އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޝާމިލުވާ މީހުންގެ ލިސްޓު ކޮމިޓީ ރިޕޯޓާއެކު ޢާންމުކުރުމަށް މައްސަލަ ބަލާ މަޖިލީހުގެ ސަބް ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީން އެލިސްޓް ޢާންމުކުރުމަށް ނިންމެވީ އެއްވެސް ބަދަލެއް ނުގެނެސް އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ގޮތަށެވެ. އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ 281 މީހެއްގެ ނަން ހިމަނާފައިވާއިރު، އޭގެ ތެރޭގައި މިހާރުގެ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި 119 މީހަކުވެސް ހިމެނޭކަމަށް ކޮމިޓީގައި މެންބަރުން ދެއްކެވި ވާހަކަފުޅުތަކުން ވަނީ އެނގިފައެވެ.
އެހެންކަމުން އޭގެތެރެއިން ޢައްޔަންކޮށްފައިވާ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުތަކުން ދުރުކުރުމުގެ މަސައްކަތް ކޮމިޓީން ވަނީ ފަށާފައެވެ. އަދި އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އެންމެ އެދެވޭގޮތަކީ އަމިއްލައަށް އިސްތިއުފާދެއްވުންކަމަށްވެސް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެފަދަ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މަޤާމުތަކުން ދުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓް މަޖިލީހާ ޙިއްސާކުރައްވަމުން އެލިސްޓްގެ ސިއްރުކަން ހިފަހައްޓައިދިނުމަށްވަނީ އެދިފައެވެ. ނަމަވެސް ކޮމިޓީގެ މެންބަރުން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައަކަށްވާތީ ލިސްޓް ޢާންމުކޮށްގެން ތަހުގީގަށް ހުރަސް އެޅޭނެކަމަށް ޤަބޫލު ނުކުރާކަމަށް ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މަޖިލީހުން ބަލަން ފަށާފައިވާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގައި ތަހުގީގީ އިދާރާތަކަށް ނަތީޖާއެއް ނެރެވިފައިނުވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމައްސަލަ މަޖިލީހުން ކުރިއަށްގެންދަވާނެކަމަށާއި، މި މައްސަލަ ބެލުމަށް މަޖިލީހުން ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ވިދާޅުވެފައެވެ. މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.