މިދިޔަ ހުކުރު ދުވަހު އައި.އެސް
ޖަމާއަތުން ޕެރިހަށް ދިން ޙަމަލާތަކަށްފަހު އެޖަމާއަތް ފުނޑުފުނޑު ކޮށްލުން
ފަރަންސޭސިވިލާތުގެ މައްޗަށް ވާޖިބު ވެއްޖެކަމަށް އެގައުމުގެ ރައީސް ފޮންސުވާ އޮލޯންދް
ވިދާޅުވެއްޖެއެވެ.
ވާސައިލެސްގައި ހުންނަ ރިޔާސީ
ގަނޑުވަރުގައި ބޭއްވި ފަރަންސޭސި ޕާލަމެންޓްގެ ދެގޭގެ ޖަލްސާއެއްގައި ތަގްރީރު
ކުރައްވަމުން އޮލޯންދް ވިދާޅުވީ އައިއެސް ޖަމާއަތަކީ އެއްވެސް ހަޟާރަތެއް އަދި
މަދަނިއްޔަތެއް ގަބޫލުނުކުރާ މުޅި އިންސާނިއްޔަތަށް ނުރައްކާތެރި ދުޝްމަނެއްކަމަށެވެ.
އޮލޯންދް ވިދާޅުވީ
ފަރަންސޭސިވިލާތް މިހާރުވެސްވަނީ އައިއެސްއާ ހަނގުރާމައިގެ ޙާލަތުގައި ކަމަށާ
މިހަނގުރާމައިގާ އައިއެސްގެ މައްޗަށް އެގައުމުން ކާމިޔާބު ހޯދާނެކަމަށެވެ.
އަދި
ފަރަންސޭސިވިލާތުގެ އަމާޒަކީ އައިއެސް ކޮންޓްރޯލް ކުރަންނޫންކަމަށާ އެގައުމު
ބޭނުންވަނީ އައިއެސް ޖަމާއަތް މުޅިން ފުނޑުފުނޑުކޮށް ވުޖޫދުން
ފުހެލުމަށްކަމަށްވެސް އޮލޯންދް ވިދާޅުވިއެވެ.
ޕެރިސްގެ ޙަމަލާތަކަށްފަހު
ފަރަންސޭސިވިލާތުގެ ކަންކޮޅުތަކުގައި އިޢްލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ
ޙާލަތު ތިން މަސްދުވަހުގެ މުއްދަތަށް އިތުރުކުރަން ބޭނުންވާކަން
އިޢްލާންކުރައްވަމުން އޮލޯންދް ވިދާޅުވީ މިކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ
ބަދަލުތައް ގެނައުމަށް ޕާލަމެންޓަށް ހުށަހަޅުއްވާނެ ކަމަށެވެ.