަޅޭއްލަވަން ފެށިއެވެ. އެމީހާވެސް ތެދުވެ ތެޅީފޮޅެން ފެށިއެވެ.
ސިރާޖު ފުންމައިގެން ގޮސް ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. ކޮޓަރި ރަނގަޅަށް އަލިވެ އެންމެން ހަމައަކަށް އެޅިފައި ބަލާލިއިރު އެއްކަލަ މީހާގެ ތުނބުޅި އޮތީ ބިންމަތީގައެވެ. އެންމެން ހައިރާންކަމާއެކު އެއްފަހަރު އެމީހާގެ މޫނަށް އަނެއްފަހަރު އެ ތުނބުޅިގަނޑަށް ބަލަމުން ދިޔައެވެ. ފަންޑިތަވެރިޔަކަށް އެހުރީ އަހަރެންގެ ކޮއްކޮގެ ރައްޓެއްސެއް ކަމަށްވާ ހަނީފެވެ. އެންމެން ތިބީ ބުނާނޭ އެއްޗެއްވެސް ނޭނގި ބަސްހުއްޓިފައެވެ. އެ ހަމަހިމޭންކަން ފޫއަޅުވާލީ އަހަރެންގެ ކޮއްކޮގެ ހުނުމުގެ އަޑެވެ. އެއާއެކު އެ ހަނީފުވެސް ހޭން ފެށިއެވެ. އަހަރެން ގާތަށް އައީ ރުޅިއެވެ. "ކޮއްކޮ ހީކުރީ މީ ސަމާސާއެއް ކަމަށްތަ؟ އެއްވެސް މަޖަލެއް ނޫން." އަހަރެން އެހެން ބުނުމުން އަހަރެންގެ ރައްޓޠެހިން ގާތާށް ވެސް ހިނިއައެވެ. ދެން ވާހަކަ ދައްކަން ފެށީ އަހަރެންގެ ކޮއްކޮއެވެ.
"ބަލަ ދޮންބޭ! ދޮންބެމެންނަށް ހަމަ ހީވޭތަ ހުވަފެނެއްގެ ސަބަބުން ތިފަދަ ކަންތައްތަކެއް ވެދާނެހެން؟ އަޅެ ފަހެ މޮޔަ ބައެއްތަ ތީ؟ އެރޭ މުޅި ގެއިން ކަރަންޓު ދިޔަކަމެއް ހަމަ ދޮންބެއަށް ނޭނގޭ ދޯ. ދޮންބެއަށް ތިބުނާ ހުވަފެނެއް ފެނިގެން ހޭލެވުނީ ހަމަ ކަރަންޓުވެސް އައި ވަގުތަށް ކަމަށް ވާނީ. އެރޭ ގޭތެރޭގައި އުޅުނީ އަހަންނޭ. ދޮންބެއަށް ހޫނުވާނޭ ވަރު އެނގޭތީ ދޮންބެގެ ކޮޓަރީގެ ދޮރުވެސް ހުޅުވީ އަހަރެން. ކަރަންޓުއައިމަ އެދޮރު ލެއްޕީވެސް އަހަރެން. ދެން ދޮންބެ އަހަރެންނަށް އެ ވާހަކަ ކިޔައިދިން އިރު އަހަރެން އިނީ ކާށެންނު. ކުވުނު މިރުސްގަނޑު ކުޅިކަމުން އަހަރެން ދާ ހިއްލީ."
ކޮއްކޮގެ ވާހަކަތައް އަހާފައި އަހަރެންނަށް ލިބުނީ ޝޮކެކެވެ. "ދެން މިތިބަ މީހުން..." އަހަންނަށް އެހިސާބަށް ބުނެވެން ވީއިރަށް ކޮއްކޮ ޖަވާބުދިނެވެ. "އެމީހުންވެސް މިއަދު އައިސް އަވަސްއަރުވާލާފައި ތިބި ވަރުން ކޮޓަރީގެ ފަންކާ ޖައްސާކަށްވެސް ހަނދާނެއް ނެތެންނު. މަ ދުށީމޭ އެވަގުތު ފަންކާ ހުރީ ނުޖައްސާ. ދެން ކިހާ ދާއެއް ހިއްލާނެ. އެކަމަކު ތިމީހުންނަށް އެކަމެއް ނޭނގޭކަން އެނގުމުން އަހަރެންގެ ހިތަށް އެރީ މިފަހަރު ލަނޑެއް ދޭނަމޭ. އެހެންވެ އަހަންނާއި ހަނީފާ ރޭވި ރޭވުމެއް މިއީ. އެކަމަކު ތިހާ ބިރުގަންނާނޭ ކަމަކަށް އަހަރުންވެސް ހިޔެއް ނުކުރަން ދޯ ހަނިއްޕޭ" ހަނީފް އޭނަގެ ހިނިގަނޑު ކޮންޓްރޯލްކުރަމުން ބޯޖަހާލިއެވެ. ވަގުތުން އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެނެވެ. އެއްކަލަ ބިރުން އުޅުނު ފަރުހާދާއި ސިރާޖުވެސް ޖޯކުޖަހަން ފެށީ އަހަންނަށެވެ. އެންމެން އަހަންނަށް މަލާމާތްކުރަން ފެށުމުން އައި ރުޅީގައި އަހަރެން ކޮޓަރިން ނުކުމެގެން ދިޔައީއެވެ.
-ނިމުނީ-
މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ އަބްދުﷲ ޛައިދު ތ.ހިރިލަންދޫ/އާކާސް އެވެ. ވާހަކަ ހުށައެޅީ ބަދުރުއްސަލާމް ކުދެހިމާގެ ހއ.ކެލާއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 05 ޟައްވާލް 1442 އެވެ.